ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސް މިއަދު ވަނީ ޗުއްޓީއަށް ގޮސްފައި (ފޮޓޯ/މަޖިލިސް)

ޖޭއެސްސީ ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލު ހިމެނޭހެން 14 ބިލެއް ސަރުކާރުން އެދިގެން އަނބުރާ ފޮނުވާލައިފި

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް، އެތަނުގައި ސިޔާސީ މީހުން ނުހިމެނޭގޮތް ހެދުމަކީ ކުރީގެ ސަރުކާރާއި، މި ސަރުކާރުގެ ވެސް ވައުދެއް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުުރުމަަށް އެ ކޮމިޝަނުގެ ގާނޫނަށާއި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭހެން މިިދިޔަ ސަރުކާރުގައި އެޓާނީ ޖެނަރަލް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 14 ބިލެއް ސަރުކާރުން އެދިގެން އަނބުރާ ފޮނުވާލައިފި އެވެ.

ވީ ކިހިނެއް؟ - 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ، މަސައްކަތްތައް ނިންމާލާ މިއަދު ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. މިއަހަރުގެ ފަހު ދައުރު ތިން ފަހަރެއްގެ މަތިން ދަންމާލުމަށްފަހު މިއަދު މަޖިލީހުގެ މަސައްކަތްތައް ނިންމާލަމުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މި ދައުރުގައި 5 ބިލެއް ފާސްކުރެވިފައިވާ ކަމަށެވެ.

މަޖިލީހަށް ހުށަހެޅުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުށަހެޅި 14 ބިލެއް، އޭޖީ އޮފީހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެ ބިލުތައް ފޮނުވާލީ، މިހާރުގެ ސަރުކާރުން އެދިގެން ކަމަށް ވިދާޅުވި އެވެ.

ތަފްސީލް - އަނބުރާ ފޮނުވާލި ބިލުތަކުގެ ތެރޭގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަަހަޅާފައިވާ ދެ ބިލު ވެސް ހިމެނެ އެވެ. އެއީ މިދިޔަ ސަރުކާރުގައި މިއަހަރުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު، އަދި މިހާރުގެ މަޖިލީހުގެ ރައީސް އަސްލަމް ހުށަހެޅުއްވި، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމަނާގޮތަށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ ސަރުކާރުގައި ފުރަތަމަ ބިލެއް ހުށަހެޅީ، 13 އޮކްޓޫބަރު 2021ގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އެވެ. އޭގެފަހުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އޭނާ އެ ބިލު ހުށަހެޅުއްވި އެެވެ. ނަމަވެސް، އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް އެ މަޖިލީހުގެ ތަޅުމުން އެއިން އެއްވެސް ފަހަރެއްގައި އެ ބިލު ބަލައިގަނެފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މަހިނބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ފޮޓޯ/ މަޖިލިސް)

ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިދިޔަ ސަރުކާރުން އަލުން ހުށަހެޅީ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާއަށް މިދިޔަ ޖޫން މަހު އެވެ. އަސްލަމް ހުށަހެޅުއްވި އެ ދެ ބިލު މި ސަރުކާރުން އެދިގެން މިހާރުު އަނބުރާ ފޮނުވާލާފައިވާ އިރު، މަޖިލީހުގައި އެ ބިލާ ގުޅިގެން މާކަބޮޑު މަސައްކަތްތަކެއް މިދިޔަ ސަރުކާރުގައި ކޮށްފައެއް ނުވެ އެވެ. 

އެ ދެ ބިލު އަނބުރާ ފޮނުވާލިއިރު:

  • ޖޭއެސްސީގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު އޮތީ ފުރަތަމަ ކިއުން އިއްވުމަށް ފަހު މަޑުޖެހިފައި 

  • ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އޮތީ ފުރަތަމަ ކިއުން އިއްވުމުގެ މަރުހަލާގައި މަޑުޖެހިފައި

ޖޭއެސްސީ އެކުލެވިގެންވާގޮތް އިސްލާހުކުރަން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭ ހުޅުވާލި ސުވާލު ކަރުދާހުގެ ނަތީޖާއިން ދެއްކި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަންޑާރަނައިބު އަދި ސިވިލްސާވިސްގެ ރައީސް ޖޭއެސްސީގައި ހިމަނަން ރައްޔިތުން ބޭނުމެއް ނުވެ އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް

  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް

  • ބަންޑާރަ ނައިބު

  • މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއް

  • އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއް

  • ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް

  • ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް

  • ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް 

  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް

އެނގުން މުހިންމު - ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މިދިޔަ ސަރުކާރާއި، މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. 2019ގައި ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން ވިއްކި 'އެޖެންޑާ 19'ގައި ވެސް އެ ވައުދު ހިމެނެ އެވެ. ނަަމަވެސް، އެ ވައުދު ފުއްދުމުގެ ގޮތުން މިދިޔަ ސަރުކާރުގައި މި މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން މިނިވަންވެފައި އޮތް، ސިޔާސީ މީހުން ނުތިބޭ ތަނަކަށް ހަދަން ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

މަޖިލީހުގައި މަޑުޖެހިފައި އޮތް އެކަމާ ގުޅޭ ދެ ބިލު ސަރުކާރުން އަނބުރާ ގެންދެވިއިރު، ރައީސް މީގެ ކުރިން ވެސް ވަނީ، އެ ބިލަށް ބަދަލުތަކެއް ގެނެވެން އޮތް ނަމަ އެކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީ ތަމްސީލުކުރާ ގިނަ މެމްބަރުންތަކެއް މަޖިލީހުގައި މިހާރު ނެތުމަކީ އެ މަސައްކަތަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަން ފާހަގަކުރައްވާ ރައީސް އޭރު ވިދާޅުވީ، އެ މަސައްކަތަށް ހުރިހާ ޕާޓީތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީގެ ބައެއް މެމްބަރުން. (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހަށް ހުށަހެޅުމަށް މިދިޔަ ސަރުކާރުގައި ބިލުތަކުގެ ތެރެއިން މި ސަރުކާރުން އެދިގެން ފޮނުވާލި 14 ބިލުގެ ތެރޭގައި ދެން ހިމެނެނީ: 

  • 1-

    ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 2-

    ޒަކާތުގެ ބިލު

  • 3-

    ކަނޑުގެ ސަރަހައްދުތައް ބޭނުންކުރާނެ ގޮތް ޕްލޭން ކުރުމުގެ ބިލު

  • 4-

    މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 5-

    މަތީ ތައުލީމާ ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 6-

    ފޮރިން އިންވެސްޓްމަންޓުގެ ބިލު

  • 7-

    މަލީ ސެކިއުރީޓްޒްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 8-

    ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 9-

    ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 10-

    ވަޒީފާ ގެއްލޭ ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު

  • 11-

    އެޓާނީ ޖެނަރަލް އޮފީހުގެ ބިލު

  • 12-

    ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު

  • 13-

    ޓޫރިޒަމްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

އިތުރު އާޓިކަލް

އިތުރު އާޓިކަލް