ގައްދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ގދ. ގައްދޫ

މާވާރުލު އެއާޕޯޓާއި ގައްދޫ ފާލަމަކުން ގުޅާލަން ރައީސް ވައުދުވެއްޖެ

ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކޮށްގެން އެއާޕޯޓުތަކަށް ކުރާ ދަތުރުތައް އިތުރުކުރައްވާނެ ކަމަށް

ގދ. ގައްދޫ ކައިރީ އޮންނަ މާވާރުލު އެއާޕޯޓު ތަރައްގީކޮށް ދެ ރަށް އެއްގަމު މަގުން ގުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ގައްދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މާާރުލުލު އެއާޕޯޓަށް ބޭނުންވާ ތަރައްގީ އަށް ކުރަންޖެހޭ ކަންތައް އެބަހުރި ކަމަށެވެ.

ތަފްސީލް - ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގައްދޫ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރައީސް ވަނީ މާވާރުލު އެއާޕޯޓަށް ބޭނުންވާ ހިދުމަތްތައް ގާއިމް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭގޮތުން ރައީސް މިއަދު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ތަރައްގީ އަށް ކުރަންޖެހޭ މަސައްކަތްތަކަކީ ގައްދޫ އާއި އެ ސަރަހައްދުގެ ތަރައްގީ އަށް ވެސް މުހިއްމު ކަމެއް ކަމަށެވެ.

"ކެމްޕޭނު ތެރޭގައި ވެސް އަޅުގަނޑު އެކަމަށް ވައުދުވިން. އެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދީ. އަދި އެ އެއާޕޯޓާ މި ރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެކަމަށް ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތު ނަގާނެ ކަން ފާހަގަ ކުރައްވާ އެެއާޕޯޓާ ގައްދޫ ގުޅާލުމަށް އެ ރަށުގެ ރައްޔިތުން ކުރާ އިންތިޒާރަށް ނިމުން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ގައްދޫ ރައްޔިތުންނަށް ރައީސް އެރުއްވި އެވެ.

"ފްލައިޓް ފްރެކުއެންސީ [އިތުރުކޮށް] މިހާރަށް ވުރެ ގިނައިން ފްލައިޓު އެޅޭނެ ގޮތް [ހަދަން]. އެއާ ގުޅިފައި މިއޮތީ ޓޫރިޒަމް. ޓޫރިޒަމާ ގުޅިގެން ނޫނީ ދަތުރުތައް އިތުރެއް ނުއެއް ކުރެވޭނެ. އެހެންވީމާ މުޅި އަތޮޅުގެ ތަރައްގީ އާ ގުޅިލާމެހިފައި އެއާޕޯޓުތައް ފަންކްޝަން ކުރުން ނޫނީ ފީޒިބަލް ވުން ގުޅިފައި މިއޮތީ،" ގދ. އަތޮޅަށް ޓޫރިޒަމް ފުޅާވެ، އަތޮޅަށް ތަރައްގީ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި - ގދ އަތޮޅަށް ޓޫރިޒަމް ފުޅާކުރަން ޖެހޭކަމަށް ރައީސް ވިދާޅުވި އިރު، ގދ. ތިނަދޫގައި ބައިނަލް އަގުވާމީ އެއާޕޯޓެއް އަޅާ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ތައިލެންޑު ކުންފުންޏަކާއެކު ސަރުކާރުން ރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުނިން600-400 މިލިއަން ޑޮލަރު އިންވެސްޓު ކުރާއިރު އެ ކުންފުންޏަށް ގދ. އަތޮޅުން12 ފަޅުރަށް ޓޫރިޒަމަށް އިންވެސްޓު ކުރަން ދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް