ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ނިލްފާ: މި މަހު އެއް ވަނަ ދުވަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައި

މަސައްކަތް ކުރާނެ 'މާހައުލެއް ނެތުމުން' ޓޫރިޒަމްގެ ޕީއެސް އިސްތިއުފާ ދެއްވައިފި

ނިލްފާ އެމަގާމުން އިސްތިއުފާ ދެއްވުމާއެކު، ވަގުތީ ޕީއެސްއެއް މިހާރު އައްޔަންކޮށް އެ ވަޒީފާއަށް މީހަކު ހޯދުމަށް ވަނީ އިއުލާންކޮށްފައި

މިނިސްޓްރީ ތެރޭގައި މަސައްކަތް ކުރާނޭ 'މާހައުލެއް މިހާރު ނެތް'ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ (ޕީއެސް) ފާތިމަތު ނިލްފާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަގާމުން ނިލްފާ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވިކަން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ ރައިސް މުހައްމަދު ނާސިހު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ބުނީ ކީކޭ؟ - ނާސިހު ވިދާޅުވި ގޮތުގައި ނިލްފާ އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާ ސަބަބެއް ކަމަށް ސިޓީގައި ބުނެފައި ވަނީ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން މަގާމުގައި އިތުރަށް ހުންނަން ޝައުގުވެރިކަން ނެތުން ކަމަށެވެ. 

"އެއީ، މަސައްކަތްކުރާނެ މާހައުލެއް ނެތުމާއި އެތަނުގައި [މިނިސްޓްރީގައި] ދަތިތަކެއް ކުރިމަތިވުން،" އެއީ ކީއްވެގެންތޯ އެހުމުން އެކަމުގެ މާ ބޮޑު ތަފްސީލަކަށް ވަޑައިނުގަތް ނާސިހު ވިދާޅުވި އެވެ.

ނިލްފާގެ އިސްތިއުފާއާ އެކު އެ މަގާމަށް މީހަކު ހޯދުމަށް މިހާރު އިއުލާންކޮށްފައިވާކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.

ސީއެސްސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ އާދިއްތަ ދުވަހު އެ މަގާމަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވަނީ އައިޝަތު އަލީ އެވެ. ހަމަ އެ ދުވަހު އެ މަގާމަށް މީހަކު ހޯދުމަށް ވަނީ އިއުލާން ގެޒެޓްކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްގެ މިނިސްޓަރުކަމުގައި ވެސް އެ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ނިލްފާއަކީ، މީގެ ކުރިން ހިއުމަންރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް)ގައި 20އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

މިނިސްޓްރީ ތެރެއިން ނިލްފާ ޖެހުނީ ސީދާ ކޮން މައްސަލައެއްކަމެއް ކަށަވަރެއް ނޫނެވެ. އަދި މިކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި މިނިސްޓަރާއި ނިލްފާއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ވަނީ މައްސަލަ ގޯސްވެފަ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް