އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
މިނިސްޓަރު ހެއްދެވީ 'ސީދާ ކަނޑައެޅިގެން ބުހުތާނު ދޮގު'
ރައީސް މުހައްމަދު މުއިއްޒު ހުސްވި ހަފްތާގެ ތެރޭގައި ތ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ކެބިނެޓު ވެސް އަރިހުގައި ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގައި ތ. ވަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިގޮތުގައި، ދިވެހިން ގިނައިން އުޅޭ ސްރީ ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިވެހި ދަރިވަރުންނާއި ދިވެއްސާއި އިސްލާމް ކިޔަވައިދިނުމަށް ހިންގަމުން އައި ޕްރޮގްރާމް، މިދިޔަ ސަރުކާރުގައި، އޮތީ ހުއްޓިފަ އެވެ.
"މިއީ ކުރިން ވެސް އޮތް ޕްރޮގްރާމެއް. ނަމަވެސް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން، ވަރަށް އިހުއްސުރެ ލަންކާގައި ވެސް އޮތް ޕްރޮގްރާމް، އޮތީ ހުއްޓިފައި. މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވެސް އޮތީ ހުއްޓިފައި،" ޝަފީއު ވިދާޅުވި އެވެ.
އެއާއެކު އޭނާ ވިދާޅުވީ "އެހެން ނަމަވެސް، އާ ހިތްވަރަކާ އެކު، އާ ވިސްނުމަކާ އެކު، އާ އުސޫލުތަކެއްގެ ތެރެއިން އަޅުގަނޑުމެން މިފަދަ ޕްރޮގްރާމެއް މި އަންނަ ހަފްތާގައި ފައްޓާނެ ވާހަކަ" އެވެ.
ނަމަވެސް، ލަންކާގެ ސޯސަންވިލާގައި ހިންގާ މޯލްޑިވްސް ސެންޓަރުގެ އިސް އެއް ވެރިޔަކަށް ދާދި ފަހަކާ ޖެހެންދެން ހުންނެވި ޖައުފަރު ރަޝީދު (ޖޯރޭ) ވަނީ، ލަންކާ އާއި މެލޭޝިއާގައި ދިވެއްސާއި އިސްލާމް ކިޔަވައިދިނުން ހުއްޓިފައިވާ ކަމަށް ޝަފީއު ވިދާޅުވި ވާހަކަ ދޮގުކުރައްވާފަ އެވެ.
'ސީދާ ކަނޑައެޅިގެން ބުހުތާނު ދޮގު'
ޖައުފަރު ފޭސްބުކްގައި ލިޔުއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ ޝަފީއުގެ އެ ވާހަކަތަކަކީ "ސީދާ ކަނޑައެޅިގެން ބުހުތާނު ދޮގު" ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ރާއްޖޭގެ ރަށަކަށް ވަޑައިގެން ރޯމާ ދުވާލު އެހާ ބޮޑު ދޮގެއް ހެއްދެވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މިދިޔަ ފަސް އަހަރު ސްރީ ލަންކާގައި ދިރިއުޅޭ ކުދިންނަށް ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައިދިނުން ހުއްޓާލާފައެއް ނުވާނެއެވެ. މެދުކެނޑިފައެއް ވެސް ނުވާނެއެވެ. ކޮވިޑްގެ ތެރޭގައި އޮންލައިންކޮށް ވެސް ކިޔެވުން ކުރިއަށް ގެންދިޔައީމެވެ. ކިޔަވައިދިނުން އިތުރަށް ރަނގަޅުކޮށް، ހަރުދަނާވެސް ކުރީމެވެ،" ޖައުފަރު ފޭސްބުކްގައި ލިޔުއްވި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވައި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވާފައިވާ ޖައުފަރު އިތުރަށް ވިދާޅުވި ގޮތުގައި:
-
ކުރީ ސަރުކާރުގައި ލަންކާގެ މޯލްޑިވްސް ސެންޓަރުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ބަރާބަރަށް ކިޔެވުން ކުރިއަށް ގެންދިޔަ
-
މޯލްޑިވްސް ސެންޓަރުގައި ކިޔަވައިދޭ ދުވަސްތައް އިތުރުކޮށް، އިތުރު ކްލާސްތައް ވެސް ނަގައިދޭން ފަށާފައިވާނެ
-
ކޮންމެ ހަފްތާއަކު ތިން ދުވަހު، ހަވީރު 4 އިން 6 އަށް ހުރިހާ ގްރޭޑްތަކުގެ ކިޔަވައިދިނުން ބޭއްވި
-
މިދިޔަ ފަސް އަހަރު ވެސް ސޯސަންވިލާގައި ދިވެހި ކުދިން އެސްއެސްސީ އިމްތިހާނު ހެދި
-
އެ ކުދިންގެ ނަތީޖާ ވެސް ވަރަށް ރަނގަޅު؛ މިދިޔަ ފަސް އަހަރު ވެސް އެސްއެސްސީ އިމްތިހާނުން އޭ ސްޓާ ހޯދި ކުދިން ވެސް ތިބި
"ރައީސް ސޯލިހުގެ ސަރުކާރު ނިމި، 2023ގެ ޑިސެމްބަރު 31 ވަނަ ދުވަހު އަޅުގަނޑު މޯލްޑިވްސް ސެންޓަރާ ވަކިވީއިރު، މޯލްޑިވްސް ސެންޓަރުގައި 198 ކުދިން ތިއްބެވެ. މި ތިން މާއްދާ ކިޔަވައި ދިނުމަށް 14 މުދައްރިސަކު ހިދުމަތުގައި ތިއްބެވެ. އެއީ މުޅިން ވެސް ދިވެހި ރައްޔިތުންނެވެ،" ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސެކަންޑް ސެކްރެޓަރީކަން ވެސް ކުރައްވާފައިވާ ޖައުފަރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އޭނާ މޯލްޑިވްސް ސެންޓަރާ ވަކިވެގެން ދިޔައިރު:
-
މި އަހަރު ވެސް މޯލްޑިވްސް ސެންޓަރުގެ ގްރޭޑް 10 ގައި ހަތް ކުއްޖަކު ކިޔަވަމުން އެބަ ދޭ؛ މި އަހަރު އޮންނަ އެސްއެސްސީ އިމްތިހާނުގައި އެ ހަތް ކުދިން އިށީންނާނެ
-
އޭނާ ސެންޓަރާ ވަކިވުމުގެ ކުރިން، އެ ކުދިން އެސްއެސްސީގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓެއް ދިވެހިރާއްޖޭގެ ޕަބްލިކް އެގްޒަމިނޭޝަނަށް ހުންނާނީ ފޮނުވާފަ އި
-
އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުންނާ ވެސް އެކު، ޖުމްލަ 12 ދަރިވަރަކު ކުރިއަށް އޮތް އެސްއެސްސީ އިމްތިހާނުގައި މޯލްޑިވްސް ސެންޓަރުގައި އިށީންނާނެ
-
ގްރޭޑް 9 އާއި 10ގެ ދަރިވަރުންނަށް ހަފްތާބަންދުގެ (ހޮނިހިރު، އާދީއްތަ) ދެ ދުވަހު ދިވެހި، އިސްލާމް އިން އިތުރު ގަޑި ވެސް މުދައްރިސުން ނަގައިދެމުން ދޭ؛ ޗުއްޓީ އާއި ރޯދަ މަހު ވެސް ގްރޭޑް 10ގެ ކުދިންނަށް ކްލާސްތައް ކުރިޔަށް ގެންދޭ
'ގުރުއާނަށް ދިން އަހަންމިއްޔަތުކަމަށް މި ސަރުކާރުން އިހުމާލުވި'
ދިވެއްސާއި އިސްލާމްގެ އިތުރުން މޯލްޑިވްސް ސެންޓަރުގައި ގުރުއާން ވެސް ކިޔަވައިދެމުން ގެންދިޔަ ކަން ޖައުފަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނުގައި ގުރުއާން ޕޫލެއް ފުރަތަމަ ފަހަރަށް ތައާރަފް ކޮށްފައިވާނީ ރައީސް ސޯލިހުގެ ވެރިކަމުގަ އެވެ. އަދި:
-
މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން، ސެންޓަރުގެ ނަމުގައި ދިވެހިރާއްޖެ އައިސް، މާލޭގައި އޮންނަ ގައުމީ ގުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވުމުގެ ފުރުސަތު ދެއްވީ ރައީސް ސޯލިހުގެ ސަރުކާރުން ކަން ޖައުފަރު ފާހަގަކުރެއްވި
-
އެގޮތުން މިދިޔަ އަހަރު މާލޭގައި އޮތް ގައުމީ މުބާރާތުގައި އެ ސެންޓަރުގެ ހަތަރު ދަރިވަރަކު ކިޔެވި ކަމަށާއި އެއީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ކުދިން ރާއްޖެ އައިސް ކިޔެވި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި
"ނަމަވެސް ހިތާމައަކީ ރައީސް ސޯލިހުގެ ސަރުކާރު ނިމުނު ފަހުން، އެންމެ ފުރަތަމައިނުން އަންނަ ގައުމީ ގުރުއާން މުބާރާތުގައި ވެސް މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން ބައިވެރި ނުކުރާ ކަމެވެ،" ޖައުފަރުގެ ޕޯސްޓުގައިވެ ކަންބޮޑުވުން ފާޅުކުރައްވައި ލިޔުއްވާފައިވެ އެވެ.
"މިއަހަރު ގައުމީ ގުރުއާން މުބާރާތުގައި މި ސަރުކާރުން މޯލްޑިވްސް ސެންޓަރު ބައިވެރި ކޮށްފައި ނުވެއެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވެ ނިމިއްޖެއެވެ. އެއްވެސް ކުއްޖަކު ބައިވެރި ނުކުރެއެވެ. މިއީ އަޅުގަނޑުމެން މޯލްޑިވްސް ސެންޓަރުގައި ގުރުއާނަށް ދިން އަހަންމިއްޔަތަށް މި ސަރުކާރުންވީ ވަރަށް ބޮޑު އިހުމާލެކެވެ."
'މިނިސްޓަރު މައާފަށް އެދެންޖެހޭ'
އޭނާގެ ބެއްލެވުމުގެ ދަށުން މޯލްޑިވްސް ސެންޓަރުގައި ކުރެއްވި މަސައްކަތްތަކާއި އެތަނުގެ ކްލާސްތައް ކުރިއަށްގެންދިޔަ ގޮތް ތަފްސީލް ކޮށްދެއްވުމަށް ފަހު، "ސްރީލަންކާގައި ދިވެހި، އިސްލާމް ކިޔަވައި ދިނުން ރައިސް ސޯލިހުގެ ސަރުކާރުން އޮތީ ހުއްޓާލާފައޭ، މި ސަރުކާރުން އަލުންފަށަނީއޭ ބުނެ، އެޑިއުކޭޝަން މިނިސްޓަރު މިހާ ފާޅުކަން ބޮޑު ދޮގެއް ހެއްދެވީތީ، މޯލްޑިވްސް ސެންޓަރުގެ ކިޔަވައިދިނުމާއިބެހޭ އެންމެ އިސްވެރިޔާގެ ގޮތުގައި، ރައީސް ސޯލިހުގެ ސަރުކާރުގައި އަދި މި ސަރުކާރުގެ ފުރަތަމަ 1 މަހާއި 13 ދުވަހުވެސް ހުރި މީހެެއްގެ ހައިސިއްޔަތުން އެ ވާހަކަތައް ދޮގު ކުރާ"ކަން ޖައުފަރު އަނެެއްކާވެސް ތަކުރާރު ކުރެއްވި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ޖައުފަރު ވިދާޅުވި ގޮތުގައި:
-
ކުރީގެ ރައީސް ސޯލިހުގެ ފަސް އަހަރު ދުވަހު އެމަނިކުފާނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަފީރުކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކު ވެސް މޯލްޑިވްސް ސެންޓަރުގެ ކިޔަވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވި
-
ކިޔަވައިދިނުމުގެ ހިދުމަތް އަަބަދުވެސް ރަނގަޅު ކުރުމަށް އެ ބޭފުޅުން ވަނީ އޭނާއަށް ލަފާ ދެއްވާފައި
-
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް، ސެންޓަރުގެ ކިޔަވައިދިނުމާ ބެހޭ ކަމެއްގައި އެދިއްޖެ ނަމަ، އެއަށްވުރެ އެހެން ކަމަކަށް އިސްކަން ނުދެއްވައި އެކަމެއް ކޮށްދެއްވި
"ފަހަރުގައި ތ. އަތޮޅުގެ ރަށަކަށް ވަޑައިގެން އެހެން ގޮތަކަށް މިނިސްޓަރު ވިދާޅުވީމަ އެތަނުގައި ތިބި ހަޔެއްކަ ބޭފުޅަކަށް އޮޅުވާލެ"ވުނު ކަމަށް ވިޔަސް، ޖައުފަރު ވިދާޅުވީ، ސޯލިހުގެ ވެރިކަމުގައި އެ ކަންކަން ނުހުއްޓި ކުރިޔަށް ދިޔަކަން ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންނާއި ސެންޓަރުގެ މުދައްރިސުންނާއި މުވައްޒަފުން އަދި ސެންޓަރުގެ ބެލެނިވެރިންނާއި ދަރިވަރުން ހެކިވާނެ ކަމަށެވެ.
ލަންކާގެ އިތުރުން، މެލޭޝިޔާގައި ވެސް ދިވެހި، އިސްލާމް ކިޔަވައިދޭކަން ފާހަގަކުރައްވާ، މެލޭޝިޔާގައި ތިބޭ ކުދިންނަށް އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދެެއްވީ ވެސް ސޯލިހުގެ ސަރުކާރުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވީމާ މިހާ ބޮޑު ދޮގެއް ހެއްދެވުނީތީ އެޑިއުކޭޝަން މިނިސްޓަރު މައާފަށް ވެސް އެދެން ޖެހެއެވެ،" އޭނާ ލިޔުއްވި އެވެ. ޖައުފަރު ވިދާޅުވި ގޮތުގައި، މިނިސްޓަރުގެ ދޮގު އިލްޒާމް އެޅެނީ ހަމައެކަނި މިދިޔަ ސަރުކާރުގެ ވެރިންގެ ބޮލުގައި އެކަންޏެއް ނޫނެވެ.
"މިނިސްޓަރުގެ މި ދޮގު ވާހަކަތަކަކީ ސެންޓަރުގައި ކިޔަވައި ދެއްވަމުން އަންނަ މުދައްރިސުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނަށްވެސް ކުރެއްވި މަލާމާތެއް އަދި ދޮގު އިލްޒާމެއް ކަމުގައި އަޅުގަނޑު ދެކެމެވެ."
ކުރީގެ މިނިސްޓަރުގެ ވަރުގަދަ ރައްދެއް
މިދިޔަ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އާއިޝަތު އަލީ، ޖައުފަރުގެ ފޭސްބުކް ޕޯސްޓް ޝެއާ ކުރައްވާ، "ތެދު ހާމަކުރީތީ" ޝުކުރު އަދާކުރައްވާފައިވެ އެވެ.
އެއަށް ފަހު އާއިޝަތު އަލީ ވަނީ ފޭސްބުކްގައި، މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރުގެ) ޅެން ބައިތެއް ހިއްސާ ކުރައްވާ، އެ ބައިތުގެ މާނައިގެ ޝަރަހައެއް ލިޔުއްވާފަ އެވެ. އެ ބައިތަކީ:
"ފެނެކެ ނެތަސް ކައުޓި ބިނުން މިކަލެ ނިކަން އާއްމު ދާ؟
މިނެކެ ނުލައި ކޮންމި ކަމަކު ދޮގެ ހެދުމާ އާއްމު ދާ؟"
އައިޝަތު އަލީ ލިޔުއްވާފައިވާ ގޮތުގައި، ކާށި ރަނގަޅަށް ހަރު ވެއްޖެތޯ ބަލަން ކުރާ ކަމަކީ ދިޔަ ޖެހޭތޯ ބެލުމެވެ. އެއީ ކަންފަތްދޮށުގައި ކާށި ހަލުވައިލުމެވެ. ނުވަތަ ކާށީގައި ފުއްޓަކި ޖެހުމެވެ. ދިޔަ ނުޖެހޭ ކާށްޓެއް ބޭނުން ކުރަން ބިނުމަކީ ނުވަތަ އެޅުމަކީ ކޮށް އުޅޭ ކަމެއް ނޫނެވެ.
ނަމަވެސް، ދިޔަ ޖެހޭތޯ ބެލުމެއް ނެތި ކާށި އެޅުން މިހާރު އާއްމު ވެފައިވާ ކަމަށާއި އެއީ ކަންކަމަށް އެކަށީގެން ނުވާ މީހުން ކަނޑައެޅުމާއި މީހެއްގެ ފެންވަރަށް ބެލުމެއް ނެތި މީސްމީހުންނާ ކަންތައް ހަވާލު ކުރަމުން ގެންދާ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޖުޒުގައި އެ ބަޔާން ކުރައްވަނީ މިފަދަ މީސްމީހުންގެ ސަބަބުން ނުކުންނަ ނަތީޖާއެވެ. އެއީ ބަޔަކު ސުވާލު ކޮށްގަތީމާ ނުވަތަ ކަމަކާ ގުޅިގެން ހޫނުފެނަށް ވެއްޓުނީމާ އެޔެއްމިޔެއް ބެލުމެއް ނެތި ހެސްކިޔާފައި ދޮގު ހަދާން ފެށްޓުމެވެ،" އޭނާ ލިޔުއްވި އެވެ.