އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މ) - ފޮޓޯ/ހުސެއިން ސުނެއިމް

އެމްޑީޕީ

އެމްޑީޕީ މަޖިލިސް މެންބަރުތަކެއް ޕާޓީން ވަކިވަނީ؛ ފުރަތަމަ ޝަރީފް

އެމްޑީޕީގެ އެތެރޭގައި މިވަގުތު ޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ މިހާރު މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ ބައެއް މެންބަރުން ޕްރައިމަރީއަކާ ނުލާ ޓިކެޓް ބޭނުންވުން
26 ޑިސެމްބަރު 2023
7

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕާޓީ ތެރޭގައި އުފެދުނު ވާދަވެރި ކަމުގައި މައްސަލަ ހޫނުވެ އިދިކޮޅު އެމްޑީޕީގެ ހައެއްކަ މެންބަރަކު އެ ޕާޓީން ވަކިވާނެކަން ޔަގީންވެއްޖެ އެވެ. 

ފާހަގަކޮށްލެވޭ - އެ މައްސަލައިގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންފައިކަން އެ ޕާޓީން ކަށަވަރުކޮށްދެއްވަ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅަކު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ޕްރައިމަރީއަކާ ނުލާ ޓިކެޓް ހޯއްދަވަން މިހާރު ތިއްބެވި ބައެއް މެންބަރުން ޕާޓީއަށް ބާރު އެޅުއްވި އެވެ. އެހެން ނަމަވެސް ޕާޓީން ޕްރައިމަރީއެއް ބާއްވައިގެން ޓިކެޓް ދޭން ނިންމުމުން އެކަމާ ނުރުހުންފާޅުކޮށް ހައެއްކަ މެންބަރަކު ޕާޓީން ވަކިވާން ޖެހިދާނޭކަން އަންގާފައިވާ ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ. 

"ބޮޑަށް ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ހޯދަން ޖެހޭ މައްސަލައިގައި މި މެންބަރުންގެ ހިތްހަމަ ނުޖެހުން މި އޮތީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ލީޑަޝިޕްގެ އެ ބޭފުޅާ ވިދާޅުވި އެވެ. 

ތަފްސީލް - 'ދައުރު'އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ ޕީޖީގެ އިސް މެންބަރަކު ވިދާޅުވި މި ފަހަކަށް އައިސް މެންބަރު ޝަރީފް ވަނީ ޕާޓީގެ ބައެއް ކަންކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން އޭނާގެ ފާޅުކުރެއްވި ހިތް ހަމަ ނުޖެހުންތަކުގެ ގޮތުގައި މެންބަރު ވިދާޅުވީ: 

  • ޕާޓީން އޭނާގެ މަސައްކަތް ބަލައިނުގަތުން

  • ޕްރައިމަރީއަކާ ނުލާ މަޖިލީހުގެ މަރަދޫ ދާއިރާގެ ޓިކެޓް އޭނާ ބޭނުންފުޅުވީ ނަމަވެސް ޕާޓީން އެ ފުރުސަތު ނުދިނުން

  • ލީޑަޝިޕްގެ މަގާމެއް އޭނާއަށް ޕާޓީން ނުދިނުން 

މަޖިލީހުގެ ޖަލްސާއެއްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

"ޝަރީފްގެ ހިތްހަމަ ނުޖެހުންތަކެއް މި ފަހަކަށް އައިސްހުރި. އެހެންވެ އެ ކަންކަމާ ވިދިގެން ބޮޑަށް އިސްތިއުފާ ދެއްވި ކަމަށް މި ބެލެވެނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި މެންބަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ޝަރީފް އެމްޑީޕީން ވަކިވީއިރު އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

'ދައުރު'އާ ވާހަކަ ދެއްކެވި މެންބަރު ވިދާޅުވީ ޝަރީފް އޭނާ ކައިރީ އެކަން ދޮގު ކުރެއްވި އެވެ. އަދި ޕާޓީން ވަކިވަނީ ސިޔާސީ ކަންކަމުން ރިޓަޔާ ކުރެއްވުމަށް ކަމަށް ވިދާޅުވި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

"ޕީއެންސީއާ ގުޅުމަށް މެންބަރަކު ވަކިވާކަން އަދި ފާހަގަ ވެފައެއް ނެތް. އެކަހަލަ ވާހަކައެއް މެންބަރަކު ނުވެސް ދައްކަވާ،" އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ. 

ޝަރީފް ޕާޓީން ވަކިވި ދަނޑިވަޅާ ދިމާކޮށް، އެމްޑީޕީ ސަރުކާރުގައި މެލޭޝިޔާގެ ޑެޕިއުޓީ ހައިކޮމިޝަނަރަކަށް ހުންނެވި އޭނާގެ ދަރިކަނބަލުން މަރިޔަމް މިޒްނާ ޝަރީފް އެ މަގާމުގައި އަންނަ އަހަރުގެ މާޗުގެ ނިޔަލަށް ބަހައްޓަން މިދިޔަ ބުދަ ދުވަހު ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

އެ ލިޔުމުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ލިޔުމުގެ ސައްހަކަން 'ދައުރު'އަށް ވަނީ ޔަގީންކުރެވިފަ އެވެ. އެކަމަކު މިއީ ޝަރީފް އެމްޑީޕީން ވަކިވުމާ ގުޅުން އޮތް ކަމެއް ކަމެއް ޔަގީނެއް ނޫނެވެ. 

އެނގުން މުހިންމު - މިވަގުތު މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު އެ ޕާޓީގެ މެންބަރުންގެ އަދަދު 55 އަށް އަރަ އެވެ. 

ކޮމެންޓް (7)

ސޭކުސްތާން

27 ޑިސެމްބަރު 2023
ކިބުރުވެރި ބޮޱާ އިއްޒަތެއްނެތް މެމްބަރުކުދިންކޮޅެއް ބޭނުންވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ތަބަކަށްލާފަ ދޭން. ކިތަންމެ ވަރަކަށް ކެނޱުނަސް އެގޮތައް ކަންތައްނުކުރާތި ފަޔާ ބްރޯ. އުސޫލުތަކުގަ ހިފަހައްޓާލަން ވާނެ.
0 0

ޙޫއަދި

26 ޑިސެމްބަރު 2023
ކޮބާ،އަސްލު ރައީސް އިތުބާރުނެތް މައްސަލައެއް ވައްދަންއުޅުނީ ހަށިވިއްކަންވެގެން
2 0

ޙަލީމް

26 ޑިސެމްބަރު 2023
ޢިންޝާﷲ 14 މީހުން ވަކިވާނެ. ބަލަން ތިބޭ.
6 0

ރައީސް ޔާމީން

26 ޑިސެމްބަރު 2023
@ޙަލީމް 😂 54 ނޫންތަ
0 0

އަހަންމަދާ

26 ޑިސެމްބަރު 2023
@ޙަލީމް އެ 14 މީހުން ތިޔަމީހުންނާ ގުޅި ކުރިން ބުނިއެތި ކެންސަލްވެ މުއިއްޒުވާނެއެެވެ
0 0

އަފީފު

26 ޑިސެމްބަރު 2023
@އަހަންމަދާ އޮއްސެނީ އެހެންވެ އަވަހަށްރެކިގަންނަނީ
1 0

މޫންލައިޓް

26 ޑިސެމްބަރު 2023
@ޙަލީމް ޝަރީފަކީ ވިސްނޭ މީހެއް! ނުސިޔާނު ބައެއްގެ ތެރޭގައި އުޅެވޭތީ ނުސިޔާނު ގޮތްގަނޑެއް ހުންނަނީ، ތިމާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަންނަން މީހުން ބަލާނީ ތިމާއާ އެކުގައި އުޅޭ މީހުންނަކީ ކޮންކަހަލަ އަޚްލާޤެއްގެ ބައެކޭ ބުނެއުޅޭ ބީދައިން، ޝަރީފަށްވެސް ވީގޮތަކީ އެއީ، ފަހުން ރަނގަޅުވާނެ ކަމަށްފެނޭ. އިންޝާﷲ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް