އިސްލާމީ މަރުކަޒު (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އިސްލާމީ މަރުކަޒުގެ ފުރާޅު ބަދަލުކުރަނީ؛ 2 މިލިއަން ހަރަދުވާނެ

ފުރާޅުގެ ޓިނުތައް ހަލާކުވުމުގެ ސަބަބުން ވިއްސާރަ ދުވަސްތަކުގައި އެތެރެއަށް ވާރޭ ވެހުމުގެ މައްސަލަ ދިމާވޭ
19 ޖެނުއަރީ 2024

ހަލާކުވެ، ދަބަރަށް ވެފައިހުރި އިސްލާމީ މަރުކަޒުގެ ފުރާޅުގައި ހުރި ޓިނުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަށް ދެރަ ޓިނު ޓިނު ޖަހާފައި ހުރުމުގެ ސަބަބުން ދަބަރު ޖަހައިގެން ޓިނުތައް ހަލާކުވެފައިވާ ކަމަށެވެ.

"އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހާ ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފައި. އެތެރެއަށް [ވާރޭ] ވެހޭތީވެ ވިއްސާރަ ދުވަސްތަކުގައި އެތެރޭގެ ގިނަ ތަންތާ ހުންނަނީ ބާލިދީ ބަހައްޓާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ ގުއްބުގެ ދަށުން ފެން ލީކުވާތީ ހިޔާކޮށްފައި. (ދައުރު ފޮޓޯ)

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ތަނުގައި ޖަހާ ޓިނު ލިބެނީ ބޭރުންނެވެ. އަދި ވިދާޅުވީ އެކަމަށް 2 މިލިއަން ހަދަރުވާ ކަމަށާއި މަސައްކަތް އެބަ ކުރިއަށްދާ ކަމަށެވެ.

އެނގުން މުހިންމު - މާލޭ އިސްލާމީ މަރުކަޒަކީ އިސްލާމީ އެކި ގައުމުތަކުގެ އެހީގައި 1980ގެ ކުރީކޮޅު އަޅަން ފެށި މަރުކަޒެކެވެ. އެ މަސައްކަތް 10 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށްފަހު ނޮވެމްބަރު 1984ގައި ހުޅުވައިދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އިސްލާމީ މަރުކަޒު އިމާރާަތްކޮށްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ބަންގްސާގައި ހުންނަ މިސްކިތެއް ނަމޫނާއަކަށް ބަލައިގެން، އެއްގޮތަށެވެ. އެ ދެ ތަން ވެސް ފަރުމާކުރެއްވީ އެއް އާކިޓެކްޓެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް