ހުޅުމާލެ މަގެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހުޅުމާލެ

މަދިރި މަރަން ހުޅުމާލެ ފޮގު ކުރަން ފަށަނީ

މާލެ ސަރަހައްދުން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވާއިރު، މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ހުޅުމާލެއިން އެކަނިވެސް މި ބަލީގެ ފަސް ކޭސް ވަނީ ފެނިފައި
26 ޑިސެމްބަރު 2023

މާލެ ސަރަހައްދުން ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މުޅި ހުޅުމާލެ ފޮގު ކުރަން ފަށަން އާބަންކޯއިން ތައްޔާރުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް މި މަހުގެ މެދުތެރޭގައި ކުޅުދުއްފުށިން ފެނިފައިވަނީ އެރަށުގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ.

ކުޅުދުއްފުށިން ބަލި ފެނުމުން، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ފައިލޭރިއާ އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މާލެ ސަރަހައްދުން ފާހަގަވި ފުރަތަމަ ފައިލޭރިއާ ކޭސް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު، ހުޅުމާލެއިންނެވެ.

މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ހުޅުމާލެއިން ފަސް ކޭސް ހިމެނޭ ގޮތަށް މާލެ ސަހަރައްދުން ފައިލޭރިއާގެ ޖުމްލަ ހަތް ކޭސް ވަނީ ފެނިފަ އެވެ.

ތަފްސީލު - އާބަންކޯއިން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ފައިލޭރިއާއިން ރައްކާތެރިވުމަށްޓަކައި އެ ކުންފުނިން އިސްނަގައިގެން މިއަދުން ފެށިގެން ހުޅުމާލެ ފޮގު ކުރަން ފަށާނެ ކަމަށެވެ.

އެކަން ކުރާނީ، އާބަންކޯއިން ބުނި ގޮތުގައި ހުޅުމާލެ 20 ޒޯނަކަށް ބަހާލައިގެން، ދެ ގަޑިއެއްގަ އެވެ. އެއީ:

  • ފަތިހު 5އިން 6އަށް

  • ހަވީރު 6އިން 7އަށް

"އެހެންކަމުން ޒަރޫރީ ބޭނުމެއްގައި ނޫނީ މިވަގުތުތަކުގައި ބޭރުގައި ނޫޅުމަށް އިލްތިމާސްކުރަން،" އާބަންކޯގެ ޕޯސްޓުގައިވެ އެވެ.

އެނގުން މުހިންމު  - ފައިލޭރިއާ އާއްމުކޮށް ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ ޗިކަންގުންޔާ އަދި ޑެނގީ ފަތުރާ އީޑީސް މަދިރިއާ ތަފާތު މަދިރިއެކެެވެ.

ފައިލޭރިޔާ ފެތުރެނީ މި މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ' ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލުވެެގެންނެވެ. މި ފަނި ދިރިއުޅެނީ އިންސާނާގެ ހަށިގަނޑުގައިވާ ލިމްފް ގޮށްތަކާއި ލިމްފް ދައުރުކުރާ ހޮޅިތަކުގެ ތެރޭގަ އެވެ. އެއަށް ފަހު، ބޮލުގެ ތެރެއިން އަގަ އާއި ތުންފަތަށް ވާސިލްވެ އެވެ.

މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ. އަބުދުލް އަޒީޒު ހަމީދު ވިދާޅުވާ ގޮތުގައި، މި ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށް ފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާއަށް ކުރިމަތި ކުރުވުމަށް ގާތްގަނޑަކަށް 8-12 މަހާ ދެމެދުގެ މުއްދަތެއް ނަގަ އެވެ. 

ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި:

  • ހުން އައުން؛ މި މަރުހަލާގައި ހުން އަންނަ އިރު ގޮށެއް ނުލާނެ

  • ހީކެރުވުން

  • ބޮލުގައި ރިހުން

  •  ހޮޑުލެވުން 

  • ހިތް ނުތަނަވަސް ވުން ފަދަ އުނދަގޫތައް 

ފައިލޭރިއާއަށް ދެވޭ ފަރުވާއަކީ އެއް ފަހަރު ބޭނުންކުރާ ދެ ބެހޭކެވެ. މި ބަލިން ރައްކާތެރިވުމަށް މަދިރި އުފެދި އާލަވާ ގޮތަށް ހުންނަ ތަންތަން ބަލައި އެފަދަ ތަންތަން ނައްތާލުން މުހިންމެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. އެއަށް ފަހު، 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާކަން ޔަގީންކުރަން ޑަބްލިއުއެޗްއޯގެ ޓީމެއް 2011 ވަނަ އަހަރު ރާއްޖެ އަ އެވެ. އެ ބަލި ނައްތާލެވިފައިވާ ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމަނާފައިވަނީ 2016 ވަަނަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް