ރައީސް މުހައްމަދު މުއިއްޒު ތ. ކިނބިދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ އާއެކު މަތީ ތައުލީމުގެ ފުރުސަތު ފަހިވާނެ: ރައީސް

ތ. އަތޮޅުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާނީ ކޯޒްވޭ މަޝްރޫއުތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައި
9 ފެބްރުއަރީ 2024

ތ. ކިނބިދޫ އާއި އެއަތޮޅު ވޭމަންޑޫ ކޯޒްވޭ މެދުވެރިކޮށް ގުޅާލުމުން ދެ ރަށުގެ ރައްޔިތުންނަށް ވެސް އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ، އާންމު ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށްޓަކައި 'ރައީސްގެ ޖަވާބު'ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ސެގްމެންޓްގެ ދަށުން މިއަދު 'އެކްސް'ގައި ޕޯސްޓު ކުރި ވީޑިއޯއެއްގަ އެވެ.

ބުނީ ކީކޭ؟ - ގްރޭޑް 10 ނިންމުމަށްފަހު ކިނބިދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރެވޭނެ ގޮތް ހެދުމަށްޓަކައި ރައީސް ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ ކިނބިދޫގެ ދަރިވަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަށުގައި ތިބެގެން ގްރޭޑް 12 އާ ހަމައަށް ކިޔެވޭ ގޮތް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މިރަށުގައި [ކިނބިދޫގައި] އެ ފުރުސަތެއް ނެތް މިވަގުތަކު. ނަމަވެސް ތަރައްގީގެ މަޝްރޫއުތަކުން ވޭމަންޑޫއާ މިރަށާ ގުޅުނީމަ، އޭރުން އެއްގަމުން އެރަށަށް ދެވޭ ގޮތް ވާނެ،" ދެރަށް އެއްފަސްވުމުން ތައުލީމު ހާސިލްކުރުމުގައި ވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް، ރައީސް ވިދާޅުވީ، މަތީ ތައުލީމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި ކުރިއަށް އޮތްތަނުގައި އެހެން ގޮތްތައް ވިސްނަވާނެ ކަމަށެވެ. އެގޮތުން:

  • ކޯޒްވޭ އަކުން ދެރަށް ގުޅާލާ އެއްފަސްކުރެވުމުން، ޔުނިވާސިޓީއެއްގެ ކެމްޕަސް ގާއިމް ކޮށްގެން ނޫނީ އެހެން ގޮތްގޮތުން ޔުނިވަސިޓީ ތައުލީމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި

  • އެއާއެކު ކައިރި އެހެން ރަށްރަށުގެ މީހުން ވެސް އައިސް އެ ފުރުސަތުތަކުގެ ބޭނުން ހިފާނެ

ފާހަގަކޮށްލެވޭ - ރައީސް މުއިއްޒު މި ހަފްތާގެ ތެރޭގައި ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ކިނބިދޫއަށް ވަޑައިގެން އެރަށާއި ވޭމަންޑޫ ކޯޒްވޭ އަކުން ގުޅައިދެއްވުމަށް އެމަނިކުފާނު ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެގޮތުން:

  • ކިނބިދޫ-ވޭމަންޑޫގެ އިތުރުން ތ. އަތޮޅުގެ މަޑިފުށި-ދިޔަމިގިލި ވެސް ކޯޒްވޭ އަކުން ގުޅާލަން ނިންމާފައިވޭ

  • ތ. އަތޮޅުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާނީ މި ދެ ކޯޒްވޭ މަޝްރޫއު ކަމަށް ރައީސް ވިދާޅުވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް