ހުޅުމާލޭ ފޭސް ދޭއްގެ އާބާދުނުވާ އަދި މީހުން ވަނުން މަނާ ސަރަހައްދު. (ފޮޓޯ/އާބަންކޯ)

ހުޅުމާލެ

މަދިރި ގިނަކަމުން ފޭސް 2ގެ އާބާދުނުވާ ސަރަހައްދަށް ވަނުން މަނާކޮށްފި

ހުޅުމާލެއިން ފައިލޭރިއާގެ 5 ކޭސް ފެނިފައިވާއިރު މި ބަލިން ރައްކާތެރިވުމަށް އާބަންކޯއިން އިސްނަގައިގެން ހުޅުމާލޭގައި މަސައްކަތްތަކެއް ވަނީ ފަށާފައި
26 ޑިސެމްބަރު 2023

މި ދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ގިނަވެ، ހުޅުމާލޭ ފޭސް ދޭއްގެ އާބާދުނުވާ ސަރަހައްދަކީ ގަސްބޯ ސަރަހައްދަކަށް ވެސް ވުމާ އެކު އެ ސަރަަހައްދަށް ވަނުން އާބަންކޯއިން މަނާކޮށްފި އެވެ.

މައްސަލައިގެ ފެށުން - ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް މި މަހުގެ މެދުތެރޭގައި ކުޅުދުއްފުށިން ފެނިފައިވަނީ އެރަށުގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ.

ކުޅުދުއްފުށިން ބަލި ފެނުމުން، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ފައިލޭރިއާ އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މާލެ ސަރަހައްދުން ފާހަގަވި ފުރަތަމަ ފައިލޭރިއާ ކޭސް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު، ހުޅުމާލެއިންނެވެ.

މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ހުޅުމާލެއިން ފަސް ކޭސް ހިމެނޭ ގޮތަށް މާލެ ސަހަރައްދުން ފައިލޭރިއާގެ ޖުމްލަ ހަތް ކޭސް ވަނީ ފެނިފަ އެވެ.

ބުނީ ކީކޭ؟ - އާބަންކޯއިން ބުނީ މިއީ ހުޅުމާލޭގައި ވެސް އާދަޔާހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއް ކަމަށާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ވެސް ތަކުރާރުކޮށް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުން އަންނަ ކަމަށެވެ.

"އެހެންކަމުން ހުޅުމާލޭގެ ފޭސް 2ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށްވެފައި، މި ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް މި ކޯޕަރޭޝަނުން އިލްތިމާސް ކުރަމެވެ،" އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

ހުޅުމާލެ ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލު - ހުޅުމާލޭ ފޭސް ދޭއްގެ އާބާދުނުވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދަކަށް ނުވި ނަމަވެސް، އާބަންކޯއިން ބުނީ މަދުން ނަމަވެސް އާންމުން އެ ސަރަހައްދަށް ވަންނަކަން ފާހަގަވެ، އެ ސަރަހައްދަށް ނުވަނުމަށް ތަކުރާރުކޮށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

"ވީމާ ހުއްދައެއް ނެތި، ޒަރޫރީ އެއްވެސް ބޭނުމަކާ ނުލައި މި ސަރަހައްދަށް ނުވަނުމަށް އަންގައި އިއުލާން ކުރަމެވެ،" އާބަންކޯގެ ބަޔާނުގައިވެ އެވެ.

ގުޅުންހުރި ކަމެއް - ފައިލޭރިއާއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އެކި ޒޯނުތަކަށް ބަހާލައިގެން ހުޅުމާލެ ފޮގުކުރަން އާބަންކޯއިން ފަށާނެ އެވެ. އެކަން ކުރާނީ:

  • ފަތިހު 5އިން 6އަށް

  • ހަވީރު 6އިން 7އަށް

ހުޅުމާލޭ ފޮގު ކުރަން ފެށުން. (ފޮޓޯ/އާބަންކޯ)

ފޮގު ކުރާ ގަޑިތަކުގައި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނުނުކުތުމަށް އާބަންކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް