ކްރިއޭޓާސް ކޮންފްލުއެންސް ފޯރަމްގައި ބައެއް ފަންނުވެރިން ބައިވެރިވަނީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ބީސީސީގެ ސައްލާއަށް ފަންނުވެރިން އެއްވެ އެތައް ހިޔާލުތަކެއް
ފަންނުވެރިކަމުގެ އެކި ދާއިރާތަކުގެ ފަރާތްތަކުގެ ހިޔާލުތައް އެއްކޮށް ސަރުކާރުގެ ކުރިއަށް ހުރި ރޭވުންތަށް ރޭވުމަށްޓަކައި 'ކްރިއޭޓާ ކޮންފުލުއެންސް' ނަމުގައި ފޯރަމެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިކޮނޮމިކް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުގައި އޮންނަ ބިޒްނެސް ސެންޓާ ކޯޕަރޭޝަން(ބީސީސީ)އިން އިންތިޒާމްކޮށް ބާއްވާ މި ފޯރަމް ފަށާފައި ވަނީ މިއަދު ހެނދުނު 10 ޖެހިއިރު އާޓް ގެލެރީގަ އެވެ.
ތަފްސީލު - އެކި އެކި ޝެޝަންތަކަށް ބަހާލައިގެން ބާއްވާ މި ފޯރަމް މިރޭ 10 ޖަހަންދެން ކުރިއަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ކުރެހުންތެރިންގެ ސެޝަން
-
ޑިޖިޓަލް އާޓިސްޓުންގެ ސެޝަން
-
ކޮޮންޓެންޓް ކްރިއޭޓާސް ސެޝަން
-
މިޔުޒީޝަނުންގެ ސެޝަން
-
މީޑީއާ ސެޝަން
ބީސީސީގެ މޭނެޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު 'ދައުރު'އަށް ވިދާޅުވީ، މި ފޯރަމް ބާއްވަނީ މައިގަނޑު ދެ ބޭނުމެއްގަ އެވެ. އެއީ:
-
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިގުތިސާދެއް ބިނާކުރުމަށް މި ސަރުކާރުން ގެންގުޅޭ ތަސައްވަރު ހަގީގަތަކަށް ހެދުމަށްޓަކައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް
-
ފަންނު ވެރިންނަށް 'ކްރިއޭޓާ ހަބް'ގެ ނަމުގައި ގާއިމްކުރާ 11 ބުރީގެ އިމާރާތުގެ ވަސީލަތްތަކަކީ އެމީހުންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރާ ވަސީލަތްތަކަކަށް ހެދުމަށް އެކަމަށް ވެސް ފަންނުވެރިންގެ ހިޔާލު ހޯދުން
"ކްރިއޭޓިވް އެކޮނިމީއެއް ގާއިމް ކުރާއިރު، މި މަސައްކަތުގައި ކްރިއޭޓާސް އެބަ މުހިންމުވޭ. އެފަދަ އެކޮނޮމީއެއްގައި ހުންނަން ޖެހޭ ސިފަތައް ދެނެގަތުމަށް އެމީހުންގެ ހިޔާލު މުހިންމު. އެ ހިޔާލު ހޯދައިގެން އަޅުގަނޑުމެން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާނީ،" ކުރިން ޕީއެސްއެމްގައި ގިނަ ދުވަސަތަކެއް ވަންދެން މަސައްކަތް ކުރެއްވި ޒިޔާއު ވިދާޅުވި އެވެ.
ކްރިއޭޓާ ހަބަކީ:
-
ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން އަންނަ އަހަރު މެދު ތެރޭ ސަރުކާރުން ހުޅުވުމަށް މަސައްކަތް ކުރަމުންދާ އިމަރާތެއް
-
އެތަން ވާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށްފައި ހުންނާނެ ތަނަކަށް
"އެ ދެ މަގުސަދުގައި މި ފޯރަމް ބާއްވާއިރު، މިހާތަނަށް މި ފޯރަމްގެ ތިން ސެޝަނެއް ބޭއްވިއްޖެ. ތިން ސެޝަންގައި ވެސް ވަރަށް ރަނގަޅަށް ހިޔާލާއި މަޝްވަރާ ލިބިގެން ގޮސްފި އެކި އެކި ދާއިރާތަކުން ބޭނުންވަނީ ކޮންކަމެއްތޯ،" ޒިޔާއު ވިދާޅުވި އެވެ.
ސެޝަންތަކުގައި ލިބުނު ހިޔާލަށް ބަލާއިރު މިހާރު ވެސް ރަނގަޅު ކޮށްލެވޭ ބައެއް ކަންކަން ހުރިކަން ފާހަގަކުރައްވައި ޒިޔާއު ވިދާޅުވީ ރޭވުންތައް ރާވާއިރު މި ފެންނުވެރިންގެ ދިން ހިޔާލުތަކަށް އިސްކަން ދޭނެ ކަމަށެވެ.
"އުންމީދު ކުރި ވަރަށްވުރެ ވެސް ބޮޑު ތަރުހީބެއް އެބަ ލިބޭ [މި ފޯރަމްއަށް]. މި ޝެޝަންތަކުގައި އެބަ ބައިވެރިވޭ ވަރަށް ތަޖުރިބާ ހުރި ބޭފުޅުން ވެސް އަދި ޒުވާން ފަންނުވެރިން ވެސް. އެހެންވީމަ، ވަރަށް މިކްސްކޮސް ހިޔާލުތައް މި އަންނަނީ،" ޒިޔާއު ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި އަމާޒަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ފޯރަމްތައް ބޭއްވުން ކަމަށެވެ.
ބީސީސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ އަދި ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް ކުރީގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.