ޖުޑީޝަލް ސާވިސް ކޮމިޝަން ހިންގާ އިމާރާތް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ޖޭއެސްސީއަށް ލަފާ ދޭން ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި

ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި ޖޭއެސްސީގެ ރައީސްވެސް ހިމެނިވަޑައިގަންނަވާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފާ ދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި އެވެ.

ވީ ކިހިނެއް؟ - ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑު އުފެއްދުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެވެ.

ތަފްސީލު - ކޮމިޝަނުން ބުނި ގޮތުގައި މި ބޯޑުގެ ބޭނުމަކީ:

  • ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅުމުގައި، ފަނޑިޔާރުންގެ ބައިވެރިވުންއިތުރުކުރުން

  • ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމަށް ހެދުން

  • ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ކޮމިޝަނަށް ލަފާދިނުން

އެ ބޯޑުގައި އެންމެ އިސް ބޭފުޅުންނަށް ތިއްބަވަނީ، އުއްތަމަފަނޑިޔާރާއި ޖޭއެސްސީގެ ރައީސް އެވެ. ދެން އެ ބޮޑުގައި ތިއްބަވަނީ:

  • ހައި ކޯޓުގެ އިސް ފަނޑިޔާރު 

  • ސުޕްރީމްކޯޓާއި ހައި ކޯޓު އަދި ދަށުކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ޖޭއެސްސީގައި ކޮމިޝަންގައި ތަމްސީލްކުރައްވާ އެ ކޯޓެއްގެ ތިން ފަނޑިޔާރުން

  • ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންގެ ތެރެއިން އުއްތަމަފަނޑިޔަރު އައްޔަން ކުރައްވާ ފަނޑިޔާރަކު

  • މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރަކު

  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

އެ ބޯޑަށް އުއްތަމަފަނޑީޔާރު އައްޔަން ކުރައްވާ ބޭފުޅުން އައްޔަން ކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކުން އެއް ފަހަރު ބަދަލުވާ ގޮތުގެ މަތީން ކަމަށް ޖޭއެސްސީން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް