މާލެއަށް ބޯކޮށް ވާރޭވެހުން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އާ އަހަރަށް މޫސުން ވަރަށް ގޯސް؛ މިއަދުވެސް ގަދަވަޔާ އެކު ބޯވާރޭ

މުޅި ރާއްޖެއަށް މެޓުން މިއަދު ނެރެފައިވާ ވައިޓް އެލާޓުގައި ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް

ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ވައިޓު އެލާޓު މިއަދު ނެރެފި އެވެ.

ވީ ކިހިނެއް؟  - އެ އޮފީހުން ނެރެފައިވާ ވައިޓު އެލާޓުގައި ވާގޮތުން މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 1 ޖެހުމާ ދެމެދު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެން ވެއެވެ. 

މެޓުން މިއަދު ވަނީ ބޯކޮށް ވާރޭވެހުމާއެކު ވިލާގަޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 9 އިން 1 ޖެހުމާ ހަމަޔަށް، ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓު ވެސް ނެރެފަ އެވެ.

ދުވަހު މާލެއަށް ބޯކޮށް ވާރޭވެހުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - މެޓުން ބުނީ، މިއަދު އިރުއޮއްސި 6 ޖެހުމާ ހަމަޔަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާ އެކު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. މެޓުން ބުނިގޮތުގައި:

  • އުތުރުގެ އަަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • މެދުރާއްޖެތެރެއަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ކަނޑުތައް އުތުރުގައި އަދި މެދުރާއްޖެތެރޭގައި ވެސް ގަދަވާނެ

  • އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން އުޅޭނީ 4 ފޫޓާ، 7 ފޫޓުގައި

  • މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާ، 5 ފޫޓުގައި

އެނގުން މުހިންމު - ހަފްތާ ބަންދާ ދިމާކޮށް މާލެ ހިމެނޭހެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަނީ ވިއްސާރަކުރަމުން ނެވެ. މެޓުން އާންމުކޮށްފައިވާ ރެކޯޑުތަކުން ދައްކާގޮތުގައި އިއްޔެ އިން ފެށިގެން މިއަދު ހެނދުނު 8 ޖެހުމާ ހަމަޔަށް އެންމެ ގަދަައަށް ވިއްސާރަކުރީ ލ. ކައްދޫ އަށެވެ. އެރަށަށް 119.0 މިލިލީޓަރުގެ ވާރޭވެހިފައި ވެއެވެ. ދެން އެންމެ ގަދައަށް ވިއްސާރަކޮށްފައިވަނީ މާލެ އަށެވެ. މާލެއަށް 73.7 މިލިލީޓަރުގެ ވާރޭވެހިފައި ވެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް