ތާޖު ދުބާއީ ހޮޓެލްގައި ރޭ ދިވެހިންނާއެކު ސަރުކާރުން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު(ފޮޓޯ/ރައީސް އޮފީސް)
ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ލިބޭގޮތް ހަދަނީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނަށް ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސް ތާޖް ދުބާއީ ހޮޓެލްގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ޒަމީރު ވިދާޅުވީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާއެކު ގާތް ގުޅުމެއް އުފައްދަން ދިވެހި އެމްބަސީން މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން އެމްބަސީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުކޮށް ތަރައްގީކުރުމުގެ އެކިއެކި މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަން ފާހަގަ ކުރެއްވި އެވެ.
"މިގޮތުން، ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދު ވެވަޑައިގެންފައިވާ ގޮތުގެމަތިން ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ހަލުވިކަމާ އެކީ ކުރިއަށް އެބަދޭ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ:
-
ދިވެހި އެމްބަސީ މެދުވެރިކޮށް ދޭ ހިދުމަތްތަކުގެ ތެރެއިން އެމްބަސީއަށް ކޮންމެހެން ހާޒިރުވެގެން ކުރަން ޖެހޭ ކަންތައް ފިޔަވައި އެހެން ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ވެސް މިހާރު ވަނީ ހަމަޖެހިފައި
-
ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި އެމްބަސީ އާއި ޔޫއޭއީގައި އުޅޭ ދިވެހިންނާ ދެމެދު ވަރަށް ރަނގަޅު، ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށް އުންމީދު ކުރަން
-
ބޭރު ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތައް މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރީން ގެނައުން އިތުރުކުރުމާއި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމުގެ އިތުރުން ދިވެހި ވިޔަފާރިތައް ދުނިޔެއަށް އިތުރަށް ތައާރަފްކުރުމަށް މަސައްކަތްތަކެއް މިދަނީ ކުރަމުން
ފާހަގަކޮށްލެވޭ ކަމެއް - ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލުތަކަށް އާސަންދަ ފުޅާކޮށް، އެ ގައުމުތަކުން ވެސް އާސަންދައިގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ.
އާސަންދައިގެ ދަށުން އެ ގައުމުތަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ހޮސްޕިޓަލުތަކުގެ ބޭސްފަރުވާގެ އިތުރުން އެކޮމެންޑޭޝަން ހަރަދުތައް ވެސް އޭގެތެރޭގައި ހިމާނާނެކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ. އޭރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ވަންދެން ދިވެހިން ދާނީ ފެންވަރުގެ ސިއްހީ ނިޒާމުތައް ހުންނަ ގައުމުތަކުގެ ހޮސްޕިޓަލު ތަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (4)
މޫމި
ހިތަދޫ 2
ފައްސަޔާހި
ހަސަންދީީ