ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ ގުޅިގެން، އޭސީސީ އާއި ކުރީގެ އަދި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އޮފިޝަލުން ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

ފްލެޓު ދިނީ ގޯސްކޮށް ނަމަ، އާންމުންނަށް އަދަބު ނުދީ އެ ބަޔަކާ މެދު ފިޔަވަޅު އަޅާ: އަކުރަމް

އަކުރަމް ވިދާޅުވީ ހަމައެކަނި 4،000 ފޯމު ބަލައިގެން ތުހުމަތުތަކެއް ކުރުމުގެ ބަދަލުގައި އޭސީސީއިން ދާއިމީ ލިސްޓު އެއްކޮށް ބަލަން ޖެހޭނެ ކަމަށް
19 ފެބްރުއަރީ 2024

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސުކީމް ކުރިއަށްދިޔައީ ގޯސްކޮށް ކަމުގައިވާ ނަމަ، ރައްޔިތުންނާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ކުރި ބަޔަކާ މެދު ފިޔަވަޅު އެޅުމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އިލްތިމާސް ކުރައްވައިފި އެވެ.

އެނގުން މުހިންމު - 'ގެދޮރުވެރިޔާ ސުކީމް'ގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި "އުސޫލާ ހިލާފަށް ލިބޭ މީހުންގެ ލިސްޓެއް އިއުލާންކޮށް" ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ ފްލެޓް ހަވާލުކުރުން އޭސީސީން ހުއްޓުވައިފަ އެވެ.

އޭސީސީއިން ބުނާ ގޮތުގައި ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ތެރެއިން:

  • ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތައް: %20.7

  • ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރި ފޯމުތައް: %19.7

  • ޝަރުތު ފުރިހަމަ ނުވާ ފޯމުތައް: %59.6

ވީ ކިހިނެއް؟ - މި މައްސަލާގައި އިތުރަށް މަޝްވަރާ ކުރުމަށް އޭސީސީ އާއި ފްލެޓާ ގުޅޭ މަސައްކަތްތަކުގައި ކުރީގެ ސަރުކާރުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އޮފިޝަލުން އެއް މޭޒަކަށް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ އެކީގައި މިއަދު ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ކުރީ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް ވަޒަންކުރުމަށް ނަގާފައިވާ ކޮމިޓީގެ ޗެއާކަން ވެސް ކުރެއްވި އަކުރަމް ވަނީ އޭސީސީގެ ތުހުމަތުތަކާއި ފްލެޓުގެ ކަންކަން މިހާރު ކުރިއަށްގެންދާ ބެހޭ ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވައިފަ އެވެ.

އަކުރަމް ވިދާޅުވީ "އެތައް ފަހަރަކު މިތަނަށް [ކޮމެޓީއަށް] އާދެވިއްޖެ" ކަމަށާއި ފްލެޓު ދިނުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތް ވެސް ވަރަށް ސާފުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ.

"ޝަރުތު ހަމަވާ ކަމަށް ބެލި މީހުން [ދާއިމީ ލިސްޓުގައި ތިބި އެންމެން] އެސީސީއިން ބައްލަވަން ޖެހޭނެ. ކޮންމެހެން 4،000 އެކަންޏެއް ނޫން ބައްލަވަން ޖެހޭނީ، މިގޮތަށް ކެޓަގަރައިޒް ކުރައްވާއިރު ނޫނީ މުޅި އެތި ބައްލަވާއިރު،" އަކުރަމް ވިދާޅުވި އެވެ.

އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އަކުރަމް ފާހަގަކުރެއްވި ކަމަކީ މިކަން ވަކި ގޮތަކަށް ނުނިމި ދިގުލައިގެންދާ ދިޔުމެވެ.

"މިއީ ރައްޔިތުންނާ ސީދާ ގުޅިފައި އޮތް ކަމެއް. ރައްޔިތުންގެ ހައްގުތަކެއް. [މިކަން] ނިންމައި، އެ އޮތީ އެގްރިމަންޓެއް ކުރެވިފައި. އެހެންވީމަ އެ މީހުންގެ ހައްގެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ ސަރުކާރުން ނިންމަން ޖެހެނީ އަދި މަޖިލީހުން ވެސް ބައްލަވަން ޖެހޭނީ އެ މީހުންގެ ހައްގު ލިބޭ ގޮތަށް،" އަކުރަމް ވިދާޅުވި އެވެ.

"މިކަން ކޮށްފައި އޮތީ ގޯސްކޮށް ކަމަށްވާ ނަމަ، ގޯސްކޮށް ކުރި ބަޔަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާށޭ. އެ ބޭފުޅުން [ރައްޔިތުން] ޕީނަލައިޒް ނުކުރައްވާށޭ [އަދަބު ނުދެއްވާށޭ]."

ތަފްސީލު - އޭސީސީގެ ތަހުގީގުގައި ބައެއް މީހުން ޝަރުތު ހަމަނުވާ ކަމަށާއި ޝަރުތު ހަމަވި ނަމަވެސް ފޯމުގައި މައްސަލަ ހުރި ކަމަށް ބުނާ ސަބަބުތައް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާ ވަނީ ހިއްސާކޮށްފަ އެވެ. އޭސީސީއިން އެގޮތަށް ބަޔާންކުރާ ސަބަބުތައް، މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ހިއްސާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ ގުޅިގެން، އޭސީސީ އާއި ކުރީގެ އަދި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އޮފިޝަލުން ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

އެ ސަބަބުތަކަކީ:

  • 1-

    15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވުން

  • 2-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ހުށަހެޅި ކައުންސިލް ސިޓީގައިވާ މައުލޫމާތާއި ގެދޮރުވެރިން ޕޯޓަލްއާ ގުޅުވާފައިވާ ދައުލަތުގެ އެކި ޑޭޓާބޭސްތަކުގައިވާ މައުލޫމާތު ފުށޫއެރުން

  • 3-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ގޭގެއިންނާއި ކުންފުނިތަކުން ދޫކުރި ލިޔުންތަކުގައިވާ މައުލޫމާތާއި ގެދޮރުވެރިން ޕޯޓަލްއާ ގުޅުވާފައިވާ ދައުލަތުގެ އެކި ޑޭޓާބޭސްތަކުގައިވާ މައުލޫމާތު ފުށޫއެރުން

  • 4-

    15 އަހަރު މެދުނުކެނޑި މާލޭގައި އުޅުނުކަން ސާބިތުކުރަން ލިޔުން ހުށަހަޅާފައިނުވާތީ، މަދުވާ އަހަރުތަކަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވުން

  • 5-

    މައި އެޕްލިކެންޓަށް ނުވަތަ ކޯ އެޕްލިކެންޓަށް މީގެ ކުރިން ސޯޝަލް ހައުސިންއެއް ލިބިފައިވުން

  • 6-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ހަމައެކަނި ކައުންސިލް ލިޔުމެއް ހުށަހަޅާފައިވުން

  • 7-

    މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ހަމައެކަނި ގޭގެއިން ލިޔުން ހުށަހަޅާފައިވުން

  • 8-

    ރިސޯޓެއްގައި މަސައްކަތްކުރި ނަމަވެސް މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނުކަމަށް ލިޔުން ހުށަހަޅާފައިވުން

  • 9-

    ތައުލީމު ހާސިލުކުރަން ބޭރަށް ދިޔަ މީހުން މެދުނުކެނޑި މާލޭގައި އުޅުނުކަމަށް ބަލާ މުއްދަތުގައި ތައުލީމު ހާސިލުކުރަން ބޭރަށް ގޮސްފައިވުން

  • 10-

    ކުންފުންޏެއް ވުޖޫދުވުމުގެ ކުރިން އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ކަމަށް ލިޔުން ހުށަހެޅުން

  • 11-

    މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ 60،000ރ.އަށް ވުރެ އިތުރުވުން

  • 12-

    ޝަރުތު ފުރިހަމަ ވި ނަމަވެސް ފޯމުގައި މައްސަލަތަކެއް ހުރުން

އެނގުން މުހިންމު - މާދަމާއަށް ވެސް ކޮމެޓީގެ އިތުރު ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ފްލެޓުތަކާ ގުޅޭގޮތުން އޭސީސީއިން ހިއްސާކުރި މައުލޫމާތުގައި ހިމެނޭ ސިއްރު މައުލޫމާތުގެ ބައިތަކާ ބެހޭގޮތުން ކަމަށްވުމާ އެކު ކޮމެޓީން މިއަދު ނިންމީ އެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް