ރައީސް މުހައްމަދު މުއިއްޒު ތ. ކިނބިދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ގޮވާލެއްވީ އިގްތިސޯދީ ހާލަތުގެ ސަބަބުން މަޝްރޫއުތައް ތަރުތީބުކުރަން ކައުންސިލްތަކުގެ އެހީއަށް

ރަށު ކައުންސިލްތަކުން މިނިސްޓްރީތަކާ އެކު މަސައްކަތް ކޮށްގެން އެކަން ކުރުމުން، އެމަނިކުފާނު އެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި
8 ފެބްރުއަރީ 2024

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުގެ ސަބަބުން މަޝްރޫއުތައް ތަރުތީބުކޮށް ކުރިއަށް ގެންދަން ރަށު ކައުންސިލްތަކުން ސަރުކާރާ އެކު މަސައްކަތްކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެެއް؟ - އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑަށް ވެސް މާދަމާ ނޫން އަނެއް ދުވަހު މިތަނުގައި ކަޑަ ޖަހާފައި ކަންތައްތަކެއް ނަމެއްގައި ފެށިދާނެ، އިންތިހާބު ކުރިއަށް އޮތީމަ. [އެކަން] އެގޮތަކަށް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެއާ ހިލާފަށް، ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ހަގީގީ މާނާގައި އިހުލާސްތެރިކަމާ އެކީގައި ކަމަށް ވިދާޅުވެ، ރައީސް އެދިވަޑައިގެންނެވީ، އެކަން ކުރަން ކައުންސިލްތަކުންނާއި ރައްޔިތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެއާ އެކު ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ގޮވާލެއްވީ:

  • މި މަހުގެ ތެރޭގައި ކޮންމެ ރަށެއްގެ ކައުންސިލުން ވެސް މިނިސްޓްރީތަކާ އެކު، އެ ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށްލަން

  • އެއާ އެކު މިނިސްޓްރީތަކުން ރައީސް އޮފީހާ ހަމައަށް އެކަންކަން ގެނެސްދޭނެ؛ އެއަށް ފަހު އެކަން ނިންމައިދޭނެ

ރައީސް މުހައްމަދު މުއިއްޒު ތ. ކިނބިދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

"މިހެން ހުރި ކަންކަމުގައި ތަރުތީބެއް ކަނޑައަޅައިގެން ތަރައްގީގެ ކަންކަން ގެންދެވިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް މިހާރު މިއޮތް އަނދަވަޅުން، އެއީ ކޮން އަނދަވަޅެއް؟ އިގްތިސޯދީ އަނދަވަޅުން އަރައިގަނެގެން، މާނަ ހުރި ދެކޮޅުޖެހޭ، ދެމެހެއްޓެނިވި ތަރައްގީއެއް ނުގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެމަނިކުފާނު އެދިވަޑައިގެންނެވީ، އެ އަނދަވަޅުން އަރައިގަތުމަށް ކައުންސިލްތަކުން މި މަހުގެ ތެރޭގައި މަޝްރޫއުތައް ތަރުތީބުކޮށްދިނުމަށެވެ.

އެންމެ މުހިއްމު މަޝްރޫއުތަކަށް އިސްކަން ދީގެން ވަކި ތަރުތީބަކުން ކަންކަން ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ އިދާރާތަކުން ވެސް މަރުހަބާ ކިޔާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާ އެކީ މަސައްކަތްކޮށް ކަންކަން ތަރުތީބުކޮށް ކުރިއަށް ގެންދިޔުމުން، އިގްތިސޯދު ރަނގަޅުކޮށް ފުޅާކުރަމުން، އާމްދަނީ އިތުރުކުރަމުން، ތަރައްގީގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސް، ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދެއްވޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް