އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކުރިއަށްއޮތް ދެ އަހަރެއްތެރޭ ހައްޖަށް ގެންދާ އަގު ކުޑަކުރެވޭނެ: ޝަހީމް

ޝަހީމް ވިދާޅުވީ އަގު ކުޑަކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އަހަރެއް ނުވަތަ ދެ އަހަރެއްތެރޭ އެކަން ހާސިލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް

ގިނަވެގެން ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭ ރާއްޖެއިން ހައްޖަށް ގެންދަން ނަގާ އަގު ކުޑަކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝަހީމް މިހެން ވިދާޅުވީ ރާއްޖެއިން ހައްޖަށް ދާން ބޭނުންވާ މީހުން ހައްޖަށް ގެންދިއުން ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

ބުނީ ކީކޭ؟ - މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖެއަށް ސައުދީ ދޭން ހުރިހާ ހައްޖު ކޯޓާއެއް ދައުލަތުގެ ކުންފުނި ހައްޖު ކޯޕަރޭޝަނާ ހަވާލުކުރީ ރައްޔިތުންނަށް ލަބަޔާ މަންފާ ހޯދަދިނުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކޮށް އެ މަޝްވަރާގެ އަލީގައި އެ ނިންމުން ނިންމި ބައެއް ސަބަބުތައް އޭނާ ވިދާޅުވެދެއްވި އެވެ.

އެގޮތުން އެއްކަމެއްގެ ގޮތުގައި ޝަހީމް ފާހަގަކުރެއްވީ، ފާއިތުވެ ދިޔަ އަހަރުތަކުގައި މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ކުންފުނިތަކުން ބޮޑު އަގު ނަގަމުންދިއުމުން އެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެ ކުންފުނިތަކުން ބިޑު އުސޫލުން ކޯޓާ ގަތުމަށް ފަހު ބޮޑު އަގުގައި އެ ކޯޓާތައް ވިއްކާ މައްސަލަތައް ވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ފެންމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެކަން ހައްލުކުރުމަށް ހައްޖު ކޯޕަރޭޝަނާ ހައްޖަށް ގެންދިއުން ހަވާލުކުރުމުގެ އިތުރުން، ހައްޖު ކޯޕަރޭޝަން އިތުރަށް ތަރައްގީކޮށް ހައްޖަށް ގެންދިއުމަށް ނަގާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ތަރައްގީ ކުރެވިއްޖެ ކަމަށްވާ ނަމަ، ކުރިއަށް އޮތްތަނުގައި އުމްރާއާ ހައްޖަށް ގެންދިއުމުގެ އަގު ވަރަށް ބޮޑަށް ކުޑަ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އަމާޒަކީ ކުރިއަށް އޮތް ދެތިން އަހަރެއްތެރޭގައި މިކަމަށް އަމަލީ ސިފައެއް ގެނައުން. އިރާދަކުރެއްވިއްޔާ ހައްޖަށް މީހުން ގެންދާ އަގު ކުޑަވެގެންދާނެ ރާއްޖޭގައި، އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ ހައްޖު ކޯޕަރޭޝަނުގެ ތެރެއިން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖެއަށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރަނީ ވަރަށް ފޮނި އުންމީދުތަކަކާ އެކު ކަމަށެވެ. އެ ކޯޕަރޭޝަނުން ހިދުމަތްތައް ރަނގަޅުކޮށް، ޒިންމާދާރުކަމާ އެކު ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހައްޖަކީ ދިވެހިންގެ މަތީ މަސްލަހަތަކާ ގުޅިފައިއޮތް އިސްލާމްދީނުގެ މަތިވެރި އަޅުކަމަކަށް ވުމުން ސަރުކާރުގެ ބެލުމުގެ ދަށުން ހައްޖަށް ގެންދިއުމުގެ ކަންކަން ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ މާކުރިން ވެސް ރާއްޖެއިން ހައްޖަށް ގެންދާ އެންމެން ހައްޖަށް ގެންދިޔުމަށް އެ ކުންފުނިން ތައްޔާރުވަމުން ގޮސްފައިވާ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިއަށް ވުރެ ކުޑަކުރެވޭނެ ގޮތަކަށް މިހާރު ވެސް ދަނީ މަޝްވަރާ ކުރަމުން ކަމަށް ވިދާޅުވި އެވެ.

"އެކިއެކި ދާއިރާތަކުން އިންވެސްޓްކޮށް ހައްޖު ކޯޕަރޭޝަން ތަރައްގީކޮށް އާމްދަނީ އިތުރުކޮށްގެން ނަމަވެސް، ހައްޖަށް މިހާރު މިނަގާ އަގު ކުޑަކޮށް މި ކޯޕަރޭޝަނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ،" ޝަކީލް ވިދާޅުވި އެވެ.

އެނގުން މުހިންމު - ޝަހީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުން، ބައެއް އަމިއްލަ ކުންފުނިތަކުން 75،000ރ. އާއި 90،000ރ. ދެމެދުގެ އަގު ޖަހައިގެން ބިޑު ކާމިޔާބުކުރުމަށް ފަހު، އިތުރަށް 75،000ރ. ވެސް ނަގަ އެވެ.

ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާތަކެއްދީ، ހައްޖަށް ގެންދިއުން ހަވާލުކުރަން ސަރުކާރުން ނިންމާފައި ވެސް ވަނީ އެ މައްސަލަ ހައްލުކޮށް، ހައްޖަށް ގެންދާ އަގު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް