31 އޮގަސްޓް 2023: ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެ މަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގަތުން. (ފޮޓޯ/އެމްޑީޕީ)
ބަޖެޓުން ފައިސާ ލިބޭ ސިޔާސީ ޕާޓީތަކުން އާރުޓީއައި ގާނޫނުން މައުލޫމާތު ހާމަކުރުން ލާޒިމް: އައިކޮމް
ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ސިޔާސީ ޕާޓީތަކުން ވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީ އިން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ ދެމެދު ވެފައިވާ ކޯލިޝަން އެއްބަސްވުމާ ބެހޭ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން ވަނީ އެމްޑީޕީގައި އެދިފަ އެވެ.
ތަފްސީލް - އެ ހުށަހެޅުމަށް އެމްޑީޕީ އިން އެއްވެސް ޖަވާބެއް ނުލިބުމުން މައްސަލަ ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ.
އެ ޝަކުވާ ބެލުމަށް ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ އިން ބުނެފައި ވަނީ، ސިޔާސީ ޕާޓީ ތަކަކީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި ބަޔާންކުރާ 'ދައުލަތުގެ އިދާރާ' ތަކުގެ މާނާގައި ނުބެލެވޭނެ ކަމަށް އެ ޕާޓީ އިން ދެކޭ ކަމަށެވެ.
ނަމަވެސް، އެމްޑީޕީ އަކީ ދައުލަތުގެ ބަޖެޓުން އެހީ ލިބޭ ޕާޓީއެއްކަމުން، އެ ޕާޓީ އަކީ ދައުލަތުގެ އިދާރާއެއްކަމަށް ބެލެވޭނެ ކަމަށާއި ޕާޓީ އިން ސާފުކުރަން އެދިފައިވާ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނިންމަވައިފަ އެވެ.
އެ ނިންމެވުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ފާހަގަ ކުރައްވާފައިވާ ގޮތުން:
-
ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކީ ދައުލަތިގެ އިދާރާ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް
-
އެމްޑީޕީ އަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ކަމަށް އެ ޕާޓީ އިން ފާހަގަކޮށްފައިވާ ކަމަށް
-
އެހެންކަމުން އެ ޕާޓީ އަކީ ދައުލަތުގެ އިދާރާ އެއް ކަމަށް ބެލެވޭނެ ކަމަށާއި އެ ގާނޫނު އެމްޑީޕީގެ މައްޗަށް ހިނގާނެ ކަމަށް
އެހެންވެ ކޯލިޝަން އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން އަމިއްލަ ފަރާތަކުން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް އެ އެއްބަސްވުމުގެ މައުލޫމާތު އެ ފަރާތަށް ދިނުމަށް ވެސް އައިކޮމްއިން ވަނީ އެމްޑީޕީއަށް އަންގައިފަ އެވެ.