ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޕާކިން ޒޯންގައި މީހަކު މަޑުކޮށްލައިގެން ހުރި އިރު، ކުރިމަތީގައި އޮތް ތެޔޮ ރައްކާ ކުރާ ތެޔޮ ފުނަދޫ ޖެޓީގައި ބޮޑު ތެޔޮ ބޯޓެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތެޔޮ

ތެޔޮ ސްޓޯރޭޖު މާގިރި ފަޅަށް ބަދަލުކުރަން ނިންމައިފި

އެއީ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމަކީ މި ސަރުކާރުގެ ތަސައްވަރެއް؛ އެ މަޝްރޫއުގެ ދަށުން އެ ރަށް އެއާޕޯޓް އިކޮނޮމިކް ޒޯނަކަށް ބަދަލު ކުރާނެ

މާލެ އަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ ތެޔޮ ސްޓޯރޭޖު ކ. މާގިރި ފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަކުރީ، މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމި ކަންކަން ހާމަކުރުމަށް މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތެޔޮ ސްޓޯރޭޖު، ކ. ކަނޑުއޮއްގިރި ކައިރީގައި އޮންނަ މާގިރި ފަޅަށް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއިން ކުރަން ވަޒީރުންގެ މަަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ނުދެއްވަ އެވެ.

ގުޅުން ހުރި ކަމެއް - ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި އެ ރަށް އިގްތިސޯދީ ހަބަކަށް ބަދަލު ކުރަން ނިންމާފައިވާކަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ. ފުނަދުއަށް ގެންނަން ނިންމާފައިވާ އިގްތިސޯދީ ބޮޑު ބަދަލު އެ ރޭ ދައްކާލާފައިވެ އެވެ.

ރައީސް މުއިއްޒު އެ ރޭ ވިދާޅުވެފައިވާ ގޮތުން:

  • ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި އެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ؛ ކުރިއަށް އޮތް ދޮޅު އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ

  • އެއާ އެކު، އެސްއީޒެޑް ގާނުނު ތަންފީޒު ކުރަން މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން އަދި އެއަށް ވުރެ ވެސް ފުޅާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްލޭނެއްގެ ތެރެއިން، އެއީ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމަކީ ތަސައްވަރެއް

  • އެ މަޝްރޫއުގެ ދަށުން އެ ރަށް އެއާޕޯޓް އިކޮނޮމިކް ޒޯނަކަށް ބަދަލު ކުރާނެ

  • ވިޔަފާރިކުރަން ހާއްސަ ސެންޓަރުތަކާއި ހޮޓާތަކުގެ އިތުރުން، ކޮންވެންޝަން ފެސިލިޓީ އާއި މުނިފޫހިފިލުވަން ހާއްސަ ތަންތަން ގާއިމް ކުރާނެ

  • ފުނަދޫ އާއި މާލެ އަދި ފުނަދޫ އާއި ހުޅުލެ ބުރިޖުން ގުޅާލާނެ

ފަސްމަންޒަރު - ފުނަދޫ އަކީ އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތެޔޮ ރައްކާކުރަން ބޭނުންކުރާ މައި ރަށެވެ. ނަމަވެސް، މާލެ އާއި އެއާޕޯޓާ އެހާ ކައިރި ތަނެއްގައި ތެޔޮ ފަދަ ނުރައްކާތެރި އެއްޗެއް ރައްކާކުރާތީ ކުރިމަތިވެދާނެ ހާދިސާއެއްގެ އިންޒާރު އެކި ފަރާތްތަކުން ދެ އެވެ.

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލަން އެކި ސަރުކާރުތަކުން މަސައްކަތް ކުރިޔަސް، މިހާތަނަށް އައި އިރު ވެސް އެކަން އޮތީ ނުވެ އެވެ.

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލައި އެ ރަށް ކޮންވެންޝަން ޓޫރިޒަމަށް ހާއްސަކުރުމަކީ، މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވެވަޑައިގެންނެވި ވައުދެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް