ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީން އާއި ލަންކާގެ ޕޯޓްސް އެންޑް ޝިޕިން މިނިސްޓަރު ނިމާލް މިއަދު ބައްދަލުކުރައްވަނީ (ފޮޓޯ/އަމީން)
ރާއްޖެ އާއި ލަންކާއާ ދެމެދު މާޗުގައި އެއާ އެމްބިއުލާންސް ހިދުމަތް ފަށަނީ
މި އަހަރުގެ މާޗު މަހުން ފެށިގެން، ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން އެއްބަސްވެއްޖެ އެވެ.
ފަސްމަންޒަރު - މިހާރު ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިދިޔަ މަހުގެ ފަހުކޮޅުގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ މި އަހަރުގެ 1 މާޗުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށްޓަކައި ތައްޔާރީތައް ފަށާފައިވާކަން ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވިގޮތުގައި ދެ އެއާ އެމްބިއުލާންސެއް ތައްޔާރުކޮށް، އެ ހިދުމަތް ދޭނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކޮލަމްބޯއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެ ގައުމުގެ ޕޯޓްސް ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާއާ މިއަދު ބައްދަލުކުރެއްވުމަށް ފަހު އެކްސްގައި ވިދާޅުވިގޮތުގައި، ކުއްލި ހާލަތުގައި އޮޕަރޭޓުކުރާ މެޑިކަލް އެވެކުއޭޝަން ފްލައިޓުތަކަށް ވަގުތުން ހުއްދަ ލިބޭ ގޮތަށް ފްރޭމްވޯކެއް ދެ ގައުމުގެ ދެމެދުގައި އެކުލަވާލަން ވަނީ އެއްބަސްވެފަ އެވެ.
I had the great pleasure of meeting Hon. Nimal Siripala de Silva, Minister of Ports, Shipping and Aviation of Sri Lanka today in Colombo
— Mohamed Ameen (@ameen3d) January 30, 2024
We had successful discussions in fostering the relationship between our two Ministries
We have specifically agreed upon creating a framework… pic.twitter.com/mGaYyXIzFF
ތަފްސީލް - އަމީން އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް ނިމާލް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވިގޮތުގައި:
-
މިއަދު ހެނދުނު އަމީންއާ އެކު ބޭއްވި ބައްދަލުވުމުގައި، އެކްސިޑެންޓުތަކާއި ބަލިތަކާ ގުޅިގެން އަވަސް ފަރުވާ ބޭނުންވާ މީހުން ފަރުވާއަށް ލަންކާއަށް ގެންދިޔުމަށް ބޭނުންވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު
-
އަވަސް ފަރުވާއަށް މިހާރު ރާއްޖެއިން ފޮނުވަމުންދަނީ އިންޑިއާއަށް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ބަލި މީހުން ލަންކާއަށް ފޮނުވަން ސަރުކާރުން ގަސްތުކުރާ ކަމަށް އަމީން ވިދާޅުވި؛ އެއީ ލަންކާގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވުމުން ކަމަށް ވެސް ވިދާޅުވި
-
ރާއްޖެއިން ލަންކާގެ ކަޓުނާޔަކަ އެއާޕޯޓަށް އެއާ އެމްބިއުލާންސްގެ ހިދުމަތް 1 މާޗުގައި ފެށުމަށް މި ބައްދަލުވުމުގައި އެއްބަސްވި
-
އެ އެއާޕޯޓުގައި އެކަމަށްޓަކައި ހާއްސަ ޔުނިޓެއް ގާއިމުކޮށް އެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ހުއްދައެއް މިހާރު ވާނީ ދީފައި