ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ސޮވަރިން ފަންޑް

މި ސަރުކާރުގެ ފުރަތަމަ މަޖިލީހަށް ފޮނުވި ބިލަކަށް ސޮވަރިން ފަންޑުގެ ބިލް

ސޮވަރިން ފަންޑަށް ގާނޫނީ ބާރުވެރިކަން ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ކެމްޕޭން ދުވަސްވަރު ވަނީ ވިދާޅުވެފައި
21 ފެބްރުއަރީ 2024

މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބިލުގެ ގޮތުގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއީ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު 'ހަފްތާ 14'ގައި ވެސް ހިމަނާފައި އޮތް ކަމެކެވެ.

ތަފްސީލު - މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަަރު މޫސާ ސިރާޖު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އެވެ.

"ހާއްސަ އިސްކަމެއް ދީގެން މި ބިލު ހުށަހެޅުމުން ޔަގީންވަނީ މާލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ރައީސް މުއިއްޒު އަޅުއްވާކަން،" އެ ޕޯސްޓުގައި ސިރާޖު ވިދާޅުވި އެވެ.

އެނގުން މުހިންމު - ސޮވަރިން ފަންޑަކީ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުން ސަލާމަތް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ.

ސޮވަރިން ފަންޑް އެންމެ ފުރަތަމަ ފެށީ ޑޮލަރުން ފައިސާ ބަހައްޓާ ފަންޑެއްގެ ގޮތުގައި ނަމަވެސް، ކޮވިޑްގެ ދަތިކަމާ އެކު 30 ޑިސެމްބަރު 2020 އިން ފެށިގެން އެ ފަންޑުގައި މިހާރު ހުންނަނީ މުޅިން ވެސް ރުފިޔާ އެވެ. ސޮވަރިން ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް ވަނީ މާރުކޮށްފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު އެ ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށެވެ.

ގުޅުންހުރި ކަމެއް - އެ ފަންޑަށް ގާނޫނީ ބާރުވެރިކަން ދެއްވާނެ ކަމަށް، ރިޔާސީ ކެމްޕޭން ދުވަސްވަރު ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް