މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރާ (ފޮޓޯ/އެމްއެމްސީ)

ރަޖިސްޓްރީ ނުކޮށް ހިންގާ ހަބަރު ވެބްސައިޓްތަކުގެ މައްސަލަ ބަލާނެ އުސޫލެއް އެކުލަވާލަނީ

ހަގީގަތާ ހިލާފަށް، ތަކުރާރުކޮށް ދޮގު މައުލޫމާތު ފަތުރުމަށް މީޑިއާތަކުގެ ނަމުގައި ހިންގާ ވެބްސައިޓުތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީޑިއާ ކައުންސިލުން މިއަދު ވަނީ ދީފައި

ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް މީހުންނަށް ހަގީގަތް އޮޅޭގޮތަށް މީޑިއާތަކުގެ ނަމުގައި ހިންގާ ވެބްސައިޓުތަކުގެ މައްސަލަ ބޮޑުވެފައިވާތީ، އެފަދަ ވެބްސައިޓުތަކާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް އުސޫލެއް އެކުލަވާލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްސީން މިކަން ހާމަކުރީ، އެފަދަ ވެބްސައިޓުތަކާ ގުޅިގެން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށް ބުނެ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި އެމްއެމްސީން މިއަދު ވަނީ، އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖްތަމައު ތެރޭ ހަގީގަތާ ހިލާފަށް، ތަކުރާރުކޮށް ދޮގު މައުލޫމާތު ފަތުރާ އެފަދަ ވެބްސައިޓުތަކާއި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކާ މެދު ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ބުނީ ކީކޭ؟ - ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަށް، މީޑިއާއެއް ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ތިން ވެބްސައިޓެއްގެ ނަން ކައުންސިލުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ވެބްސައިޓުތަކަކީ:

  • 1-

    ދިޔަވަރު 

  • 2-

    ކުރުސީ

  • 3-

    ދޮންއަމާ 

އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ، އެ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށް ބުނެފަ އެވެ. އަދި އެ ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފަ ކަމަށް ބަޔާނުގައިވެ އެވެ. އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް އެ ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެމްއެމްސީން ބުނީ، މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ކަންބޮޑުވުމެއް ކަމެއް ކަމަށެވެ.

"އެހެންކަމުން ކައުންސިލުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި، އުސޫލެއް ހަދަން ފާސްކޮށްފައި،" އެ ބަޔާނުގައި ބުންޏެވެ.

މީޑިއާ ކައުންސިލުން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި މީޑިއާތަކާއި ކަމާގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާ އެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

އެމްއެމްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ:

  • މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށް

  • ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ އެ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށް

  • ވަކިން ހާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖްތަމައުއަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގެ ހަގީގީ މައުލޫމާތު މީހުންނަށް ސާފު ނުވާ ކަން ފާހަގަ ކުރެވިފައި ވާ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް