ކްރިމިނަލް ކޯޓު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ކްރިމިނަލް ކޯޓް ރޯދަ މަސް ތެރޭ ހުޅުމާލެއަށް ބަދަލުކޮށް ނިމޭނެ: މިނިސްޓަރު
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ އެ ކޯޓުގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައި ވާތީ އެ ކޯޓު ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ރޯދަ މަސް ތެރޭ ނިމި އެ ކޯޓު ފުރިހަމައަށް ހިނގައި ގަނެވޭވަރު ވާނޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އިހުސާން ވިދާޅުވީ، އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ވާނުވާ' ބަންދުގެ މައްސަލައާ ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބުނީ ކީކޭ؟ - "ރާއްޖޭގެ ކްރިމިނަލް ކޯޓު މިވަގުތު އެސެންޝަލީ މިހާރު ގާތްގަނޑަކަށް ހުއްޓިފަ މިއޮތީ. އެންމެ ކޯޓު ރޫމެއްގެ ތެރޭގައި އެބޭފުޅުން މަސައްކަތް ކުރައްވާތާ އެތައް ދުވަހެއް ވެއްޖެ. ވެއްޓިފަ އޮތް އިމާރާތެއްގެ ތެރޭގައި ވަރަށް ހާލުގައި އެ ކޯޓު އެ އޮޕަރޭޓް ކުރަނީ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޭނާ ވިދާޅުވީ، ހުޅުމާލޭގައި ކުރީގެ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތެއްގައި ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމަށް، ހާއްސަ ހުއްދައެއްގެ ދަށުން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ސީދާ ކޮން އިމާރާތެއް ކަމެއް ވިދާޅެއް ނުވެ އެވެ.
"މިވަގުތު އެދަނީ ސިފައިންނާ، ފުލުހުންނާ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް [ޑީޖޭއޭ]އާއި ޖޭއެސްސީ [ޖުޑީޝަލް ސާވިސް ކޮމިޝަން] އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި މި ހުރިހާ ތަނެއް ގުޅިގެން ކުރެވޭ މަސައްކަތެއްގެ ތެރެއިން ކްރިމިނަލް ކޯޓް އެ އިމާރާތަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.
"ޓާގެޓު މި ކުރެވެނީ، ރޯދަ މަސް ނިމެންވާއިރަށް އެ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް އަޅުގަނޑުމެންނަށް ނިންމާލެވި، ކްރިމިނަލް ކޯޓުގެ މަސައްކަތް ރަސްމީކޮށް އެތާ ފެށޭނޭ [ކަމަށް]."
އެ މަސައްކަތުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް މިނިސްޓްރީގެ ފަރާތުން ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އަދި ޝަރީއަތްތައް އަވަސްކޮށް، 'ވާނުވާ' ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުން އަމާޒު ހިފާފައިވާ މައްސަލައެއްކަން ފާހަގަކުރެއްވި އެވެ.
ގުޅުންހުރި - މިނިސްޓަރު ވިދާޅުވި ގޮތުގައި، 'ވާނުވާ' ބަންދުގެ މައްސަލަ ވެސް ބޮޑުވެފައިވަނީ، ޝަރީއަތްތައް ހިންގުން ލަސްވުމުންނެވެ. 'ވާނުވާ' ބަންދު ކީ ނަމަވެސް، އެމީހަކު ބަންދު ކުރެވޭ ސަބަބު ނޭނގޭ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ވިދާޅުވެ، 'ވާނުވާ' ބަންދުގައި ތިބޭ މީހުންނަކީ، ދެ ގޮތަކަށް ބަންދު ކުރެވިފައިވާ މީހުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ:
-
ތަހުގީގު ނިމެންދެން ބަންދުކޮށްފައިވާ މީހުން
-
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުން
"މީގެ ތެރޭގައި ބޮޑު ބަޔަކީ، %90 އަކީ ޝަރީއަތްތައް ލަސްވެގެން [ބަންދުގައި ތިބި މީހުން. މައްސަލައަކީ ޝަރީއަތް ލަސްވެގެން] ގޮސް މީހުން ގިނަ ދުވަހަށް ޖަލުތެރޭގައި ހުކުމަކާ ނުލާ ތިބުން،" އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އެއަކު ވާނުވާ ނޭނގިއެއް ނެތެއް ނޫންތޯ؟ ވާނުވާ ހަމަ ވަރަށް ސާފު. މީގައި ޖެހިގެން އުޅޭ މައްސަލައަކީ، ޝަރީއަތް ނިމެންދެން [ނަގަނީ] ކިހާ ދުވަހެއްތޯ."
ހުޅުމާލޭގެ އިމާރާތުގައި ކްރިމިނަލް ކޯޓު ހިންގަން ފެށުމުން، ޖިނާއީ މައްސަލަތަކުގައި 'ވާނުވާ' ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ވަރަށް އަވަސް ވެގެން ދާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.
ފާހަގަކޮށްލެވޭ - ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ، ޖާގައިގެ ދަތިކަން ކުރިމަތިވެ، އެކި ވަރުގެ ގެއްލުންތައް ލިބުމުގެ ސަބަބުން މާލޭގައި ޖިނާއީ ޝަރީއަތްތައް ހުއްޓިފައިވާ މައްސަލައިގައި އެތައް ބަޔަކު ދަނީ ފަހަކަށް އައިސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ކަމަށް ވީހާ ވެސް އަވަސް ހައްލެއް ހޯދައިދޭން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:
-
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެން ޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރުކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިބޭނެ ތަނެއް ނެތް
-
އެ ކަމުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތަކެއް މިވަގުތު މާލޭގައި އޮތީ ހުއްޓިފައި
ކޮމެންޓް (1)
ފަރު