އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުން. (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އެމެރިކާ

ރައީސް އެމެރިކާއަށް: އިޒްރޭލުގެ ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން ޖެހޭ

ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވުމާ އެކު، އިޒްރޭލުގެ ހަމަލާތައް ހުއްޓާލާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި
30 ޖެނުއަރީ 2024

އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ 1967ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީގެ އަރިހުގައި މިއަދު ދަންނަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫއާ އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ބުނީ ކީކޭ؟ - މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައިވާ ގޮތުން، ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ:

  • ކުރިއަށް އޮތީ ރޯދަ މަހަށް ވާތީ، ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާން ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާ

  • މި މައްސަލައަށް ދާއިމީ ހައްލެއް ހޯދެން އޮތީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ދެ ދައުލަތެއް ގާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކޮށްގެން ކަމުގައި

ފާހަގަކޮށްލެވޭ - މީގެ އިތުރުން، ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން، ފާހަގަކޮށްލެވޭ ބައެއް ދާއިރާތަކަކީ:

  • ވިޔަފާރި އާއި އިގުތިސޯދު ކުރިއެރުވުން

  • ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން

  • އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުން

މި ބައްދަލުކުރެއްވުމުގައި، އެމެރިކާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ރައީސް މުއިއްޒު ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ރާއްޖެއަށް ފައިދާކުރާ، ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ބާރު ލިބޭ ކަންކަމަށް މަރުހަބާކިޔުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް