ހައްޖުގެ އަޅުކަމަށް ފުރަން ދިވެހިންގެ ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިވެހި ހާޖީންނަށް އެހީވުމުގެ ފުރުސަތު ދީފި

މިނިސްޓަރު ޝަހީމް ވިދާޅުވީ ކޮންމެ އަހަރަކު ވަކި އަދަދެއްގެ ދިވެހި ދަރިވަރުންނަށް ހައްޖުވެރިންނާ އެކު ގައިޑުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް

ސައުދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފި އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ފުރުސަތު ދިނުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީ ހައްޖު ވުޒާރާއިން ބަލައިގަނެ އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިއަދު އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކަން ހަމަޖެހުމަކީ ހައްޖުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހަކަށް ވާނެ ކަމަށެވެ.

ޝަހީމްއަކީ ސައުދީގައި ކިޔަވާ ވިދާޅުވި އިރު އާންމުކޮށް ހައްޖުވެރިންނަށް އެހީތެރިވެދެއްވަން ހައްޖަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން ދާ މީހުންގެ އަދަދު މަތިވުމުން ސައުދީން ހަމަޖައްސާފައި އޮންނަނީ އެ ގައުމުގެ ތެރެއިން ހައްޖަށް ދެވޭ މީހުންގެ އަދަދު ވެސް ވަކި ވަރެއްގައި ހިފެހެއްޓުމަށެވެ. އެހެންވެ ދިވެހި ދަރިވަރުންނަށް ހައްޖުގައި ބައިވެރިވާން ވަރަށް ދަތިވެ އެވެ.

ޝަހީމް ވިދާޅުވީ ދިވެހިން ހައްޖަށް ދާއިރު އެތަނުގައި ދަތުރުކުރާ ބަސްތަކުގައި އެ މީހުންނާ އެކު އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަރަބި ބަސް ދަންނަ މީހުން ނުތިބޭތީ ބައެއް ފަހަރު ދަތިތައް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިއީ ކޮންމެ ކޮންމެ ގައުމަކަށް ފަހިވެފައި އޮންނަ ފުރުސަތެއް ވެސް ނޫން. ސަބަބަކީ ވަރަށް ގިނަ ގައުމުތަކުގެ ކިޔަވާ ކުދިން [ސައުދީގައި] ތިބުމާ އެކު ވަރަށް މަދު ގައުމަކަށް އެ ފުރުސަތު ހަމަޖައްސާދީފައި އޮންނަނީ. އަޅުގަނޑުމެން ވަރަށް ހާއްސަަ ކަމެއްގެ ގޮތުގައި ހުށަހެޅީމަ ސައުދީގެ ހައްޖު މިނިސްޓްރީން މިހާރު ވަނީ އެކަމަށް ހުއްދަ ދެއްވާފައި،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހަމަޖެހުނު ގޮތުން ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލައި، ކޮންމެ އަހަރަކު ވަކި އަދަދެއްގެ ދަރިވަރުންނަށް ހައްޖުވެރިންނާ އެކު ގައިޑުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް