ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެއަށް ފައިދާވާނެ ކޮންމެ ގުޅުމެއް ވަރުގަދަކުރަން ތައްޔާރު: ޒަމީރު

އޮސްޓްރޭލި އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ އެ ގުޅުން ރަމުޒުކޮށްދެނީ ބަދަލެއް ނުވާ ބައި ގަރުނުވީ އެކުވެރިކަމާއި އިހުތިރާމާއި އިތުބާރު ކަމަށް

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް މުޅި ދުނިޔޭގެ އިހުތިރާމު ދެމެހެއްޓޭކަން ކަށަވަރުކުރުމާ އެކު، ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް، ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުން ހިމެނޭ ގޮތަށް، ގައުމަށާއި ރައްޔިތުންނަށް ފައިދާވާނެ ކޮންމެ ގުޅުމެއް ގާއިމުކޮށް ވަރުގަދަކުރުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އޮސްޓްރޭލިއާގެ ހައި ކޮމިޝަން ހުންނަ، ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ބުނީ ކީކޭ؟ - ޒަމީރު ވިދާޅުވީ، އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އިއްޔެ 50 އަހަރު ވެގެންދިއުން ރަމުޒުކޮށްދެނީ، ބަދަލެއް ނުވާ ބައި ގަރުނުވީ އެކުވެރިކަމާއި ހަމަހަމަ އިހުތިރާމާއި އިތުބާރުގެ މައްޗަށް އުފެދިފައިވާ ދެ ގައުމުގެ ވަރުގަދަ ގުޅުން ކަމަށެވެ.

އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސިއާދަތު ދަމަހައްޓަން ކުރެވޭ މަސައްކަތަކުގެ ތެރެއިން، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ވަރުގަދަ ގުޅުންތަކެއް ގާއިމުކުރެވިގެން ގޮސްފައިވާކަން ވެސް ޒަމީރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަން ކުރިއެރުވުމަށް އެހީތެރިވެދިނުމުގައި އޮސްޓްރޭލިއާއިން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް [މުހައްމަދު] މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް މުޅި ދުނިޔޭގެ އިހުތިރާމު ދެމެހެއްޓުމާ އެކު، ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް ކުރިއެރުވުމާއި ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމުކުރުން. ދެ ފަރާތަށް ވެސް ފައިދާކުރަނިވި އެފަދަ ހުރިހާ ގުޅުންތަކެއް ވަރުގަދަކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވާހަކަދައްކަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

ޒަމީރު އިތުރަށް ވިދާޅުވީ:

  • އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް 'އޮންސްޓްރޭލިއަން އެވޯޑް ޕްރޮގްރާމު'ގެ ދަށުން ކޮންމެ އަހަރަކު ދޭ ސްކޮލާޝިޕްތަކުން ގިނަ އަދަދެއްގެ ދިވެހިންނަށް ފައިދާވޭ

  • މިދިޔަ އަހަރު ރާއްޖޭގައި ގާއިމުކުރި އޮސްޓްރޭލިއާގެ ހައި ކޮމިޝަނުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަގުފަހިވެފައި

  • މޫސުމީ ބަދަލުތަކާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައި އޮސްޓްރޭލިއާއާ އެކު މަސައްކަތް ކުރަން ރާއްޖޭން އުންމީދުކުރަން

"އެކުއެކީގައި ދެ ގައުމަށް ފައިދާވާނެ މުސްތަގުބަލެއް ބިނާކުރުމުގެ އިތުރުން، ސަރަހައްދުގެ ހަމަޖެހުމަށް ވެސް މަސައްކަތްތަކެއް ކުރެވިދާނެ،" ޒަމީރު ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 25 ޖެނުއަރީ 1974ގަ އެވެ. އެ ގައުމުގެ ހައި ކޮމިޝަނެއް ރާއްޖޭގައި އަލަށް ގާއިމުކުރީ މިދިޔަ އަހަރުގެ 25 މޭގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް