މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ސެންޓަރު. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ތެލަސީމިއާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޗްސީއެލް ޓެސްޓިން ކޭމްޕެއް ބާއްވަނީ

މިއީ ބޯން މެރޯ ހެދުމުގެ ކުރިން ބަލިމީހާ އާއި ޑޯނާ މެޗު ވޭތޯ ބަލަން ހަދާ ޓެސްޓެއް
13 ފެބްރުއަރީ 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯން މެރޯ ހެދުމުގެ ކުރިން ބަލިމީހާ އާއި ޑޯނާ މެޗުވޭތޯ ބަލަން ހަދަން ޖެހޭ ހިއުމަން ލޫކޯސައިޓް އެންޓިޖެން (އެޗްސީއެލް) ޓެސްޓު ހެދުމުގެ ކޭމްޕެއް ބާއްވަން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްބީއެސްގެ އެކްޓިން ހެޑް އަދި ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހިމް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެ ކޭމްޕް ބާއްވަން ހަމަޖެހިފައިވަނީ މާޗު 6ގަ އެވެ.

ތަފްސީލް - ރާއްޖޭގައި މީގެ ކުރިން މިފަދަ ކޭމްޕެއް ބާއްވާ، އެޗްސީއެލް ޓެސްޓު ހަދާފައެއް ނުވެ އެވެ. ފައިސަލް ވިދާޅުވި ގޮތުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ކޮންމެހެން ބޭނުންވާ މި ޓެސްޓު ހެދުމަށް މީގެ ކުރިން މީހުން ދާން ޖެހެނީ ބޭރު ގައުމުތަކަށެވެ.

ބޮޑު ހަރަދުކޮށްފައި ބޭރު ގައުމުތަކަށް ގޮސް އެ ޓެސްޓު ހަދާއިރު އާއިލާގެ ގިނަ ބަޔަކަށް ނުދެވޭކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ: 

  • މި ކޭމްޕުގައި އާއިލާގެ އެންމެންނަށް ވެސް އައިސް އެޗްސީއެލް ޓެސްޓު ހެދުމުގެ ފުރުސަތު އޮންނާނެ

  • ބޯން މެރޯ ޑޯނާސް ހޯދާއިރު ގުޅޭ މީހެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން؛ ކޭމްޕުގެ ތެރެއިން ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ނެގި، ބަލިމީހުންނާ މެޗުވާ ފަރާތްތައް ހޯދުމުގެ ފުރުސަތު ބޮޑުވާނެ

ކޭމްޕަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ބޭރުގެ ތަޖުރިބާކާރެއް ވެސް މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ރާވާފައިވާ މި ކޭމްޕާ ބެހޭ މައުލޫމާތު މިހާރު އެމްބީއެސްގެ ފަރާތުން ތެލަސީމިއާ ކުދިންގެ އާއިލާތަކަށް ފޯރުކޮށްދެމުން ދާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ކޭމްޕްގައި ބައިވެރިވާން ބޭނުންވާ މީހުންގެ އަދަދު ގިނަ ވެއްޖެ ނަމަ އިތުރު ދުވަހަކު ވެސް އެޗްސީއެލް ޓެސްޓިން ކުރިއަށް ގެންދަން ވިސްނަވާ ކަމަށެވެ.

ގުޅުންހުރި - ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު 'ހަފްތާ 14'ގައި ހިމަނާފައިވާ ކަމެކެވެ.

މި އަހަރުގެ ތެރޭގައި ސަރުކާރުގެ އެހީގައި ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާފައިވާ އިރު، މިމަހުގެ ތެރޭގައި ވެސް އިތުރު ފަސް ކުއްޖަކު ފޮނުވާލުމުގެ މަސައްކަތް އެމްބީއެސް އިން ދަނީ ކުރަމުންނެވެ. ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވަނީ، އެޗްއެލްއޭ ޓެސްޓު ކުރުމަށްފަހު ޑޯނާ މެޗުވެފައި ތިބި ކުދިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް