އާރުއޭސީއެލްގެ އާ އޭޕްރަން ހުޅުވުން. (ފޮޓޯ/އާރުއޭސީއެލް)

ހަނިމާދޫ އެއާޕޯޓްގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި؛ ހާއްސަ ކުރާނީ ޖެޓުތަކަށް

އާ އޭޕްރަންގައި އެއްފަހަރާ ހަ ޖެޓަށް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ
19 ފެބްރުއަރީ 2024

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށައިފި އެވެ.

އެނގުން މުހިންމު - އިންޑިއާގެ އެގްޒިމް ބޭންކުގެ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ ލޯނެއްގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 22 އޮކްޓޫބަރު 2022 ގަ އެވެ. އެ މަޝްރޫއުގައި އާ ރަންވޭ އަކާއި ޒަމާނީ އާ ޓާމިނަލެއް ވެސް ހިމެނެ އެވެ.

ވީ ކިހިނެއް؟ - ހަނިމާދޫ އެއާޕޯޓް އޮޕަރޭޓުކުރާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ބުނީ އެ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް، އާ އޭޕްރަން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށީ އިއްޔެ ހެނދުނު ޖެއްސި މޯލްޑިވިއަންގެ ފްލައިޓާ އެކުގަ އެވެ.

އާރުއޭސީއެލްގެ އާ އޭޕްރަން ހުޅުވުން. (ފޮޓޯ/އާރުއޭސީއެލް)

ތަފްސީލު - އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވި ގޮތުގައި މި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާ މަޝްރޫއުގައި ނުހިމެނޭ ބައެކެވެ. މިއީ އޭނާ ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށް އެ ކުންފުނީގެ އާމްދަނީ އިތުރުކުރެވޭނެ މަގުފަހި ކުރުމަށް ކުރި މަސައްކަތެކެވެ.

އާރުއޭސީއެލްއިން ބުނި ގޮތުގައި:

  • އާ އޭޕްރަންގެ ބޮޑުމިނަކީ 42،000 އަކަފޫޓު

  • އެ އޭޕްރަން މާކެޓު ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައި

  • އާ އޭޕްރަންގައި އެއްފަހަރާ ހަ ޖެޓު ޕާކު ކުރެވޭނެ

  • އެއާޕޯޓް ތަރައްގީކުރާ މަޝްރޫއު ނިމޭއިރު އެ ސަރަހައްދު ބޭނުންކުރާނީ އައިސޮލޭޝަން ބޭއެއްގެ ގޮތުގައި

މުޅި މަޝްރޫއު ނިމުމުން:

  • ރަންވޭ އޮންނާނީ އޭ320 އާއި ބޮއިންގް 737 ބޯޓު ޖެއްސޭ ފެންވަރަށް

  • އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • ތެޔޮ ރައްކާ ކުރެވޭ އިންތިޒާމު ހަމަޖެހޭނެ

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ސަރުކާރުން އޮގަސްޓް 2023ގައި ހަނިމާދޫ އެއާޕޯޓު މަޝްރޫއު ކުރިއަށްދާ ގޮތް ނޫސްވެރިން އެތަނަށް ގެންގޮސްގެން ދައްކާލި އެވެ.

އޭރު އޮތް އާރުއޭސީއެލްގެ މެނޭޖްމަންޓާއި ކޮންޓްރެކްޓަރުން ބުނީ އާ އޭޕްރަން އާއި ދެ ޓެކްސީވޭގެ މަސައްކަތް ޑިސެމްބަރު 2023އަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އާރުއޭސީއެލްއިން މިހާރު ބުނާ ގޮތުގައި މިއީ އެ އޭޕްރަން އެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް