ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވޯކް ޕާމިޓް ދެން ދޫކުރާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކުން މެޑިކަލް ހަދައިގެން

އާ އުސޫލުތަކުގެ ދަށުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވާތާ 15 ދުވަސް ތެރޭގައި މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭ
3 ޖެނުއަރީ 2024

މާދަމާ އިން ފެށިގެން މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް ވޯކް ޕާމިޓް ދޫކުރެވޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މެޑިކަލް ހިދުމަތް ފޯރުކޮށްދޭ ތަނަކުން ހަދާފައިވާ މެޑިކަލް ރިޕޯޓު ހުށަހެޅުމުން ކަމަށް މިނިސްޓްރީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ވޯކް ޕާމިޓް ދޫކުރާ އުސޫލުތަކަށް މި ބަދަލު ގެނެސް މިނިސްޓްރީން އެކަން އިއުލާނު ކޮށްފައިވަނީ މިރޭ ގެޒެޓު ކުރި ލިޔުމެއްގަ އެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ވޯކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކުން އެ ޕާމިޓްގެ މުއްދަތު އިތުރުކުރަން ބޭނުން ނަމަވެސް، ހަމަ މި އުސޫލުގެ ދަށުން މެޑިކަލް ހުށަހަޅަން ޖެހޭނެ އެވެ. މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ. މީގެ އިތުރުން:

  • މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެ

  • މިވަގުތު ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރިނަމަ އެފަރާތަކަށް ރާއްޖެ އެތެރެ ވެވޭނ ީރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެން

  • މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހޭނެ

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މެޑިކަލް އާ ނުލާ ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް ވެސް އެންމެ ލަސްވެގެން ޖުލައި 4ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅަން މިނިސްޓްރީން އަންގާފައިވެ އެވެ.

އަންނަ މަހުގެ 4ގެ ފަހުން ފުރައިގެންދާ ބިދޭސީންގެ ވޯކް ޕާމިޓް ކެންސަލް ކުރެވޭނީ، މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާ ނަމަ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ. އެ މުއްދަތު ހަމަވެފައިވާ ނަމަ، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގެ ދަށުން، މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ - ކޮވިޑް-19 އާ ގުޅިގެން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ދިމާވި ދަތިތަކުގެ ސަބަބުން މިހާތަނަށް މެޑިކަލް އާ ނުލާ ވޯކް ޕާމިޓް ދޫކުރަމުން ގޮސްފައިވެ އެވެ. މިނިސްޓްރީގެ ފަރާތުން މި އުސޫލަށް ބަދަލު ގެނެސްފައި މިވަނީ، މިފަހުން ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ކޭސްތަކެއް ފެނި، އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް