ގއ. ވިލިނގިލި: މި ރަށުން ހޯއްގޮވާ ކެއްސުމުގެ ތިން ކޭސް ވަނީ ފެނިފައި

އެޗްޕީއޭ

ކުޑަކުދިންނަށް ނުރައްކާ ބޮޑު ހޯއްގޮވާ ކެއްސުމުގެ 3 ކޭސް ފެނިއްޖެ

މި ބަލީގެ ވެކްސިން ޑޯޒްތައް ފުރިހަމަނުކޮށް ތިބި 7 އަހަރުން ދަށުގެ ކުދިންގެ ވެކްސިން ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރޭ
23 ޖެނުއަރީ 2024

ގއ. ވިލިނގިލިން މި މަހުގެ ތެރޭގައި ހޯއްގޮވާ ކެއްސުން (ޕާޓޫސިސް) ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިއަދު ބުނެފި އެވެ.

ފަސްމަންޒަރު - އެޗުޕީއޭއިން ބުނީ މިއީ ގަވާއިދުން ވެކްސިން ދޭން ފެށުމުން ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ކަމަށާއި ނަމަވެސް މަދުމަދުން މި ބަލީގެ ކޭސްތައް ރާއްޖެއިން ފެންނަމުންދާ ކަމަށެވެ.

ތަފްސީލު - އެޗުޕީއޭ އިން ބުނިގޮތުގައި ވިލިނގިލިން ފެނުނު ކޭސްތަކާ ގުޅިގެން ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތްތަކަކީ:

  • އައިޖީއެމްއެޗް އާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން، ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުން

  • ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންގެ ތެރެއިން ބަނޑަށް ހަ މަސް ވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދިނުން

  • ބަލީގެ އަލާމަތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކުރުމާއި ބޭސް ދިނުން

  • ގއ. އަތޮޅު ހޮސްޕިޓަލުން މިކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަން ފެށުން

ހޯއްގޮވާ ކެއްސުމަކީ ކޮބާ؟

މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނަނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެކެވެ. އަދި ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، އެ ކެއްސުން ގިނަ ދުވަހަށް ދިގުލައިގެންދެ އެވެ.

ތުއްތު ކުދިންގެ ފަރާތުން އިތުރު އަލާމާތްތައް ވެސް ފެނިދާނެ އެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް މި ބަލި ޖެހިގެން، މާ ބޮޑެތި އަލާމާތްތަކެއް ނުފެނިދާނެ އެވެ.

އެޗުޕީއޭއިން އިތުރަށް ބުނިގޮތުގައި:

  • މި ބަލީގެ ނުރައްކާ ބޮޑީ ތުއްތުކުދިންނަށް

  • އުމުރުން 7 އަހަރު ނުވާ ކުދިންގެ ތެރެއިން މި ބަލީގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކުރި

  • ރަށްރަށުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން މި ވެކްސިން ޖެހޭނެ

އެނގުން މުހިއްމު - ރޯގާޖެހި ކެއްސުން ދިގުލައިގެންދާ ނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ވާނަމަ އާއި ދިގު މުއްދަތަކަށް ފަރުވާކުރާ އެހެން ބައްޔެއް ހުރި ނަމަ ނުވަތަ ކުޑަކުދިންނާއި މާބަނޑު މީހުން ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗުޕީއޭ އިން އިލްތިމާސްކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް