އައިޝަތު ޝިހާމް އެ މިނިސްޓްރީގެ ބައްދަލުވުމެއްގައި(ފޮޓޯ/ޖެންޑާ މިނިސްޓްރީ)

ދައުލަތުގެ ބެލުުމުގެ ދަށުގައި 29 މީހަކު ތިބީ އާއިލާތަކާ ހަވާލުކުރެވޭ ހާލަތުގައި: މިނިސްޓަރު

މަރުކަޒުތަކުގައި ތިބި އުމުރުން ދުވަސްވީ ބައެއް މީހުން އާއިލާތަކުން އަނބުރާ ގެންދަން ބޭނުންވެގެން މިނިސްޓްރީއާ އެކު މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި

ދައުލަތުގެ ބެލުމުގެ ދަށުގައި ކ. ގުރައިދޫގައި ތިބި 29 މީހަކީ އާއިލާތަކާ ހަވާލުކުރެވޭ ހާލަތުގައި ތިބި މީހުން ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައިޝަތު ޝިހާމް މިހެން ވިދާޅުވީ ސީދާ މިނިސްޓަރާ ސުވާލުކުރެވޭ ގޮތަށް ޖެންޑަ މިނިސްޓްރީގެ ފޭސްބުކްގައި ރޭ ކުރިއަށް ގެންދިޔަ ލައިވްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، މުސްކުޅި މައިންބަފައިން ގުރައިދޫ މަރުކަޒުތަކަށް ގެންދިއުން އާންމުވެފައިވާ ކަމާއި، އެއީ އެކަން ކުރަންވީ އެންމެ ރަނގަޅު ގޮތްތޯ މީހަކު ސުވާލުކުރި އެވެ. އަދި މިފަހުން ގުރައިދޫ މަރުކަޒަށް އިސްލާމިކް މިނިސްޓްރީން އިތުރު އެނދުތަކެއް ހަދިޔާ ކޮށްފައިވަނީ އެ މަރުކަޒަށް އިތުރު މީހުން ގެނައުމަށްތޯ އިތުރު މީހަކު ސުވާލުކުރި އެވެ.

ބުނީ ކީކޭ؟ - މި ސުވާލުތަކުގެ ޖަވާބުގައި އައިޝަތު ޝިހާމް ވިދާޅުވީ، އިސްލާމިކް މިިނިސްޓްރީގެ ފަރާތުން ހަވާލުކުރި އެނދުތަކަކީ، އެ މަރުކަޒު އިތުރަށް ތަރައްގީ ކުރަމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ހަދިޔާ ކުރި އެނދުތަކެއް ކަމަށެވެ.

އައިޝަތު ޝިހާމް ވިދާޅުވީ:

  • ގުރައިދޫ މަރުކަޒުގެ އެންމެ ބޮޑު ބޭނުމަކީ އުމުރުން ދުވަސްވެ ނުވަތަ ނަފްސާނީ ތަފާތު މައްސަލަތަކުގައި އާއިލާތަަކަށް ނުބެލެހެއްޓިގެން ދައުލަތާ ހަވާލުކުރާ މީހުން ވަގުތީ ގޮތުން ބެލެހެއްޓުން 

  • ނަމަވެސް، މިނިސްޓްރީން އެދެނީ، އެމީހުންގެ ހާލަތު ރަނގަޅު ވުމުން އާއިލާތަކުން އެމީހުން އަނބުރާ ގެންދިއުން

  • އެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަރުކަޒުތަކުގައި ތިބި ދުވަސްވީ މީހުންގެ އާއިލާތަކުން އަނބުރާ ގެންދަން ބޭނުންވެގެން މިނިސްޓްރީއާ އެކީ މިހާރު މަސައްކަތް ކުރާ ކަމަށް ވިދާޅުވި؛ އެގޮތުން، އިއްޔެ ވެސް ދެ މީހަކު އާއިލާތަކާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި

"މިހާރު އަޅުގަނޑު ހިތުން 29 މީހުން ތައްޔާރުވެފައި އެބަތިބި އާއިލާތަކަށް އަނބުރާ ގެންދަން. މިދިޔަ ދުވަސްކޮޅުތެރޭގައި ވެސް އެގޮތަށް ހަމަ އާއިލާތަކުން އެބަ ބަލައިގަނޭ،" އާންމު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އައިޝަތު ޝިހާމް އިތުރަށް ވިދާޅުވީ ގުރައިދޫ މަރުކަޒަށް ގެންނަ މީހުން އަނބުރާ އާއިލާތަކާ ހަވާލުކޮށް އެ މީހުން ބެލުމަށް އާއިލާތަކަށް ހުރި ދަތިތަކަކީ ކޮބައިތޯ ބަލައި އެ މައްސަލަތައް ހައްލުކުރަން އާއިލާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - މިނިސްޓްރީން މިހާރު ކޮންމެ ކުއްޖަކަށް ނުވަތަ މީހަކަށް އާއިލާއެއް ނަމުގައި އަލަށް ފަށައިގެން އުޅޭ ޕްރޮގްރާމްގެ ދަށުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އުމުރުން ދުވަސްވީ ހަ މީހަކު ވަނީ އެ މީހުންގެ އާއިލާއާ ހަވާލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް