ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައިރު އީޔޫގެ އޮބްޒާވަރެއް ވޯޓުލާ މަރުކަޒުގައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑަށް އޮތީ އެއްބަޔަކު އަނެއް ބަޔަކަށް ދެކޮޅު ކެމްޕެއިން: އީޔޫ

އީޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް ދޮގު ހަބަރުތައް ފެތުރީ ދިޔަރެސް އާއި ރާއްޖެ ޓީވީ

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާ އިރު ދެ ވަނަ ބުރުގައި ދެ ފަރާތުން ވެސް ބޮޑަށް އޮތީ، ސިޔާސަތުތަކާއި ވައުދުތަކަށް ވުރެ ބޮޑަށް އެއްބަޔަކު އަނެއް ބަޔަކަށް ދެކޮޅު ކެމްޕެއިން ކުރުން ކަމަށް، އީޔޫގެ ޓީމުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ 9 އަދި 30 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކަންކަން ބަލަން ރާއްޖެ އައި ޔޫރަޕިއަން ޔޫނިއަން އިލެކްޝަން އޮބްޒަވޭޝަން (އީޔޫއޯއެމް)އިން އެގޮތަށް ބުނީ އިންތިހާބުގެ ކަންކަން ދިރާސާކޮށް އެކުލަވާލި ފަހު ރިޕޯޓްގަ އެވެ.

އިންތިހާބާ ގުޅިގެން 11 ހަފްތާއަށް ކުރިއަށް ގެންދިޔަ އެ އޮބްޒަވޭޝަނުގައި ހޯދި ހޯދުންތަކާއި ލަފާތައް އެ ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.

ބުނީ ކީކޭ؟ - އީޔޫގެ ވަފުދަށް ފެނުނު މައްސަލަތަކާ ބެހޭ ގޮތުން ރިޕޯޓްގައި ބުނީ ދޮގު މައުލޫމާތު ވަރަށް ބޮޑަށް ފަތުރާފައިވާ ކަމަށެވެ. އަދި ދޮގު މައުލޫމާތަކީ ކޮބައިކަން އާންމުންނަށް އަންގައިދޭނެ ނިޒާމެއް ނެތް ކަމަށް ވެސް ބުންޏެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފެތުރިވަރު ވަރަށް ބޮޑަށް އިތުރުވިކަން އީޔޫއިން ފާހަގަކުރި އެވެ.

"އެކަން ބޮޑުވަމުން ދިޔަ މިންވަރަކީ ވާދަކުރި ޕާޓީތަކުން އެ މީހުންގެ ސިޔާސަތުތަކާއި ވައުދުތައް އާންމުންގެ މެދުގައި ޕްރޮމޯޓްކުރުމަށް ވުރެ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅު ކެމްޕެއިންއަށް މާ ބޮޑު ސަމާލުކަމެއް ދިނުމެވެ،" ރިޕޯޓްގައި ލިއުނެވެ.

އެދުވަސްވަރު އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އީޔޫ ރިޕޯޓްގައި ވަނީ އެންމެ ބޮޑަށް ދޮގު މައުލޫމާތު ފެތުރި މީޑިއާގެ ނަންތައް ވެސް ހިމަނައިފަ އެވެ. އެގޮތުން އީޔޫގެ ވަފުދުން ދިރާސާކުރި ކޮންޓެންޓްގެ ތެރެއިން ދޮގު މައުލޫމާތު ފެތުރުމުގެ ނިސްބަތް އެކި މީޑިއާތަކަށް ބަހަލާއިރު ފެނުނީ؛

  • ދިޔަރެސް: %58 

  • ރާއްޖެ ޓީވީގެ ސޯޝަލް މީޑިއާ: %17

  • އަދަދު ނޫސް: %8 

  • ޗެނެލް 13: %7

ދެވަނަ ބުރުގައި ބައެއް މީޑިއާތަކުން ސޯޝަލް މީޑިއާގައި ފެތުރި ދޮގު މައުލޫމާތުތަކާ އެކު ކެންޑިޑޭޓުންގެ އިތުބާރު ރައްޔިތުންގެ މެދުގައި ވަރަަށް ބޮޑަށް ވެއްޓުނު ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.

"އެފަދަ ކޮންޓެންޓްތަކުގައި އޮޅުވާލުމުގެ އެތައް އުކުޅެއް ބޭނުންކުރި އެވެ،" ރިޕޯޓްގައި ލިއުނެވެ.

އީޔޫން ރާއްޖެއަށް ލަފާދިނީ ދޮގު މައުލޫމާތަކީ ކޮބައިކަން އާންމުންނަށް އެނގޭނެ ނިޒާމެއް ގާއިމްކުރާށެވެ. އަދި ގޯސް މައުލޫމާތެއް ފެތުރޭކަން އެނގޭ ހިސާބުން އެކަން ރަނގަޅުކުރުން ވެސް އެ ނިޒާމުގައި ހިމަނަން ޖެހޭނެ ކަމަށް ބުންޏެވެ.

ޔޫރަޕިއަން ޕާލިމަންޓުގެ އޮބްޒާވަރު، އަދި އީޔޫ ވަފްދުގެ ޗީފް އޮބްޒާވަރު ނާޗޯ ސަންޗޭޒް އަމޯޯއާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބަކީ ޓެކްނިކަލް ގޮތުން ވަރަށް ރަނގަޅަށް އަދި ޕްރޮފެޝަނަލްކޮށް ކުރިއަށް ގެންދިޔަ އިންތިހާބެއް ކަމަށެވެ. ނަމަވެސް ވޯޓު ގަތުމާއި، ޕަބްލިކް އޮފީސް އިންސްޓްރުމެންޓަލައިޒޭޝަންގެ އުސޫލުތަކާ، ކެމްޕެއިން ކުރުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމަށް އުނިކަން އަންނަ ކަންކަން ހިނގާފައިވާކަން ފާހަގަކުރި އެވެ.

އެގޮތުން ނެގި އެއް މައްސަލައަކީ ކެމްޕެއިން ހަރަދުތަކާއި މާލީ ހަރަދުތައް ދެފުށް ފެންނަ ނިޒާމަކުން ބަލަހައްޓާފައި ނުވާތީ އެކަމެވެ.

މީގެ އިތުރުން ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއަރުވަން އެ ރިޕޯޓުގައި 20 ލަފައެއް ދިނެވެ.  އޭގެ ތެރެއިން އިސްކަންދޭން ޖެހޭ ހަތް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  • ސިޔާސީ ހައްގުތައް ހަރުދަނާކުރުން، ވޯޓު ގަތުން ހުއްޓުވަން ސިވިކް އަދި ވޯޓާސް އެޑިއުކޭޝަން ހަރުދަނާކުރުން

  • އިންތިހާބީ ކެމްޕެއިންތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުން

  • ކެމްޕޭން ފައިނޭސްގެ ގާނޫނަށް އިސްލާހު ގެނެސް، ގަވާއިދުތައް ތަންފީޒުުކުރުން ހަރުދަނާކުރުން

  • އިންތިހާބަށް އިތުރު އެތިކަލް ކަވަރޭޖު ކުރިއެރުވުމަށް ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީން ދިނުން

  • ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ފެކްޓް ޗެކިން މަސައްކަތްތަކަށް އެއްބާރުލުން ދިނުން

  • އަންހެނުން ލީޑާޝިޕް މަގާމުތަކަށް އަހުލުވެރިކުރަން ފިޔަވަޅުތައް ތައާރަފް ކުރުން

  • ވޯޓުލާ މީހާގެ ނިޔަތް ސާފުވާން އޮންނަ ހާލަތުގައި ވޯޓު ކަރުދާސް ބާތިލުނުވާނެކަން ކަށަވަރުު ކުރުން

ކޮމެންޓް (1)

ދިވެހި

10 ޖެނުއަރީ 2024
ދިވެހިބަސް ނޭގޭ ބަޔަކު ކިހިނެއްތޯ މިފަދަ ބޮޑު މަސައކަތެއް ބަރާބަރަށް ކުރާނީ؟؟؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް