ދިރާގުން ރަސްފަރީ ފަރު އިއާދަކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދެނީ. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން ރަސްފަރީ ފަރު އިއާދަކުރުމުގެ މަޝްރޫއަށް އެހީ ދީފި

ފަރު އިއާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް ޑައިވިން ކިޓްތައް ވެސް ދިރާގުން ހަދިޔާކޮށްފައިވޭ
30 ޖެނުއަރީ 2024

ހިމާޔަތްކޮށްފައިވާ އަދި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ކ. ރަސްފަރީ ފަރަށް ބޯޓެއް އުރި، ލިބުނު ގެއްލުންތައް އިއާދަކުރުމުގެ ގޮތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފަށާފައިވާ ހަތް އަހަރުދުވަހުގެ މަޝްރޫއަށް ދިރާގުން އިއްޔެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ވީ ކިހިނެއް؟ - އެކަމާ ގުޅޭ އެއްބަސްވުން ދިރާގާއި އީޕީއޭ އިން އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ.

ތަފްސީލް - ދިރާގުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ކުންފުނިން މި މަޝްރޫއަށް ދޭނެ އެހީތެރިކަމަކީ:

  • ފަރު އިއާދަކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ 

  • ފަރު އިއާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް ޑައިވިން ކިޓްތައް ވެސް ހަދިޔާކޮށްފައިވޭ

  • ދިރާގުގެ ދަރުމަވެރިން ވެސް ވަނީ، ދާދި ފަހުން ކުރިއަށްގެންދިޔަ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައި

ބުނީ ކީކޭ؟ - "މި މުހިންމު ކޮންޒަވޭޝަން ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް އީޕީއޭއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތިމާވެށި ހިމާޔަތްކޮށް ކަނޑުތައް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މައިގަނޑު އެއް އަމާޒު. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ތިމާވެއްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކުގައި ބައިވެރިވުމަށް،" ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

'ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ' ސައިޓުގައިވާ މި ފަރަކީ ތަފާތު ދިރޭތަކެތި ދިރިއުޅެމުންދާ ސަރަހައްދަކަށް ވެފައި، މި ފަރު އިއާދަކުރުމަކީ ބަޔޯޑައިވަސިޓީ ހިމާޔަތް ކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

"މި ޕްރޮޖެކްޓްގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި، މި މަޝްރޫއުގެ ކޮންމެ މަރުހަލާއެއްގައި ވެސް ކަމާ ގުޅުން ހުރި ފަރާތްތަކުގެ ހަރުދަނާ ބައިވެރިވުމާއި އެއްބާރުލުން ވަރަށް މުހިންމު. ރަސްފަރީ ހިމާޔަތް ކުރުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރަން. އަދި އަޅުގަނޑުމެންގެ އުންމީދަކީ ޕްރޮޖެކްޓް ޕާޓްނަރުންގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން،" އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި އެވެ.   

މައްސަލައިގެ ފެށުން - ހިމާޔަތްކޮށްފައިވާ 'ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ'ގައި ހިމެނޭ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން، ފަރަށް އެރި 'ނަވިއޯސް އަމާރީލިސް' ބޯޓު ފުންކުރުމަށް ފަހު ބެލިބެލުމުން އެނގިފައިވެ އެވެ. އޭގެ ފަހުން:

  • އީޕީއޭ އިން ވަނީ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވެން އޮންނަ އެންމެ ބޮޑު އަދަދު ކަމަށްވާ 100 މިލިއަން ރުފިޔާ އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައި

  • އެންވަޔަރަމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާކުރުމަށް ފަހު، ޖޫރިމަނާ ފައިސާގެ އިތުރަށް، ފަރަށް ގެއްލުން ލިބުނު ސަރަހައްދު ކުރިން އޮތް ގޮތަށް އިއާދަކުރުމަށް ކުރަން ޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ދޭން ބޯޓުގެ ވެރިފަރާތުން އެއްބަސްވި

އެ ކުންފުނިން ވަނީ ޖުމްލަ 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) މަރުކަޒީ ބޭންކުގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް 2021ގެ ފަހުކޮޅު ޖަމާކޮަށްދީފަ އެވެ.

ރަސްފަރި ފަރު ހާއްސަވަނީ ކީއްވެ؟

  • އެއީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެއް 

  • އެއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދު 

  • ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ 'ކްލީނިން ސްޓޭޝަން'އެއް ވެސް ހިމެނޭ 

  • އެ ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑަ އާއި މަޑި އާއި މިޔަރު އަދި ވެލާ ފެންނަ ސަރަހައްދެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް