ރާއްޖެއިން ދޫކުރާ އެސްއައިޑީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތް ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އިމިގްރޭޝަން އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ)

ޝިޕިން

ކުރިއަށް އޮތް 5 މަސް ތެރޭގައި ބޯޓު ދަތުރުކުރާ މީހުންނަށް އެސްއައިޑީ ދޫކުރެވޭނެ: ޓްރާންސްޕޯޓް

އައިއެލްއޯގެ މިންގަނޑަށް ފެތޭ އެސްއައިޑީ ދޫކުރުުމަށްޓަކައި، މިހާރު ކުރިއަށްދަނީ އެކަން ޔަގީންކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި
3 ޖެނުއަރީ 2024

އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ ގަވައިދުތަކާ އެއްގޮތަށް ބޯޓް ދަތުރުކުރާ މީހުންނަށް ދޫކުރަންޖެހޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ) އާއި ސީމަން ބުކް ދޫނުކުރެވި އޮތް މައްސަލައަށް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު ވޭތުވެ ދިޔަ 40 ވަރަކަށް ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ދިވެހިންގެ ތެރޭގައި ވަރަށް މަތީ ފެންވަރުގައި ބޯޓު ދަތުރުކުރުމުގެ މަސައްކަތް ކުރައްވާ ފަރާތްތައް އުޅޭކަން ފާހަގަކުރައްވައި އައިއެލްއޯ އަދި ބައިނަލްއަގުވާމީ މުއާހަދާތައް ގަބޫލުކުރާ މިންގަނޑަށް އެސްއައިޑީ ދޫނުކުރެވޭތީ ވަރަށް ބޮޑެތި މައްސަލަތައް ދިމާވެ އެ ބޭފުޅުންނަށް ލިބޭ ފުރުސަތުތައް ގެއްލިގެންދާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިހާރު ސަރުކާރުން އިމިގްރޭޝަންއާ ވާހަކަ ދައްކައިގެން އެ ކާޑު އައިއެލްއޯގެ ރެގިއުލޭޝަންސްގެ ތެރެއަށް ފައްތާފައި، މިހާރު ވާނީ އައިއެލްއޯ އިން ގަބޫލުކުރާ ކާޑެއްގެ ގޮތުގައި ޔަގީން ކުރުމަށްޓަކައި މިދިޔަ ހަފްތާގައި ފޮނުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކާޑަށް ބަދަލުތަކެއް ގެންނަން އައިއެލްއޯ އިން ލަފާދިން ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ބޯޓު ދަތުރުކުރާ މީހުންގެ މައްސަލަތަކައް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އަމީން ދެއްވި އެވެ.

އެނގުން މުހިއްމު - ރާއްޖޭން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން، ބޯޓު ދަތުރުކުރާ ކޮންމެ މީހެއްގެ އަތުގައި ވެސް ކޮންމެހެން އޮންނަން ޖެހޭ މި ލިޔުން ނުލިބުމުގެ ސަބަބުން ބޯޓު ދަތުރުކުރާ މީހުންގެ ވަޒީފާ ގެއްލި މިދިޔަ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.

ބޯޓު ދަތުރުވެރިންގެ ޝަކުވާ ބޮޑުވެ، އެތައް ލަސްތަކަކަށް ފަހު އިމިގްރޭޝަނުން މިދިޔަ ސެޕްޓެމްބަރު މަހު އެ ލިޔެކިޔުންތައް ދޫކުރަން ފެށި އެވެ. އިމިގްރޭޝަން އިން އެ ކާޑު ދޫކުރަން ފަށާފައިވަނީ ވީހާ ވެސް އަވަހަށް އެސްއައިޑީ ދޫކުރުމަށްޓަކައި ވަގުތީ ގޮތުން ބޭނުން ކުރެވޭ ކާޑެއް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް