ކޭލަކުނުގައި އޮތް ބޮޑު ޖަންގަލީގެ ސަރަހައްދު: މިއީ މިފަދަ ގޮތަކަށް ޖަންގަލީގެ ސަރަހައްދެއް ރާއްޖޭގެ ރަށެއްގައި އޮންނަ ހަމައެކަނި ރަށް. (އެކްސް ފޮޓޯ/އިކޯ ކެއާ)

ތިމާވެށި

ހިމާޔަތްކޮށްފައިވާ ކޭލަކުނުގައި ރިސޯޓް ހަދާތީ ކަންބޮޑުުވުން ފާޅުކޮށްފި

އިކޯ ކެއަ އިން ވަނީ އެކަން ހުއްޓާލަން ގޮވާލައި އެ ތަނަކީ ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ބާއްވައިދޭން ސަރުކާރަށް ގޮވާލާފައި

ހދ. އަތޮޅުގައި އޮންނަ މީހުން ނޫޅޭ ރަށެއް ކަމަށްވާ ކޭލަކުނު އިކޯ ޓޫރިޒަމަށް ފައްކާކުރުމަށް ނިންމައި އެ މަސައްކަތް އަނެއްކާވެސް ސަރުކާރުން ފެށުމުން، އެކަން ހުއްޓާލަން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'އިކޯ ކެއަ މޯލްޑިވްސް' އިން ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ގުދުރަތީ ގޮތުން އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ކޭލަކުނަކީ ހިމާޔަތްކޮށްފައިވާ ރަށެއްގެ ގޮތުގައި ސަރުކާރުން 2018 ވަނަ އަހަރު ކަނޑައެޅީ ވެސް އެ ރަށުގައި ޓޫރިޒަމް ތަރައްގީކުރުމަށް ކުރީގެ ސަރުކާރުން މަސައްކަތް ކުރަން ފެށުމުން ތިމާވެށި ހިމަޔާތްކުރަން މަސައްކަތްކުރާ ޖަމިއްޔާތަކާއި ގިނަ އަދަދެއްގެ އާންމުން އެކަމާ ދެކޮޅަށް އަޑުއުފުލަން ފެށުމުންނެވެ.

މި ސަރުކާރުގެ 'ހަފްތާ 14'ގައި އެ ރަށް އިކޯ ޓޫރިޒަމަށް ތަރައްގީކުރަން ހިމަަނައި މިހާރު ވަނީ އެ މަސައްކަތް ފަށަން ނިންމާފަ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ އެ މަސައްކަތް ވީހާ ވެސް އަވަހަށް ފަށަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެ ރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމާ ދެކޮޅަށް އަޑުއުފުލައި އެއީ ހިމާޔަތްކޮށްފައިވާ ރަށަކަށް ހަދާފައި ވަނިކޮށް، އަލުން ޓޫރިޒަމްގެ ބޭނުމަށް އެ ރަށް ބޭނުންކުރަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން އިކޯ ކެއާ މޯލްޑިވްސް އިން ވަނީ އެ ޖަމިއްޔާގެ 'އެކްސް'ގައި ރޭ ކުރި ޕޯސްޓެއްގައި ގޮވާލާފަ އެވެ. 

ކޭލަކުނު. (އެކްސް ފޮޓޯ/އިކޯ ކެއާ)

ބުނީ ކީކޭ؟ - އެ ޕޯސްޓުގައި އިކޯ ކެއާ އިން ބުނީ:

  • ކޭލަކުނަކީ އާދަޔާ ހިލާފު ގުދުރަތީ ތަރިކައެއް

  • އެ ތަނަކީ ހިމާޔަތްކޮށްފައިވާ ތަނެއް ކަމަށް ކަނޑައަޅަން ޖެހޭ

  • ރަށުގެ ގުދުރަތީ ރީތިކަން ގެއްލުނަނުދޭން އެ ރަށަށް މީހުން އަރާފައިބާ މިންވަރު ވަކި މިންވަރެއްގައި ހިފަހައްޓަން ޖެހޭ

  • އެ ރަށް އޮތް ގޮތަށް ބާއްވަން 2017 ވަނަ އަހަރު ގޮވާލި ގޮވާލުން ތަކުރާރުކުރަން

  • ކޭލަކުނަކީ ހިމަޔާތްކޮށްފައިވާ ކުޅީގެ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ވެސް ކުރަން ޖެހޭ ކަމެއް

ކޭލަކުނުގައި އޮތް ކުޅި. (އެކްސް ފޮޓޯ/އިކޯ ކެއާ)

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުގައި އެ އޮފީހުގެ މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، އެ ރަށުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ވަކި ކަންކަމަކަށް ސަމާލުކަން ދީގެންނެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ރަށުގެ ގުދުރަތީ ރީތިކަމާ މޫދުގެ ގުދުރަތީ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަކަށް ތަރައްގީކުރެވޭނެ ގޮތެއް ދެނެގަތުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ތަފްސީލީ ދިރާސާއެއް ހެދުން

  • ރަށަށް ޒިޔާރާތްކުރާ ފަރާތްތަކާ ހާއްސަ ޑިޖިޓަލް ސެންޓަރެއް ގާއިމުކުރުން

  • ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނާއި ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމައަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުން

  • ރަށުގެ ފަރުތަކާ މުރަކަތަކަށް ގެއްލުން ނުވާނެ ގޮތަށް ރަށަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ފްލޯޓިން ރޫމްތަކެއް އެޅޭނެ ގޮތެއް އޮތްތޯ ބަލައި ދިރާސާ ކުރުން

އެނގުން މުހިންމު - ކޭލަކުނުގައި ޓޫރިޒަމް ތަރައްގީކުރަން 2017 ވަނަ އަހަރު ވެސް ހުޅުވާލި އެވެ. އެކަން އެ ފަހަރު ހުއްޓުނީ ތިމާވެއްޓަށް ލޯބިކުރާ ގިނަ ޖަމިއްޔާތަކާއި އާންމުން އެކަމާ ދެކޮޅަށް ކުރި ވަރުގަދަ ކެޕެއިންތަކަށް ފަހު އެވެ. އޭގެ ފަހުން އެ ތަނަކީ ހިމާޔަތްކޮށްފައިވާ ތަނެއް ކަމަށް ކަނޑައަޅާފައިވެ އެވެ. 

ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ އެ ރަށުގެ އެންމެ ހާއްސަ ސިފައަކީ ރަށުގައި އޮތް ބޮޑު ޖަންގަޔެވެ. މިއީ ރާއްޖޭގައި އެފަދަ ޖަންގައްޔެއް އޮތް ހަމައެކަނި ރަށެވެ. ޖުމްލަ 10 ހެކްޓަރުގެ ބޮޑު ކުޅިއެއް ވެސް އޮންނަ އެ ރަށަކީ ގުދުރަތީ ގޮތުން އާދަޔާ ހިލާފު ގަސްތަކެއް ފެންނަން ހުރި ރަށެކެވެ. އަދި މި ރަށަކީ އެކި ބާވަތުގެ ދޫންޏާއި ވެލާ ބިސް އަޅަން ވެސް އަރާ ރަށެކެވެ.

މި ރަށް ފަޅުވީ 1820 ވަނަ އަހަރު ކުރިމަތިވި އާދަޔާ ހިލާފު ކޮޅިގަނޑަކަށް ފަހު ކަމަށް ބުނެވެ އެވެ. 

ކޮމެންޓް (1)

މޫސާ

10 ޖެނުއަރީ 2024
ހިތަށް އަރަނީ މި އާޓިކަލް ލިޔުމުގެ ކުރިން މައުލޫމާތު އަދާހަމަ ނުކުރެއްވީ ކިޔެއްވެ ބާވައެވެ؟ ހިމާޔަތްކޮށްފައި އެރަށް ބާއްވައިގެން އޮށްވާ ތިޔަ ބުނުއްވާ ޖަންގައްޔެއް ވަނީ މަރުވެފައި ނެތި ގޮސްފައެވެ. އެރަށުން ކުރިން ފެނުނީ ފަޅަށް ހުރި ބޮޑު ކޮންމެ ރަށަކުންވެސް ހަމަ ފެންނާނެ މާހައުލެއް؛ އާދަޔާޚިލާފުވެގެން ތިޔަ އުޅުއްވަނީ އެފަދަ ރަށަކަށް ނުދުރުވެވޭތީހެން ހީވެއެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް