ތުރުކީގައި ހުރި ސީރިއާގެ ރެފިއުޖީން ތިބޭ ކޭމްޕެއްެގެ ތެރޭގައި އަންހެނަކު: ގިނަ އަދަދެއްގެ ދިވެހިން އެތަނުގައި ހާލުގައި ޖެހިފައި އެބަ ތިބި

ސީރިއާގައި ތިބި ވިއްސަކަށް ދިވެހިން ރާއްޖެ ގެންނަން ޗާޓަރު ފްލައިޓެއް ފޮނުވައިފި

އެ އެންމެން ވެސް މުޖުތަމައަށް ނެރުމުގެ ކުރިން ރިހިބިލިޓޭޓް ކުރަން ނުވަތަ ޑިރެޑިކަލައިޒް ކުރަން ބައިތިއްބާނީ ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި
15 ޖެނުއަރީ 2024

ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް މީގެ އަހަރުތަކެއް ކުރިން އެ ގައުމަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހި ތާށިވެފައި ތިބި ވިއްސަކަށް ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ޗާޓަރު ފްލައިޓެއް ތުރުކީއަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައި، ސީރިއާގެ ހަނގުރާމައިގައި ހާލުގައި ޖެހި ރާއްޖެ ނާދެވިފައި ތިބި ދިވެހިންތަކެއް އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހޯމް ލޭންޑްގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ވެސް 'ދައުރު'އަށް މިއަދު ވިދާޅުވީ:

  • ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިންތަކެއް ގެނައުމުގެ އޮޮޕަރޭޝަން ކުރިއަށްދާ ކަމަށް 

  • އެ އޮޕަރޭޝަން ނިމުމުން އަންނަ ބުރާސްފަތި ދުވަހު އެކަމުގެ މައުލޫމާތު މީޑިއާތަކަށް ހާމަކުރެއްވޭ ވަރު ވާނޭ ކަމަށް ލަފާކުރައްވާ ކަމަށް ވިދާޅުވި 

ތަފްސީލް - ސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ސީރީއާގެ ރެފިއުޖީ ކޭމްޕެއްގައި ތިބި ދިވެހި އަންހެނުންތަކަކާއި އެ މީހުންގެ ދަރިން ރާއްޖެ ގެނައުމަށް ތުރުކީގެ ފެސިލިޓީއަކަށް ބަދަލުކޮށްފައި ތިބޭތާ މަސްތަކެއް ވެފައިވެ އެވެ. އެ މީހުންނާއި އާއިލާތަކުުން ސަރުކާރުގައި އެ މީހުން ރާއްޖެ ގެނެސްދޭން އެދެމުން އަންނާތީ އެކަން ކޮށްދެއްވަން ރައީސް ނިންމަވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެގޮތުން އޭނާ ވިދާޅުވީ:

  • އެ މީހުން ގެނައުމަށް ތުރުކީއަށް ފޮނުވާފައިވަނީ ސަރުކާރުން ޗާޓަރު ކުރި ރާއްޖޭގައި ހިންގާ އަމިއްލަ އެއާލައިނެއްގެ ފްލައިޓެއް

  • އެ މީހުންނަކީ އެކަން ކޮށްދޭން އެންމެ ހެޔޮ އަގު ހުށަހެޅި އެއާލައިން ކަމަށް އެ ބޭފުޅާ ވިދާޅުވި

  • އެ މީހުން ގޮވައިގެން އަންނަ ފްލައިޓް ބުދަ ދުވަހު ރާއްޖެ އަންނާނެ

  • ރާއްޖެ ގެންނަ މީހުންގެ ތެރޭގައި މުޅިން ވެސް ތިބީ އަންހެނުންނާއި އެ މީހުންގެ ދަރިން؛ އެއީ ގާތްގަނޑަކަށް 20 އަކަށް މީހުން 

  • އޭގެ ތެރެއިން ބައެއް ކުދިން ވިހާފައި ވަނީ ރާއްޖޭގައި ނޫން ކަމަށް ވުމުން، އެފަދަ ކުދިން ރާއްޖެ ގެނެސް ރަށްވެހިކަން ދިނުމުގައި ނިންމަން ޖެހޭ ހުރިހާ ގާނޫނީ ކަންކަން ނިންމާފައިވޭ

ފާހަގަކޮށްލެވޭ - އެ އެންމެން ވެސް މުޖުތަމައަށް ނެރުމުގެ ކުރިން ރިހިބިލިޓޭޓް ކުރަން ނުވަތަ ޑިރެޑިކަލައިޒް ކުރަން ބައިތިއްބާނީ ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ގާނޫނު ބުނާ ގޮތުން، އެ މީހުންގެ ރިހިބިލިޓޭޝަނަށް އެއް އަހަރު ދުވަހަށް އެ ތަނުގައި ބޭތިއްބެ އެވެ.

އެނގުން މުހިންމު - ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައި ތިބި ދިވެހި އަންހެނަކާއި އޭނާގެ ހަތަރު ކުދިން މީގެ ކުރިން  ރާއްޖެ ގެނެސް އެ ސެންޓަރުގައި ބައިތިއްބައިގެން ރިހިބިލިޓޭޓްކޮށް ދޫކޮށްލާފައިވެ އެވެ. 

  • 100އަށް ވުރެ ގިނަ ދިވެހިން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ކަމަށް ލަފާކޮށްފައިވޭ

  • 70 އަށް ވުރެ ގިނަ ދިވެހިން އެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ވެސް ބުނޭ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް