އަލްހާން ފަހުމީ ކިންގްސް ލޯންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ލިބޭނެ ކަމަށް ބުނި ފައިދާއާ އެކު 7 ލައްކަ ރުފިޔާ ދޭން އަލްހާނަށް ހުކުމްކޮށްފި

ސިވިލް ކޯޓުން ހުކުމް ކުރީ އެ ފައިސާ 15 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން
26 ޑިސެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ސްކީމަށް އިންވެސްޓުކުރި ތިން މީހަކަށް، ދޭން ބުނި ފައިދާއާ އެކު  700،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މުއާމަލާތް ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން އަލްހާނާއި ސަހުބާން ފަހުމީއާ ދެކޮޅަށް ހުށަހެޅި ތިން މައްސަލައެއްގައި އިއްޔެ ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ތަފްސީލު - އަލްހާނާއި ސަހުބާން އަދި ކިންގްސް ކުންފުންޏާ ދެކޮޅަށް ނިންމި އެ މައްސަލަތަކުގައި ދައުވާކުރި މީހުންގެ ތެރެއިން:

  • އެކަކު ދައުވާކުރީ 557،750ރ. އަނބުރާ ހޯދަން (އެއީ ސްކީމަށް އިންވެސްޓުކުރި 110،000ރ. އާއި ފައިދާގެ ގޮތުގައި ލިބެންޖެހޭ 375،000ރ. އަދި ކޯޓުގެ ހަރަދަށް ހިނގި 72،750ރ.)

  • އިތުރު މީހަކު ދައުވާކުރީ 115،000ރ. ހޯދަން (އެއީ ސްކީމަށް އިންވެސްޓުކުރި 25،000ރ. އާއި ފައިދާގެ ގޮތުގައި ލިބެން ޖެހޭ 75،000ރ. އަދި ކޯޓުގެ ހަރަދަށް ހިނގި 15،000ރ.)

  • ތިން ވަނަ ދައުވާއަކީ 57،500ރ. ހޯދުމަށް (އެއީ ސްކީމަށް އިންވެސްޓުކުރި 15،000ރ. އާއި ފައިދާގެ ގޮތުގައި ލިބެން ޖެހޭ 35،000ރ. އަދި ކޯޓުގެ ހަރަދަށް ހިނގި 7،500ރ.)

އެ ތިން މައްސަލައިގައި ވެސް އަލްހާނާއި ސަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް ހުކުމް ކުރީ 25 ޑިސެމްބަރުން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެ ފައިސާ ދެއްކުމަށެވެ. އަދި ތިން މައްސަލައިގައި ވެސް ހުކުމް ކުރީ ދައުވާ ލިބޭ ފަރާތްތަކުގެ ގައިރުހާޒިރުގަ އެވެ.

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން 10 މާޗުގައި ބަޔާނެއް ނެރެ އާންމުންގެ ކިބައިން އެމްއެމްއޭއިން އެދުނެވެ. 

  • އެމްއެމްއޭގެ ބަޔާނާ އެކު 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކުރި 

  • އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ 15 މާޗުގައި 

  • ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ކިންގްސް ކުންފުނީގެ އެކައުންޓް އަންފްރީޒް ކުރުމާ އެކު، ވަރަށް ފަހަކާ ޖެހެންދެން އަލުން އެ ސްކީމް ކުރިއަށްގެން ދިޔަ ނަމަވެސް ކުރިން އިންވެސްޓު ކުރި ގިނަ އިންވެސްޓަރުންނަށް ފައިސާ ރައްދުކޮށްފައެއް ނުވޭ 

  • ރާއްޖޭގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް އަލްހާން ވިދާޅުވޭ

ގުޅުންހުރި ކަމެއް - އަލްހާންގެ ސްކީމުގައި ޖެހުނު މީހަކަށް 90،000ރ. ދައްކަން ސިވިލް ކޯޓުން މިދިޔަ މެއި މަހު ވެސް ކިންގްސް ކުންފުންނަށް ހުކުމްކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް