ކުއްލި ގޮތަކަށް ރޭ އަވަހާރަވި ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ކުއްލި މަރު

ގެއްލިގެން އެ ދިޔައީ ހުނަރުވެރި، ހިދުމަތްތެރި ޒުވާނެއް

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް އަވަހާރަވުމާ އެކު ތައުޒިޔާގެ މެސެޖުތަކުން ސޯޝަލް މީޑިއާ ވަނީ ފުރާލާފައި
1 ފެބްރުއަރީ 2024
1

ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމްގެ ކުއްލި ވަކިވުމަކީ، ގާނޫނީ ދާއިރާގެ ބޭފުޅުން ސިފަކުރައްވާ ގޮތުގައި، މުޅި ދާއިރާއަށް ވެސް ލިބުނު ފޫނުބެއްދޭނެ ހުސްކަމެކެވެ. ގާނޫނީ ދާއިރާއިން މުޅި ގައުމަށް ލިބުނު ދެރައެކެވެ.

އުމުރުން އެންމެ 39 އަހަރުގައި ރޭ  އަވަހާރަވި ނަމަވެސް، އޭނާގެ ގާނޫނީ ހަޔާތުގައި ވިޝާމް ވަނީ ގައުމަށް އަގުހުރި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. ގާނޫނީ ވަކީލުކަމުން ފެށިގެން ގޮސް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގައި ބަންޑާރަނައިބުގެ  އެސިސްޓެންޓު ކަމުގެ މަގާމާއި، އޭނާ އެންމެ ފަހުން ފުރުއްވަމުން ގެންދެވި ބާ ކައުންސިލްގެ ރައީސް ކަމުގައި ހުންނަވައިގެން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެތައް ބަޔަކު އެކަން ފާހަގަކުރަނީ ވެސް އެ ސަބަބަށްޓަކަ އެވެ.

"ބާ ކައުންސިލްގެ ރައީސް އަލްއުސްތާޒް އިސްމާއިލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެކެވެ. ގައުމަށް އެ ގެއްލުނީ ހިދުމަތްތެރި ޒުވާން ތައުލީމީ ދަރިއެކެވެ،" ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވި އެވެ.

ބާ ކައުންސިލުން ނެރުނު ތައުޒިޔާގެ މެސެޖުގައި ފާހަގަކުރި ގޮތުގައި، ވިޝާމްގެ ވަކިވެވަޑައިގަތުމަކީ ރާއްޖޭގެ ބާ ކައުންސިލަށާއި ދިވެހިރާއްޖޭގެ ގާނޫނީ ފަންނަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ.

"އެމަނިކުފާނުގެ ޒައާމަތުގައި ދިވެހިރާއްޖޭގެ ގާނޫނީ ފަންނަށް ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައި، ގާނޫނީ ފަންނު ކުރިއަރުވައި، ގާނޫނީ ވަކީލުންގެ މަސައްކަތަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ،" އެ މެސެޖުގައިވެ އެވެ.

ރައީސް ވެސް ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ މަތީ ބޭފުޅުންނާއި، ގާނޫނީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ވިޝާމްގެ ކާމިޔާބީތަކާއި ރަނގަޅު ސިފަތަކަށް ތައުރީފު ކުރައްވާ، ތައުޒިޔާގެ މެސެޖުތައް ލިޔުއްވާފައިވެ އެވެ. އޭނާގެ ކުއްލި ވަކިވުމުގެ ހިތާމައިގައި އެތައް ބަޔަކު ބައިވެރިވެ، ތައުޒިޔާގެ މެސެޖުތަކުން ސޯޝަލް މީޑިއާ ފުރާލާފައި ވުމުން ދޭހަވަނީ މީހުންގެ ހިތްތަކުގައި ވިޝާމްއަށް އޮތް ލޯތްބާއި އިހުތިރާމާއި ގަދަރުގެ މިންވަރެވެ.

"ވިޝާމް އަކީ ޅަ އުމުރެއްގައި ވެސް ރާއްޖޭގެ ގާނޫނީ ދާއިރާއަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވި، މޮޅު ގާނޫނީ ވަކީލެކެވެ. އަހަރެންނާ އެކު ދެ މައްސަލައެއްގައި ކޯޓަށް ވަޑައިގެންދެއްވި އެވެ. އެ ދެ މައްސަލައިގައި ވެސް ވިޝާމްގެ އިލްމާއި ހުނަރު އަހަރެންނަށް ފެނުނެވެ،" ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ އިބްރާހިމް އިސްމާއިލް (އިބްރާ) ފޭސްބުކްގައި ލިޔުއްވި އެވެ.

"މީގެ އިތުރުން ގާނޫނީ އެކިއެކި ސުވާލުތަކާއި ބަހުސްތަކުގައި ވިޝާމްއާ އެކު ވަރަށް ގިނަ ވަގުތު ހޭދަކުރެވިފައިވެ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ގާނޫނުއަސާސީ އާއި ފަލްސަފާ އަދި ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ގާނޫނީ ނިޒާމު ހަރުދަނާ ކުރުމާއި އިންސާފު ގާއިމްކުރުމުގައި ހުރި އުނދަގޫތަކާ ގުޅޭ ގިނަ ވާހަކަތަކެއް ވިޝާމްއާ އެކު ދެކެވިފައިވެ އެވެ."

އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި، އެކަންކަމުގެ ތެރެއިން އެހާ ޅައުމުރުގައި ވެސް ވިޝާމްގެ ތޫނުފިލިކަމާއި ވިސްނުމުގެ ތަނަވަސްކަން އޭނާއަށް ފާހަގަކުރެއްވުނެވެ.

"މެދު އުޑަށް ވެސް ނާރަނީސް، ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި، އަލިގަދަ ތަރިއެކެވެ،" އޭނާ ލިޔުއްވި އެވެ.

ކޮމެންޓް (1)

ސަނައްޓޭ

1 ފެބްރުއަރީ 2024
ދުނިޔޭގެ އާދަ. ތައްޔާރުވާންވީ އަަބަދުވެސް މަރަށް. މިއަދު އެދިޔައީ ހުސްއަތާ. ގެންދެވުނީ ކުރި އަމަލުތައް. ވިޝާމްއަށް ސުވަރުގެ މިންވަރު ކުރައްވާށި
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް