މާލޭގައި ގާއިމްކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްރަށްވެހިންނަށް އިސްކަންދޭނަން: ރައީސް

އިސްރަށްވެހިންގެ އިތުރުން މުޖުތަމައުގެ ތެރޭގައި ހަވާސާވެފައިވާ އެހެން ފަރާތްތަކަށް ވެސް މިސަރުކާރުން ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި
17 ފެބްރުއަރީ 2024

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްރަށްވެހިން ހިމެނޭ ގޮތަށް، މުޖުތަމައުގެ ތެރޭގައި ހަވާސާކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގެ ދަށުން މާލޭގައި ގާއިމްކުރެއްވި އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވުމަށް މިއަދު ބޭއްވި ރަަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "... ހަވާސާވެފައިވާ، އަޅާނުލެވި، ސަރުކާރުގެ ރާޑަރަށް ނާރާ، އަބަދުވެސް އެއްކައިރީގައި [މުޖުތަމައުގެ ބައެއް މީހުން އެބަތިބި]. ބަޖެޓުގެ ގޮތުން ބެލިޔަސް، އެކި ކަހަލަ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށް ވިޔަސް، އެކި ކަންކަމުގައި ހަވާސާ ވެފައި ތިބި ފަރާތްތައް މެއިންސްޓްރީމް ކޮށްގެން ރާޑަރުގެ މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވިސްނުން،" ރައީސް ވިދާޅުވި އެވެ.

އެ ފަރާތްތަކަށް ހާއްސަކަން ދީ، ސަމާލުކަން ދީގެން ކަންކަން ކުރިއަށް ގެންދިޔުމުގެ ތެރެއިން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ޝަރުތުތައް ކަނޑައަޅާނީ މުޖުތަމައުގައި ހަވާސާވެފައި ތިބި މީހުންނަށް ފުރުސަތު ފަހިވާގޮތަށެވެ. އެގޮތުން:

  • އެކަމަށް ހާއްސަ ބިލެއް ކުރިއަށް އޮތްތަނުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި

  • މިއީ، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގެދޮރުވެރިކަމުގެ ފަންތިތަކާއި ގިންތިތައް ކަނޑައެޅުމާ ބެހޭ ބިލެއް

"މި ބިލު ފަރުމާކުރެވިގެންދާއިރު މީގައި މި އޮންނަނީ މި ދެންނެވި ގޮތަށް [ހަވާސާވެފައިވާ ފަރާތްތަކަށް ސަމާލުކަން ދެވޭ ގޮތަށް]،" ރައީސް ވިދާޅުވި އެވެ.

"އިސްރަށްވެހިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގެދޮރުގެ ދަތިކަން. ހާއްސަ ސަމާލުކަން ދެވިގެން ކުރިއަށް އޮތްތަނުގައި ގެދޮރުގެ އެކި މަޝްރޫއުތަކުގައި މި ސަމާލުކަން ދެވިގެން އެމީހުންނަށް ފުރުސަތު ވަރަށް ބޮޑަށް ލިބޭނެ."

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރަސްވެހިންނާއި މުޖުތަމައުގެ ތެރޭގައި ހަވާސާވެފައި ތިބި ފަރާތްތަކަށް އިސްކަން ދީ، އެއީ މުޖުތަމައުގެ ތެރޭގައި ގަދަރުލިބޭ ބަޔަކަށް ހެދުމުން މުޅި ގައުމަށް ވެސް ހެވާ ލާބަ ލިބިގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް