ގަލޮޅު އާ ސަހަރާ؛ މޯޗަރީ ހުންނަނީ މިތަނުގައި(ފޮޓޯ/ސޯޝަލް މީޑިއާ)

ފައިސާ ނުދެއްކިފައި އޮތް 2 ބިދޭސީއެއްގެ ހަށިގަނޑު މޯޗަރީ ފީ މާފުކޮށް ދޫކޮށްލަނީ

އެ ދެމީހުންނަކީ ސްޕޮންސަރެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދިޔަ ބަގްލަދޭޝްގެ ދެ ރައްޔިތުން، އެ ދެމީހުންގެ ޒިންމާ ނަގާނެ މީހަކު ރާއްޖެއަކު ނެތް

އަނބުރާ ގައުމަށް ގެންދެވެންދެން ގަލޮޅު އާ ސަހަރާގެ މޯޗަރީގައި ބާއްވާފައިވާ ދެ ބިދޭސީއެއްގެ ހަށިގަނޑުގެ މޯޗަރީ ފީގެ ގޮތުގައި ދައްކަން ޖެހޭ 20،000ރ. މާލޭ ސިޓީ ކައުންސިލުން މިއަދު މައާފުކޮށްދީފި އެވެ.

ފާހަގަކޮށްލެވޭ - އެގޮތަށް ނިންމީ އެ ފައިސާ ދެއްކޭނެ ގޮތެއް ނެތްކަމަށް އާއިލާއިން އަންގާފައިވާތީ އެވެ.

ވީ ކިހިނެއް؟ - އެ ފީ މާއާފު ކޮށްދީފައި ވަނީ މިއަދު މާލޭ ސިޓީ ކައުންސިލުން ބޭއްވި ކައުންސިލު ބައްދަލުވުމަށް އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަކަށް މަޝްވަރާ ކުރުމަށް ފަހު އެވެ.

މޯޗަރީގައި އޮތް ބަގްލަދޭޝްގެ ދެ ރައްޔިތުންނަކީ:

  • ޒުހުރުލް އިސްލާހު

  • މަލިކު އަލީ

  • މި ދެ ހަށިގަނޑު މޯޗަރީގައި އޮންނަތާ 2 މަސް ވެއްޖެ

ފޮރިން މިނިސްޓްރީގެ ސިޓީގައި ވާގޮތުން:

  • އެ ދެމީހުންނަކީ ސްޕޮންސަރެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދިޔަ ދެ މީހުން؛ އެހެންވެ އެ ދެމީހުންގެ ޒިންމާ ނަގާނެ މީހަކު ރާއްޖެއަކު ނެތް

  • ހަށިގަނޑު އަނބުރާ ގެންދިއުމަށް އާއިލާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް؛ އެކަމުގެ ހަރަދު ހަމަޖެހޭނެ ކަމަށް

  • އެކަމަކު ހަށިގަނޑު މޯޗަރީގައި ބޭއްވުމަށް ހިނގި ހަރަދު ދެއްކޭނެ އެއްވެސް ގޮތެއް އާއިލާގައި ނެތް ކަމަށް؛ މޯޗަރީ ހަރަދަށް މިހާތަނަށް 20،000ރ އަރާފައިވޭ

  • އެކަމާ މެދު ކައުންސިލުން ގޮތެއް ނިންމާ ދިނުމަށް

ބުނީ ކީކޭ؟ - މިއަދުގެ ބައްދަލުވުމުގައި ރިޔާސަތު ބެއްލެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ކައުންސިލަށް އެކި ގޮތްގޮތުން ލިބެންޖެހޭ ޖޫރިމަނާއަކަށް ނުވާ ހުރިހާ ފީއެއް އެ ކައުންސިލުން ބޭނުންވާ ނަމަ މާއާފު ކޮށްދެވޭ ކަމަށެވެ. 

އެކަމަށް އަވަސް ހައްލެއް ހޯދާދީ، ގައުމަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މޯޗަރީ ފީ މާފް ކޮށްދިނުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން އެވެ.

އޭނާ ވިދާޅުވީ:

  • ހަވާލުވާނެ ފަރާތެއްނެތްގޮތަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ގިނަ ނަމަވެސް މިކަހަލަ ހާލަތެއްގައި އިސްކުރަން ޖެހޭނީ އިންސާނިއްޔަތުކަން

  • އިންސާނިއްޔަތަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ އެ ފީ މާފްކޮށްދިނުމަށް ފަހު އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލަން ފުރުސަތު ދިނުން

"އަނެއްކާވެސް މި ދިގު ދަންމައިގެން މަރުވެފައި އޮތް މައްޔިތެއް މިކަހަލަ ކަމެއްގައި ތަޅުވާ ހެދުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހާ ރަނގަޅު ގޮތެއް ނޫން. އެއީ ދީނީގޮތުން ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީ މިކަމުގައި ދެވެން އޮތް އެންމެ ލުޔެއްދީ، މިކަމުގައި އަވަސް ހައްލެއް ހޯދައިދީ މިކަން ކޮންމެ ވެސް ގޮތަކަށް ނިމޭނެ ގޮތަކަށް މިއީ އަޅުގަނޑު ހުށަހަޅާ ގޮތް، އެހެންވީމަ އެގޮތަށް ހުށަހަޅަން،" އައިފާން ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ތާއީދުކުރައްވަމުން ވިދާޅުވީ، ކުރިއަށް ނެރެން ޖެހޭނީ އިންސާނިއްޔަތުކަން ނަމަވެސް ގަވައިދާ ހިލާފަށް އެއްވެސް ލިޔެކިއުމެއް ނެތި ވެސް ވަރަށް ގިނަ ބިދޭސީން ރާއްޖޭގައި އުޅޭތީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މައްސަލަތައް ދިމާވާނެ ކަމަށެވެ. އެހެންކަމުން އެކަމަކީ ހައްލު ހޯދަންޖެހޭ ކަމެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދެ ބިދޭސީންގެ މޯޗަރީ ފީ މާފްކޮށްދިނުމަށް ހުށަހެޅުއްވި އައިފާން އަދި އެކަމަށް ތާއިދުކުރެއްވި މަރިޔަމް ނާޒިމާ(ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

އެޔަށްފަހު ނަރީޝް ވިދާޅުވީ، ގައުމަށް ގެންދެވެންދެން މޯޗަރީގައި ބާއްވާ ބިދޭސީންގެ މޯޗަރީ ފީ އާންމުކޮށް ދައްކަނީ އެ ބިދޭސީއަކު ރާއްޖެ ގެންނަ އެޖެންޓު ކަމަށެވެ. ނަމަވެސް، މި މައްސަލާގައި ގޮތެއް ނިންމަން ޖެހުނީ ހަށިގަނޑު މޯޗަރީގައި އޮންނަތާ ގިނަ ދުވަސްތަކެއްވުމާއި އޭނާއާ ރާއްޖެއިން ހަވާލުވާނެ މީހަކު ނެތުމުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް