ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ ރައީސް އޮފީސް)

އަލިރަސްގެފާނުގެ ޖިހާދުން ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ދިވެހިން ތިރިނުވާން: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ޝަހީދުންގެ ދުވަހުގައި އެމަނިކުފާނުގެ އިލްތިމާސްއަކީ ދިވެހި ދައުލަތަށާއި، ގައުމަށް ވަފާތެރިވުން ކަމަށް

އަލި ރަސްގެފާނުގެ ޖިހާދުން ދިވެހީންނަށް ގޮވާލަނީ، ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ، ދިވެހިންގެ ސަލާމަތް ދިވެހިން ހޯދުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ. މި ހިތޯބުގައި ރައީސް ވަނީ ދައުލަތަށް ވަފާތެރިވުމަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.

މިއީ ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި، އައްސުލްތާނު އަލީ (6ވަނަ) (އަލިރަސްގެފާނު) ޝަހީދުވި ދުވަހެވެ. ރަސްމީ ދުވަހެއްގެ ގޮތުގައި ޝަހީދުންގެ ދުވަސް ފާހަގަކުރަން ހަމަޖެއްސީ ހިޖުރީ 1400ވަނަ އަހަރު އެވެ. 

ޝަހީދުންގެ ދުވަހު ރައީސް މުއިއްޒު ދެއްވި ފުރަތަމަ ހިތޯބުގައި ވިދާޅުވީ ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިންމު ގައުމީ އެތައް ފިލާވަޅަކާ އެކު ކަމަށެވެ. އެ ފިލާވަޅުތައް ދޭހަކޮށް އިބުރަތް ހާސިލުކުރަން ތާރީހުގެ ފަތްފުށްތައް ބަލައިލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެއަށް ފަހު، ޕޯޗްގީޒުން ރާއްޖެ އަރަން ފުރުސަތު ލިބުނު ގޮތާއި، ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހި ދައުލަތާއި، ދީނާއި ގައުމަށް ކަޅު މުހައްމަދު ރަސްގެފާނު ވެވަޑައިގެން ހިޔާނާތުގެ ވާހަކަ ރައީސް ގެންނެވި އެވެ. އޭގެ ތެރޭގައި އޭރު ދިވެހިން ކުރަމުން ގެންދިޔަ ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލެއްވުމާއި، ރާއްޖޭގެ ރަސްކަން ހޯއްދަވަން އަލީ ރާޖާއާ އެކު ހެއްދެވި މުއާހަދާއެއްގެ ދަށުން ދިވެހި ކަނޑުން ލިބޭހާ މާވަހަރާއި ރާއްޖެއަށް ލިބޭހާ ރަނާއި ބޮއްޔާއި އުފައްދާހާ ރޯނުގެ ދެބައިކުޅަ އެއްބައި އަލީ ރާޖާއަށް ދޭ ގޮތަށް ވެސް ނިންމެވި ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރަށް ރ. ކިނަޅޮހާއި ނ. ކެނދިކޮޅުކުޅުދޫ، އަލީރާޖާއަށް ދޫކޮށްލި ދޫކޮށްލުން ވެސް، އިބުރަތެއްގެ ގޮތުގައި ރައީސް ގެންނެވި އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ޝަހީދުންގެ ދުވަހެއް ރާއްޖެ ދުށީ ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން 19 އަހަރުގެ ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އުފެއްދި ގުޅުމެއްގެ ތެރޭން ކަމަށެވެ. އެ ތާރީހަށް ބެލުމުން، އެއް ފަރާތުން ފެންނަނީ އަމިއްލަ އެދުމާ އެކު ދިވެހިން ގައުމަށް ހިޔާނާތްތެރިވުން ކަމަށާއި، އަނެއް ފަރާތުން ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތާއި، އެމީހުންގެ ހީލަތްތެރި ރޭވުން ކަމަށެވެ. 

"އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުހާތަބުކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހިންގެ ސަލާމަތް ދިވެހިން ހޯދަން އެބަ ގޮވާލާ. އަލިރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުހާތަބުކުރޭ. ހަބަރު ފަތުރާ އިރު ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ. ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ. އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުހާތަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ،" ރައީސް ވިދާޅުވި އެވެ.

އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހިންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މާތް الله ހައްގަށް ނަސްރު ދެއްވާނެ ކަމެވެ. އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކާބަފައިން ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނަޅޮކާއި އެހެން ރަށްރަށް އަލުން ދިވެހިންނަށް ހޯދައިދިންކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ވެސް ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނެ ކަމަށެވެ. އަދި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ފެނެ އެވެ. ފަލަސްތީނަކީ އޭގެ މިސާލެއް ކަމަށް ނެންގެވި އެވެ. އަދި އެފަދަ ދުވަހެއް ރާއްޖެއިން ފެންނަން ނޭދޭ ކަމަށް ވިދާޅުވި އެވެ.

"ފަހުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިހްލާސްތެރި އިލްތިމާސަކީ މިއީ. ގައުމަށް ތެދުވެރިވާށޭ. ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ. ދައުލަތަށް ވަފާތެރިވާށޭ،" ރައީސްގެ ހިތޯބު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

ކޮމެންޓް (1)

ރައީސްކަން

11 ފެބްރުއަރީ 2024
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ޝަހީދުންގެ ދުވަހުގައި އެމަނިކުފާނުގެ އިލްތިމާސްއަކީ ދިވެހި ދައުލަތަށާއި، ގައުމަށް ވަފާތެރިވުން ކަމަށް. ގައުމުގެ ވެރިމީހާ ދައްކަން ޖެހޭނީ މިކަހަލަ ވާހަކަ. ސާބަސް އަޅުގަޑުމެންގެ އިްޒައތެރި ވެރިމީހާ ޑރ. މުއިއްޒު.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް