ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލީސް)

ގާސިމް ވިދާޅުވީ އިންޑިއާ/ރާއްޖޭގެ ގުޅުން ގޯސްކުރީ ނަޝީދާއި ޔާމީން ކަމަށް

އެ ދެ ރައީސުންނަށް ފާޑުވިދާޅުވެ، ގާސިމް ވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ވެސް ވާހަކަ ދައްކަވާފައި

އިންޑިއާ-ރާއްޖޭގެ ގުޅުން މި ވަރަށް ހީނަރުވެ، އެ ގައުމުގެ ކޯސްޓް ގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހި މަސްދޯނިތަކަށް އަރާ ހިސާބަށް ކަންކަން ދިއުމުގެ ސަބަބަކީ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމް މިގޮތަށް ވާހަކަ ދެއްކެވީ، އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރުމާއި ޗައިނާގެ ރީސާޗު އުޅަނދާ ގުޅޭ ގޮތުން ސަރުކާރުން އެކަށީގެންވާ މައުލޫމާތު ދީފައި ނުވާތީ އާއި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ތަފްސިލު -  ވާހަކަ ފައްޓަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި އިންޑިއާ ސިފައިން އެގޮތަށް އަމަލުކުރުމަކީ، 'ވަރަށް ވެސް ދެރަވަރު، ނިކަމަތި' ކަމެއް ކަމަށެވެ. ނަމަވެސް ކަންކަން އެ ހިސާބަށް ދިޔަ ގޮތުގެ އަސްލާ ހަމައަށް ދަމާތޯއޭ ވިދާޅުވެ، ގެންނެވީ ނަޝީދުގެ ސަރުކާރުގައި އިންޑިއާއިން ހެލިކަޕްޓަރު ގެނައި ވާހަކައާ ހިސާބުންނެވެ.

"ގާނޫނުއަސާސީއާ ހިލާފަށް އަޅުގަނޑުމެންގެ ރާއްޖޭގައި ކަންކަން ހިނގައިދިޔަ ގޮތް މާޒީއަށް ބަލާއިރު ވަރަށް ސާފުކޮށް އެނގޭ. އަދި އިހަށް ދުވަހު، ނޫސްތަކުން އެބަ ފެނޭ ދޯނިފަހަރުތަކަށް ނޫނޭ [އިންޑިއާ ސިފައިން] އަރާނީ އަދި މާލެއަށް ވެސް އަރާނޭ،" ނަޝީދަށް ނިސްބަތްކޮށް، މި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

"މިގޮތަށް ހިތްވަރު ދެއްވާފައި [ވަނީ]. ރާއްޖޭގެ ވެރިކަން ވެސް ކުރައްވާފައިވާ އަދި އިހަށް ދުވަހު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އާދެ، ގެނެރީގޭ މުހައްމަދު ނަޝީދު. ރައީސް ނަޝީދުގެ ވާހަކަ މި ދަންނަވަނީ."

އިންޑިއާ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ދިވެހިން އެއްވެސް ގޮތެއް ނެތި އެއްޗެހި ކިއުމާއި ޗައިނާގެ އުޅަނދު ފަހަރަށް ރާއްޖެއިން ފުރުސަތު ދޭ ނަމަ އިންޑިއާ ސިފައިން އަރާނީ ހަމައެކަނި މަސް ދޯނިފަހަރަށް ނޫން ކަމާއި މާލެއަށް ވެސް އަރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެގޮތަށް އެމަނިކުފާނު ވިދާޅުވީ ސޯޝަލް މީޑިއާގެ ގްރޫޕެއްގެ ތެރޭގަ އެވެ.

ގާސިމް ވިދާޅުވީ އެގޮތަށް ނަޝީދުގެ ވާހަކަތައް ހުރުމަކީ ގައުމަށް ދެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އަދި އެއީ އެގޮތަށް އެކަން ކުރަން އިންޑިއާއަށް ވެސް ހިތްވަރުދިނުން ކަމަށް ސިފަކުރައްވައިފަ އެވެ.

"އަނެއްކޮޅުން އެމަނިކުފާނުގެ ވެރިކަމުގައި މިތަނަށް ފުރަތަމަ ހެލިކަޕްޓަރު ގެނެއްސަ އޮތީ ބޭރުގެ ސިފައިން އޭގެ ތެރޭގައި ހިމެނޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް،" ގާސިމް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އޮތް ހަފުލާއެއްގައި ގާސިމް

ގާސިމް ވިދާޅުވީ ބޭރުގެ ސިފައިންގެ ބަޔަކު އެގޮތަށް ރާއްޖޭގައި ބޭތިއްބޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވުން ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ވެސް އަމަލުކުރީ އެގޮތަށް ކަމަށެވެ. އަދި މިހާރުގެ ހުޅުގަނޑު ރޯކުރީ ޔަމީން ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު އެންމެ ފަހުން، އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ހިތްހަމަނުޖެހުމާއި ހުޅުގަނޑު ރޯކުރީ ޕީޕީއެމްގެ ލީޑަރަކަށް [އޭރު ހުންނެވި] ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން އަދާކުރެއްވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. މިއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް،" ގާސިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އާއި ގާސިމް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

މިހާތަނަށް ރިޔާސީ ތިން އިންތިހާބެއްގައި ވާދަކުރައްވައި ފުރަތަމަ ބުުރުން ނާކާމިޔާބުވެވަޑައިގެން ގާސިމް މިހާރު ހުންނެވީ މި ސަރުކާރާ އެކުގަ އެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒުގެ ދިފާއުގައި ވެސް ގާސިމް ވާހަކަ ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ: 

  • 'އިންޑިއާ އައުޓް' ނަމުގައި ޔާމީންގެ ލީޑަޝީޕްގައި ޕީޕިއެމް-ޕީއެންސީން އެ ހަރާކާތް ފެށި ނަމަވެސް، ރައީސް މުއިއްޒަށް އެގޮތަށް ހުންނަވަން އޭރު 'މަޖުބޫރުވީ' ޕާޓީއެއް ތެރޭ ހުންނައިރު އެ ޕާޓީއެއްގެ ވެރިޔަކު ބޭނުންވާ ގޮތަށް ކަންކަން ދާ ގޮތަށް ރާއްޖޭގެ ކަންކަން ހަމަޖެހިފައިވުމުން

  • 'އިންޑިއާ އައުޓް' ކެމްޕެއިން ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ވެސް ރައީސް މުއިއްޒު ބާތިލެއް ނުކުރައްވާ؛ އެ ގާރާރު ބާތިލު ކުރަން ޔާމީން ބޭނުންވޭ

"އެހެންވީމާ އެބަ އެނގޭ ރައީސް މުއިއްޒު ހުންނެވީ އެކަން އެގޮތަށް ކުރާ ކަން ނޫން ކަން [ޔާމީން ބޭނުންވިޔަށް ގަރާރު ބާތިލުކުރުމަށް ނޫން ކަން]. އަދި މިއަދު އެ ބާވަތުގެ ވާހަކަ ދައްކަވަން ބޭނުން ނުވާކަން،" ގާސިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް