އައްޑޫ، ހުޅުމީދޫ.

އައްޑޫ

އައްޑޫ ބްރިޖު މަޝްރޫއު ހިންގަން މިސްރުގެ ކުންފުންޏަކާ މަޝްވަރާކުރަނީ

ދަ އަރަބް ކޮންޓްރެކްޓާޒްގެ ވެބްސައިޓުގައިވާ ގޮތުގައި އެ ކުންފުންޏަކީ މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކުގައި ވަރަށް ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެއް
21 ޖެނުއަރީ 2024

އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރަން އެއްބަސްވުމަކަށް އަންނަން މަޝްވަރާތައް ފަށަން ސަރުކާރުން މިއަދު ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރައްވަމުން އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ހުޅުމީދޫ ބްރިޖުގެ މަޝްރޫއު ހިންގުމަށް ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ 'ދަ އަރަބް ކޮންޓްރެކްޓާޒ'ް އިން ކަމަށެވެ. އެގޮތުން: 

  • މިދިޔަ ބުދަ ދުވަހު ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުުވުމުގައި ނިންމީ ބްރިޖުގެ މަޝްރޫއު އެ ފަރާތާ ހަވާލުކުރަން އެއްބަސްވުމަކަށް އަންނަން މަޝްވަރާތައް ފެށުމަށް 

ތަފްސީލް - ނާޒިމް ވިދާޅުވީ އެ ކުންފުނިން ވަނީ އެ ބްރިޖު އެޅުމަށް ހަދަން ޖެހޭ ދިރާސާތައް އަގެއް ނުނަގާ ކޮށްދޭނެ ކަމުގެ އިޝާރާތެއް ސަރުކާރަށް ދީފައި ކަމަށެވެ. އަދި އެގޮތަށް ކަންކަން ހަމަޖެހޭ ނަމަ، އެ މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކުރަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަ އަރަބް ކޮންޓްރެކްޓާޒް އަކީ ކޮން ބައެއް؟

އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އެ ކުންފުންޏަކީ މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކުގައި ވަރަށް ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން:

  • އެ ކުންފުނިން 29 ގައުމެއްގައި މަޝްރޫއުތައް ހިންގާ 

  • އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކުރަނީ ބްރިޖާއި ހައިވޭ އާއި ވޯޓާވޭތަކާއި ބަނދަރުތަކާއި މެޓްރޯ އަދި ބޮޑެތި އިމާރާތްތައް ހެދުމުގެ މަސައްކަތް 

  • މިސްރުގެ ރަސްމީ ފުޓްބޯޅަ ލީގުގައި ކުޅޭ ޓީމެއް ވެސް އެ ކުންފުނިން ގެންގުޅޭ 

ފާހަގަކޮށްލެވޭ - މި ފަހުން ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމަނާ ދަތުރުފުޅުގައި އިންވެސްޓަރުންނާ އެކު ބޭއްވި ފޯރަމްގެ ތެރެއިން އެ ބްރިޖު އަޅައިދިނުމަށް ޝައުގުވެރިވާ ކުންފުންޏަކުން ޕްރޮޕޯސަލް ލިބިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ހާމަކުރައްވާފައިވެ އެވެ. ނަމަވެސް، އެ ކަމުގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އައްޑޫ ބްރިޖުގެ މަސައްކަތަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް