ރިލްވާން މައްސަލައިގައި ކުރީގެ ސަރުކާރުން ޕާސްޕޯޓު ހިފެހެއްޓި ހަސަން އަލީ: އޭނާއަށް މި ސަރުކާރުން އިސް މަގާމެއް ވަނީ ދީފައި. (ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ)

ރިލްވާންގެ މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި ހަސަން އަލީއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

ރިވާން ބޭރަށް ފުރި ކަމަށް ދެއްކުމަށް ފޭކް ލިޔުމެއް ތައްޔާރު ކުރި ކަމުގެ ތުހުމަތު ހަސަން އަލީގެ މައްޗަށް ކުރެވޭ
11 ޖެނުއަރީ 2024

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި ފަހުން، 2014 ވަނަ އަހަރު ތެރޭ އޭނާ ރާއްޖެއިން ބޭރަށް ފުރިކަމަށް ދެއްކުމަށް ފޭކް ލިޔުމެއް ތައްޔާރު ކުރި ކަމަށް ތުހުމާތުކުރެވޭ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ހަސަން އަލީއަށް މި ސަރުކާރުގެ އިސް މަގާމެއް ދީފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ހަސަން އަލީ އައްޔަންކޮށްފައިވަނީ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

ތަފްސީލު - ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 21 މިނިސްޓްރީގެ ތެރެއިން އެންމެ ޒިންމާތައް ބޮޑު މި މިނިސްޓްރީގައި މިހާރު ވެސް 15 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވި އެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ ނައިބުން.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ހަސަން އަލީ ހަމަޖައްސާފައި ވާއިރު، އެންމެ ފަހުން އޭނާ ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާޗު 2018ގައި އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ހަސަން އަލީ އެ މަގާމުން އިސްތިއުފާ ދެއްވީ، ރިލްވާންގެ މައްސަލައިގައި އޭނާއަށް މަރު ކޮމިޝަނުން ތުހުމަތުތަކެއް ކުރުމުން، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފެށުމާ އެކު އެވެ. ޖުލައި 2020ގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ޖޭއެސްސީން އޭނާއާ ގުޅޭ ގޮތުން ބެލި އެ މައްސަލައަށް ޖަވާބުދާރީވެވަޑައިނުގަންނަވަ އެވެ.

މަރު ކޮމިޝަނުން ރިލްވާންއާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން:

  • ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާކަން ދެއްކުމަށްޓަކައި އޭނާގެ ޕާސްޕޯޓެއް ހަދައިދިނުމަށް ދެ އިންޓެލިޖެންސް ފުލުހަކު ހަސަން އަލީ ގާތު އެދުނު 

  • އެގޮތަށް އެދުމުން، ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށް ރިޕޯޓުގައިވޭ؛ އަދި ޖަވާބުގައި އެ ދެ މީހުން ބުނެފައިވަނީ ރަސްމީ ލިޔެކިޔުން ނުގެނެވޭނެ ކަމަށް

  • ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް ބުނުމުން އެ މީހުން ބޭނުން ނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓުގައިވޭ

މިކަންކަން މަރު ކޮމިޝަނުން ކަށަވަރުކޮށްފައި ވަނީ، މި މައްސަލައިގައި ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނުން ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެއާ އެކު، އޭރު އޭނާގެ ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް