ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ސީރިއާއިން ގެނައި މީހުން ދޫކޮށްލާނީ ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްފައި: އިހުސާން

މިނިސްޓްރީން ވަނީ ހަނގުރާމައަށް ދާ މީހުންގެ ތެރެއިން އަނބުރާ ގެންނަ އެއްވެސް މީހެއްގެ ފުށުން ދިވެހި މުޖުތަމައުއަށް އެެއްވެސް ކަހަލަ ބިރުވެރިކަމެއް ނޯންނާނެ ކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ދީފައި

ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވާން ދިޔަ މީހުންގެ ތެރެއިން މިއަދު ގެނައި 21 މީހުން މުޖުތަމައުއަށް ދޫކޮށްލާނީ އެ މީހުންގެ ފަރާތުން ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްފައި ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް -

  • ސީރިއާއިން މިއަދު ގެނައި އެކާވިސް މީހުން ނިސްބަތް ވަނީ ފަސް އާއިލާއަކަށް 

  • އެ މީހުން ރާއްޖެ ގެނައީ ބޯޓެއް ޗާޓަރުކޮށްގެން 

  • އޭގެ ތެރޭގައި 15 ކުޑަކުދިންނާއި 6 ބޮޑެތި މީހުން ހިމެނޭ

  • އޭގެ ތެރެއިން 5 މީހުންނަކީ އަންހެނުން؛ އެކަކީ ފިރިހެނެއް

ބުނީ ކީކޭ؟ - އެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ މީހުން، ހިންމަފުށީގައި ހުންނަ 'ނެޝަނަލް އިންޓަގްރޭޝަން ސެންޓަރު'ގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ. މިއަދު ގެނައި މީހުންގެ މެޑިކަލް އެސެސްމަންޓެއް ހެދި އިރު އެއްވެސް ބޮޑު ބަލިމަޑުކަމެއް ނެތްކަން ކަށަވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ދެން ކުރިއަށްދާނީ އެ މީހުންނަށް ހަދާ ހާއްސަ އެސެސްމަންޓުތަކެއް؛ މި އެސެސްމަންޓުން އެ މީހުން ތިބި ހާލަތު ދެނެގަންނާނެ

  • ހާލަތު ދެނެގަތުމަށް ފަހު ވަކިވަކި މީހުންނަށް ކުރިއަށް ގެންދަންޖެހެނީ ކޮންކަހަލަ ރިހިބިލިޓޭޝަން ޕްރޮގްރާމުތަކެއްތޯ ދެނެގަންނާނެ

  • އެ ޕްރޮގްރާމުތަކަށް ހުއްދަ ދޭނީ ރިހިބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ކޮމިޓީން

"އަޅުގަނޑުމެންގެ [ރިހިބިލިޓޭޝަން ތަޖުރިބާކާރުންނަށް] އެ މީހުންނަކީ މިހާރު ދިވެހި މުޖުތަމައު ތެރޭގައި އާންމު ހާލަތުގައި އުޅެވޭނެ މީހުން ކަމަށް ހުރިހާ ގޮތަކުން ވެސް ގަބޫލުކުރެވޭ ހިސާބަށް ދިޔައީމަ މުޖުތައުތެރެއަށް އެމީހުން ދޫކޮށްލުމުގެ މަސައްކަތް ފައްޓާނީ ވެސް،" އިހުސާން ވިދާޅުވި އެވެ.

ރިހިބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ކޮމިޓީގައި ހިމެނެނީ:

  • ސޯޝަލް އެންޑް ފެމިލީ ޑިިވިލޮޕްމަންޓް މިނިސްޓްރީ

  • ކައުންޓަރިން ޓެރަރިޒަމް ސެންޓަރު

  • ފުލުހުންގެ އިންޓެލިޖެންސް ސާވިސް

  • ފުލުހުންގެ ވިކްޓިމް ސަޕޯޓު ޑިޕާޓުމަންޓު

  • ޑިޕާޓުމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

  • ހޯމް ލޭންޑް މިނިސްޓްރީގެ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގެ ތަޖުރިބާކާރުން

އޭނާ ވިދާޅުވީ، މީގެ ކުރިން ސީރިއާއިން އައި އާއިލާ ރިހިބިލިޓޭޓުކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލުމަށް އެއް އަހަރު ދުވަސް ނެގި ކަމަށެވެ. އެކަަމަކު އެފަދަ މީހުން ރިހިބިލޭޓުކުރުމަށް ސެންޓަރުގައި ބަހައްޓާ މުއްދަތު ބިނާ ވަނީ އެ މީހަކު ރާއްޖެ އަންނައިރު ހުންނަ ހާލަތަށް ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންކަމުން މިއަދު ގެނައި އާއިލާ ސެންޓަރުގައި ބައިތިއްބައިގެން ރިހިބިލިޓޭޓު ކުރާނެ ސީދާ މުއްދަތެއް ބުނަން ނޭނގޭ ކަމަށް އިހުސާން ވިދާޅުވި އެވެ. 

އިހުސާން އިތުރަށް ވިދާޅުވިގޮތުން:

  • މިއަދުގެ ގެނައި އާއިލާތައް ރިހިބިލިޓޭޝަން އެންޑް ރީއިންޓަގްެރޭޝަން ކޮމިޓީން ކަނޑައަޅާ މުއްދަތަކަށް ތިބޭނީ އެ ސެންޓަރުގައި 

  •  އެ މީހުންނާއި، އެ މީހުންގެ އާއިލާތަކާ ވެސް ބައްދަލުކުރުމުގެ ފުރުސަތު ދޭނީ އެސެސްމަންޓުތަކުގައި ކަނޑައަޅާފައިވާ ވަކި ހިސާބަކަށް ދިއުމުން 

  • މީގެ ކުރިން ރިހިބިލިޓޭޓް ކޮށް ދޫކޮށްލި މީހުންގެ ފުށުން މިހާތަނަށް މުޖުތަމައުއަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވޭ

"އަޅުގަނޑުމެން ދިވެހި މުޖުތަމައުގެ ކިބައިން މިއެދެނީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް ލިބެންވާ ހައްގުތައް މި ކުދިންނަށް [ސީރިއާއަށް ދިޔަ އާއިލާތަކުގެ ތެރޭގައި ތިބި ކުޑަކުދިންނަށް] ހޯދާދިނުމަށް ދައުލަތުން ކުރާ މަސައްކަތައް އިތުބާރު ކުރައްވާ އެއްބާރުލުން ދިނުމަށް. އަޅުގަނޑުމެން ޔަގީންކަން މިއަރުވަނީ އަޅުގަނޑުމެން މި އަނބުރާ ގެންނަ އެއްވެސް މީހެއްގެ ފުށުން ދިވެހި މުޖުތަމައުއަށް އެެއްވެސް ކަހަލަ ބިރުވެރިކަމެއް ނޯންނާނެ ކަން ކަށަވަރުކުރާނަން،" އިހުސާން ވިދާޅުވި އެވެ.

މިއަދު ގެނައި 5 އާއިލާގައި ހިމެނެނީ ގިނައިން ކުޑަކުދިން ކަމުން އެ ކުދިންގެ ކަރާމަތަށް ގެއްލުންވާފަދަ އެެއްވެސް ކަމެއް މުޖުތަމައުގެ އެއްވެސް މީހަކު ނުކުރުމަށް އިހުސާން އިލުތިމާސްކުރެއްވި އެވެ. އެގޮތުން އެކުދިންގެ ޒާތީ މައުލޫމާތާއި، ފޮޓޯފަދަ ތަކެތި އާންމުކުރުންފަދަ ކަންކަން ވެސް އެއްވެސް މީހަކު ނުކުރުމަށް އިހުސާން އިލްތިމާސްކުރެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހޯމް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައި ވާގޮތުން:

  • މިއަދު ރާއްޖެ ގެނައީ ފަސް އާއިލާގެ 21 މީހުން

  • އޭގެތެރޭގައި 15 ކުޑަކުދިން ހިމެނޭ

  • 5 އަންހެނުން ހިމެނޭ

  • 1 ފިރިހެނަކު ހިމެނޭ

  • މިހާރު ވެސް ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވެގެން އެދިފައިވާ 90 މީހުން އެބަތިބި؛ އެ މީހުން ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާނެ

  • ހަނގުރާމަތަކަށް ދާން ބޭނުންވެގެން އެ ވިސްނުން ގެންގުޅޭ މީހުން އަދި ވެސް ރާއްޖޭގައި އެބަތިބި

އެނގުން މުހިންމު - ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިއުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. އެ ގާނޫނުގައި ވާގޮތުން:

  • އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހި ސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ، ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމަކީ ކުށެއް

  • ދައުވާ ސާބިތު ވެއްޖެ ނަމަ އަންނާނެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް

ކޮމެންޓް (1)

ގޯހުން ގޯހަށް!

17 ޖެނުއަރީ 2024
އަޅެ ބަލަ އެކުދިން ރާއްޖެ ދޫކޮށް ދިޔައީ ފިލައިގެން، ވަގަށޭ! ހައްދުފަހަނަ އަޅާ މީހުން ގޮސް ހާވާނެ ހަޑިއެއް ހާވައި ޝަހީދުވާން ދޫކޮށްލަންވީ. މިތަނަށް ގެނެސްގެން މިތާގެ ސަލަފްުކުދިން ވަރުގަދަވާނީ. މަތިވެރި މެދުމިނަށް ލޯބިކުރާ މީހުނަށް އުޅުމާ ނުކުޅަދާނަވާނެ. ކޮބާ ދީނަކީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް