ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލިސް ސަރަހައްދަށް ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ސިފައިން ގެނެސްގެން ވިޔަސް މަޖިލިސް ހަމައަކަށް އަޅުވަން ގާސިމް ގޮވާލައްވައިފި

ގާސިމް ވިދާޅުވީ ދައުލަތް ހިންގުމުގެ އެންމެ މަތީ ވެރިޔަކީ ރައީސް ކަމަށާއި ރައީސްގެ އަމުރުފުޅަށް ސިފައިން ކިޔަމަން ވާން ޖެހޭނެ ކަމަށް
28 ޖެނުއަރީ 2024

ސިފައިން ގެނެސްގެން ވިޔަސް ރައްޔިތުންގެ މަޖިލިސް ހަމައަކަށް އަޅުވަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމް މިހެން ވިދާޅުވީ މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ނިންމުމާ ގުޅިގެންނެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕު ބައްދަލުވުންތަކުގައި އެ ދެ ޕާޓީން ވެސް ރުހުން ނުދޭން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކަށެވެ. އެއީ:

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ތަފްސީލު - އެ ދެ ޕާޓީގެ ނިންމުމާ ގުޅިގެން މަޖިލިސް ސަރަހައްދުގައި ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި އާންމު މެމްބަރުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ:

  • ސިފައިން ގެނެސްގެން ވިޔަސް މަޖިލިސް ހަމައަކަށް އަޅުވަން ޖެހޭ

  • ދައުލަތުގެ އެންމެ މަތީ ވެރިޔާ އަކީ ރައީސް ކަމަށް ވުމުން، ރައީސް ވިދާޅުވާ ކަންކަން ސިފައިން ކުރަން ޖެހޭނެ

"ދެން މި ތަނުގެ އެއްޗެހި ހަލާކުކޮށް، އަނެއް ކަމެއް ކުރާއިރު، ސިފައިން ޖެހޭނެ މި ތަނުގައި އެއްވެސް އެއްޗެއް އެއްވެސް ބަޔަކު ހަލާކުކުރިޔަ ނުދީ އެކަން ބަލަހައްޓަން،" ގާސިމް ވިދާޅުވި އެވެ.

"ހަމަ އެހެންމެ، އެންމެ އިސްވެރިޔަކަށް، ދައުލަތުގެ ކޮމާންޑިން ޗީފަކަށް ހުންނާނީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާގެ އަމުރަށް ވެސް ކިޔަމަންވާން ޖެހޭނެ."

ގާސިމް ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރަށް އެހީތެރިވެދޭ ގޮތަށް ކަމަށެވެ.

އެނގުން މުހިންމު - ސަރުކާރަށް އެހީތެރިވެދޭ ގޮތަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވިއިރު، އޭނާއަކީ ކުރިން އޮތް އެމްޑީޕީ ސަރުކާރު ހިންގި ކޯލިޝަންގެ އިސް ބޭފުޅެކެވެ. ނަމަވެސް، ކޯލިޝަނުން ވަކިވެވަޑައިގެން، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވީ ވަކިން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް