ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ތ. ވޭމަންޑޫގައި ރޭ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
މިދިޔަ ސަރުކާރު ނިމުނު އިރު ރާއްޖޭގެ މިނިވަންކަން އޮތީ އަތުނުޖެހޭ ހިސާބުގައި: އަބްދުއްރަހީމް
މިދިޔަ ސަރުކާރު ނިމުނު އިރު ރާއްޖޭގެ މިނިވަންކަން އޮތީ އަތުނުޖެހޭ ހިސާބުގައި ކަމަށާއި ދިވެހިންގެ ސިޔާދަތާއި އިސްތިގުލާލު އޮތީ ގާދޫ ކޮލުން ބޭރުވާން ކައިރިވެފައި ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ރައީސް މުއިއްޒު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ އަބްދުއްރަހީމް ވޭމަންޑޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖެ އޮތީ ނިކަމެތި ހާލަތެއްގައި ކަމަށެވެ.
ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓައިދޭނެ ކަމުގެ ޔަގީންކަން ރައީސްގެ ފުރަތަމަ ތަގުރީރުން ވެސް ލިބުނު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ދިވެހިންގެ މައްޗަށް އެހެން ބަޔެއްގެ ބާރު ހިނގަން ފުރުސަތު ނުދެއްވާނެކަން، ދިވެހިންގެ ރާއްޖެ ދިވެހިވަންތަ ސިފަތަކަކާ އެކު ބިނާކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވަނީ ސަރުކާރަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.
"...އެމަނިކުފާނު ދިވެހި ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށް އެ ކުރައްވާ މަސައްކަތަށް އެހީތެރިވެދެއްވާ ބަޔަކަށް ތި ބޭފުޅުން ވެ ވަޑައިގަންނަވާށޭ. އަޅުގަނޑަށް އޮތް ޔަގީންކަމަކީ ރައްޔިތުންނަށް ގެއްލުންވާ ފަދަ އެއްވެސް ކަމަކަށް ރައީސް މުއިއްޒު ޖާގަ ނުދެއްވާނެކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވާދަވެރިންގެ ފާޑުކިޔުންތަކަށް ރައްދު ދޭން ނޭނގި، ނުކެރިފައި ނުހުންނަވާނެ ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން އުރަތްޕެއް ނެތް، ފެއިލް ވެފައިތިބި މީހުން ދައްކާ ވާހަކަތަކަށް ޖަވާބު ދިނުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.
"އެއަށް ވުރެ އަޅުގަނޑުމެންނަށް މުހިއްމީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.