މީގެ ކުރިން ބޭއްވި ޕީއެންއެފް ޖަލްސާއެއްގައި ޔާމީން. (ފޭސްބުކް ފޮޓޯ/މަލީހު ޖަމާލު)

ޔާމީން ޕީއެންއެފް ކެންޑިޑޭޓުންނަށް: ޕާޓީ ބަދަލުކުރާނަންތަ؟

ޔާމީން ވިދާޅުވި ގޮތުގައި މި ވީހާ ދުވަހު ފާޑުކީ މެމްބަރުން ކުއްލިއަކަށް ޕާޓީ ބަދަލު ކުރަނީ އިލްހާމެއް އައިސްގެނެއް ނޫން. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ޕާޓީ ބަދަލުކުރުމުގެ ނުރަނގަޅު ސަގާފަތް މި ސަރުކާރުގައި ވެސް ވަނީ އަށަގެންފައި
12 ފެބްރުއަރީ 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފަރާތުން މަޖިލީހުގައި ވާދަކުރައްވާ މެމްބަރުން ތައާރަފްކުރުމަށް ސިލްސިލާ ޖަލްސާތަކެއް އަންނަނީ ބާއްވަމުންނެވެ. ހާޒިރީއެއްގެ ގޮތުގައި އެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ކޮންމެ ރެއަކުހެން ޔާމީން ކެންޑިޑޭޓުންނާ ކުރައްވާ މުހިންމު ސުވާލެއް އޮވެ އެވެ. ރޭ ބޭއްވި ޖަލްސާގައި ވެސް އެ ސުވާލު ތަކުރާރު ކުރެއްވި އެވެ؛

"މެމްބަރަކަށް ހޮވޭ ފަހުން ޕާޓީ ބަދަލު ކުރާނަންތަ؟"

އެކި އިބާރާތްތަކުން ޔާމީން އެ ސުވާލު ކުރެއްވި އެވެ. އެންމެ ބޮޑު ސަބަބަކީ، އެމަނިކުފާނު ވިދާޅުވާ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު އާއި މިހާރު އޮތް ޕީޕީއެމް-ޕީއެންސީ ސަރުކާރުން، މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދެވި 12 މެމްބަރުންނާއި މިނިވަން މެމްބަރަކު އެއް ފަހަރާ "ގަނެލީ" އެވެ.

"ދާދިފަހުން ވެސް މި ފެނިގެންދިޔައީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރުން ހޮވިފައި ހުރި ރައީސަކު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެމްބަރުން އެކޮޅަށް [ޕާޓީއަށް] ގެންދެވިތަން. މިއީ ބަރުލަމާނީ ހަޔާތުގައި އެހާ ތާހިރުކަމެއް ނޫން ކުރާކަށް. އެހާ ރަނގަޅުކަމެއް ނޫން ކުރާކަށް،" ޔާމީން ވިދާޅުވި އެވެ.

"އެއީ އޯވަނައިޓް އެ މީހުންނަށް އިލްހާމެއް އައިސްގެން، މިއޮތްހާ ޒަމާނުގައި އަޅުގަނޑުމެން ކުރި ކަންތައްތަކަށް ފާޑުކިޔާފައި އެއްޗެހި ކިޔާފައި، ދެން މިހެން ބަދަލުވެދާނެ ކަމަކަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ކުރާނެކަމަކަށް ގަބޫލެއް ނުކުރެވޭ."

މިއީ ޕާޓީތަކުގެ އާންމު މެމްބަރުންގެ މެދުގައި ވެސް އޮންނަ ބޮޑު ކަންބޮޑުވުމެކެވެ. ގިނަ މީހުން އަދި ޔާމީންގެ ވިސްނުންފުޅުގައި ވެސް އެއީ އަހުދަކާ ހިލާފުވުމެވެ.

'މެމްބަރުން ގަތުމުގެ ސަގާފަތެއް މި ސަރުކާރުގައި އޮތީ އަށަގެންފައި'

ޔާމީން ވިދާޅުވި ގޮތުގައި "މި ޕްރެކްޓިސް [މެމްބަރުން ގަތުން] މި އޮތީ މިހާރު މި އޮތް ސަރުކާރުގައި އަށަގެންފަ" އެވެ. ޕީޕީއެމް-ޕީއެންސީގެ ކޮންޓްރޯލް ގެއްލުމާ އެކު ޔާމީނަށް މި ދަނޑިވަޅުގައި ޕާޓީއަށާއި އެމަނިކުފާނަށް ވަފާތެރި މެމްބަރުން މުހިންމެވެ.

އެއާ އެކު ބައެއް ކެންޑިޑޭޓުންނަށް ޔާމީން ސުވާލުތައް އަމާޒުކުރެއްވީ އެކަމާ ބެހޭގޮތުންނެވެ. މެމްބަރަކަށް ހޮވިއްޖެ ނަމަ، އަންނަ އޮއިވަރުތަކުގައި ޖެހި ޕާޓީ ބަދަލުކުރާނެތޯ ނުވަތަ މެމްބަރުން ގަނެވިއްކުމުގެ ވިޔަފާރީގައި ޖެހިދާނެތޯ އެވެ.

މިކަން ހުއްޓުވަން ޔާމީންގެ ވެރިކަމުގެ ދުވަސްވަރު މަޖިލީހުން ފާސްކޮށް، ތަސްދީގުކުރެއްވި 'އެންޓި ޑިފެކްޝަން' ގާނޫނަށް ވެސް އެމަނިކުފާނުގެ ވާހަކައިގައި އަލިއަޅުވައިިލެއްވެވި އެވެ. ވިދާޅުވީ މެމްބަރުން ފްލޯ ބަދަލުކުރުން ހުއްޓުވާ މިފަދަ ގާނޫނުތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ކަމަށެވެ.

"އެކަމަކު އެމްޑީޕީ ސަރުކާރު އައިސް، އެ ގާނޫނު އުވައިލީ. އެކަމާ ގުޅިގެން އެންމެ ފުރަތަމަ އޭގެ އަދަބެއް ދައްކަން ޖެހުނު ބަޔަކީ ނުވަތަ ޕޭ ކުރަން ޖެހުނު ބަޔަކީ ވެސް އެމްޑީޕީ. އެއީ، 13 މެމްބަރުން އެ ދިޔައީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުން ގާތުގައި ވާހަކަތަކެއް ދައްކައި، އެ މީހުން ރުކުރުވާލައި އަދި އެ ކެންޑިޑޭޓާއި އޭނާ ތަމްސީލުކުރާ ޕާޓީއަކަށް އޮންނަ ޝައުގުވެރިކަމަކުން ލިބޭ ވޯޓުތަކާ އެކުގައި މެމްބަރުކަމަށް އިންތިހާބުވާއިރު، އެންޓި ޑިފެކްޝަން ގާނޫނެއް ނެތް ނަމަވެސް، އަދި ދުލުން އަހުދެއް ނުވިޔަސް، އެއީ އިހުތިރާމް ކުރަން ޖެހޭނެ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް