ފޮނަދޫގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާ ފެނުނު ސަރަހައްދުން އޭނާގެ ހަށިގަނޑު ގެންދަނީ --

މީހަކު މަރާލި މައްސަލައިން ސަލާމަތްވި 6 ބިދޭސީންގެ އިސްތިއުނާފު ޕީޖީން އަނބުރާ ގެންގޮސްފި

ޕީޖީން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުތައް ބާތިލުކުރަން އެދުމުން ހައި ކޯޓުން މިހާރު ވަނީ އެ މީހުން ޑިޕޯޓުކުރުން ހުއްޓުވި އަމުރު ވެސް ބާތިލުކޮށްފައި

ލ. ފޮނަދޫގައި މަރާލާފައި އޮއްވާ ފެނުނު ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަސަން އުއްލާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުުރި އަށް ބިދޭސީންގެ މައްޗަށް ކުށް ސާބިތުނުވުމުން، ހައި ކޯޓުގައި ކޮށްފައިވާ އިސްތިއުނާފު ޕްރޮސިިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުން އެދިގެން ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ މުހައްމަދު އަސަން އުއްލާ މަރާލާފައި އޮއްވާ ފެނިފައިވަނީ، 30މާޗު 2017 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި، ފޮަނަދޫ ބަރާސީލު އަވަށުގެ ހުޅަނގު ފަރާތު އަތިރިމަތީން ނެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުން ނެވެ.

މި މައްސަލާގައި އަށް ބިދޭސީއަކު ހައްޔަރުކޮށް، 31 ޖުލައި 2017ގައި އެ އެންމެންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. މީގެ ތެރެއިން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެކެއްގެ މައްޗަށް ކުރާއިރު، ދެން ތިބި އެންމެންގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

އެމީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދާތާ ފަސް އަހަރު ފަހުން މިދިޔަ އަހަރުގެ 24 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ވަނީ އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިިތުނުވާ ކަމަށް ނިންމައިފަ އެވެ. އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ޕީޖީން ހައި ކޯޓުގައި މިދިޔަ އެޕްރީލް މަސްތެރޭ އިސްތިއުނާފް ކުރީ އޭގެތެރެއިން ހަ މީހެއްގެ މައްސަލަ އެވެ.

އެ ހަ މީހުންނަކީ:

ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ:

  • 1-

    އަބޫ ކަލަމް / ބަންގްލަދޭޝް 

ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ:

  • 1-

    ރޮބެލް މިއާ /ބަންގްލަދޭޝް

  • 2-

     މުހައްމަދު ސޮމުން މިއާ / ބަންގްލަދޭޝް 

  • 3-

    ޕަރުވެޒް/ ބަންގްލަދޭޝް

  • 4-

    ދީން އިސްލާމް /ބަންގްލަދޭޝް

  • 5-

    އަލް އަމީން/ ބަންގްލަދޭޝް

ބުނީ ކީކޭ؟ - މި ހަ މީހުންގެ އިސްތިއުނާފް މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ބާތިލުކުރި އިރު ބުނެފައި ވަނީ، އެ ފޯމުތައް ބާތިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. 

ފުރުން މަނާކޮށް، އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި މިހާރު  ތިބި އެ ހަ މީހުންގެ އިސްތިއުނާފްތައް ބާތިލުކުރުމާ އެކު، އެ މައްސަލާގައި މިދިޔަ ޖޫންގައި އިމިގްރޭޝަންގެ މައްޗަށް އެ ކޯޓުން ނެރެފައިވާ ޑީޕޯޓުކުރުން ހުއްޓުވުމުގެ އަމުރު ވެސް ބާތިލުވީ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

އިސްތިއުނާފްތައް ބާތިލުކުރަން އެދުނު ސަބަބެއްގެ ގޮތުގައި ޕީޖީން ފާހަގަކުރީ:

  • އެ މީހުންގެ އިސްތިއުނާފް މައްސަލަތަކުގެ ލިޔެކިއުންތައް ޕީޖީ އޮފީހުން މުރާޖައާ ކުރިއިރު އެ މީހުންނަކީ ބިދޭސީންނަށްވެފައި އެ މީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ

  • މައްސަލާގައި ކޮށްފައިވާ ދައުވާތަކާއި، ލިބިފައިވާ ހެކި ގަރީނާއަށް ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ޕީޖީއަށް އިތުރަށް ނުފެންނާތީ

އަސަން އުއްލާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ 8 ރައްޔިތުން ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ---

މައްސަލައިގެ ހުލާސާ

މި މައްސަލާގައި ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުން، މުހައްމަދު އައްސާން އުއްލާ ގެއްލިގެން ހޯދަމުން ދަނިކޮށް، މަރާލި ކަމަށް ބެލެވޭތާ ތިން ދުވަސް ފަހުން 30 މާޗު 2017ގެ ހެނދުނުގެ ވަގުތެއްގައި ފޮނަދޫ ދެކުނު ފަރާތު ވަލުތެރޭގައި ހުރި ގަހެއްގައި މުހައްމަދު އަސަންގެ ފިޔާތޮށި ކުލައިގެ ބައިސްކަލު ވާގަނޑަކުން އައްސާފައި ހުއްޓާ ފެނުނެވެ. އަދި، އެ ސަރަހައްދުން އޭނާގެ ފައިވާނުގެ އެއް ކިބަ ފެނިފައިވެ އެވެ.

ފިނިމަގުގެ އުތުރު ކޮޅުގައި ކަނދުބުރިއެއް ކައިރީ ގިނަ އަދަދެއްގެ ހިކިފައި ހުރި ލޭގެ މައްޗަށް ފަސް އަޅާފައި ހުރި އިރު، އެތަނުން މީހެއް ދަމާފައި މޫދާ ދިމާލަށް ގެންގޮސްފައި ހުރިކަން ފާހަގަވެ އެވެ. މުހައްމަދު އަސަންގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ، ފިނިމަގާ ގާތްގަނޑަކަށް 450 ފޫޓު ދުރުގައި ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި ހުންނަ ކުރެދިގަސްތަކުގެ ތެރެއިިންނެވެ.

ޕީޖީ ތުހުމަތުކުރަނީ މުހައްމަދު އަަސަން މަރާލީ، އަށް ބިދޭސީން ވެގެން، ދުރާލާ ރާވައިގެން ކަމަށެވެ. އޭނާ މަރާލި ރޭ އެ މަންޒަރު އެ ރަށު މީހަކަށް ފެނިފައިވެ އެވެ. އޭނާ ވަނީ ކޯޓުގައި އެ ހާދިސާ ހިނގިގޮތް ކިޔައިދީ، އެ މީހުން ފާހަގަކޮށް ދައްކާފައި ވެސްމެ އެވެ. ޕީޖީގެ ދައުވާގައި ވާގޮތުން:

  • 26 މާޗު 2017 - އެރޭ ފޮނަދޫ ފިނިމަގުގެ މެދެއްހާ ހިސާބުގައި މުހައްމަދު އަސަން އުއްލާ ބައިސްކަލެއް މަތީ މަޑުކޮށްލައިގެން ހުރި

  • ބައިސްކަލުމަތީ މަޑުކޮށްލައިގެން އިންދާ، އަބޫ ކަލަމް، މުހައްމަދު އަަސަންގެ ފައިގައި ޖަހާ ވައްޓާލި

  • ދައުވާ ލިބޭ އަށް މީހުން ވެގެން ފޮނަދޫ، ފިނިމަގު އަތިރިމައްޗަށް މުހައްމަދު އަސަން ގެންދިޔަ

  • މުހައްމަދު އަސަން އުއްޑުން ބޭއްވުމަށް ފަހު، ކަރަށް ވަޅިން ހަމަލާދިނީ އަބޫ ކަލަމް؛ އެވަގުތު އަނެއް ހަތް މީހުން ތިބީ މުހައްމަދު އަަސަންގެ ގައިގާ ހިފަހައްޓައިގެން

  • ކަރަށް ވަޅި ހަރައި ލޭ ހުސްވަންދެން އެތަނުގައި ބޭއްވުމަށް ފަހު، ދަމާފައި ގެންގޮސް މޫދަށް އެއްލާލި

އިތުރު އާޓިކަލް

އިތުރު އާޓިކަލް