ޕެންޝަން އޮފީސް ހުންނަ އެލައިޑް ބިލްޑިން އިމާރާތް. (ފޮޓޯ/މޯލްޑިވްސް ފައިނޭންޝަލް ރިވިއު)

ޕެންޝަން އޮފީސް

ޕެންޝަން ސްކީމް ހިންގަން ނަގާ ފީ ކުޑަކުރަން ނިންމައިފި

ޖެނުއަރީ 1 އިން ފެށިގެން ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ އަހަރަކު %0.5، ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ %0.3
25 ޑިސެމްބަރު 2023

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ހިންގަން ނަގަމުން އަންނަ އިދާރީ ފީ، އަންނަ މަހުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން ސްކީމް ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރަން ޕެންޝަން ބޯޑުން ނިންމި ނިންމުން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފަ އެވެ.

އެނގުން މުހިއްމު - މިހާތަނަށް ޕްރީ ރިޓަޔާމަންޓް ފަންޑުންނާއި، ޕޯސްޓް ރިޓަޔާމަންޓް ފަންޑުން، އިދާރީ ފީ ގޮތުގައި ނަގަނީ %0.6 އެވެ.

ޕްރީ ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ.

ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓްކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށެވެ.

ތަފްސީލް - ނަމަވެސް އަލަށް ގެނައި ބަދަލާ އެކު، މި ދެ ފަންޑުން އިދާރީ ފީގެ ގޮތުގައި ނަގަން ނިންމާފައިވަނީ ދެ މިންވަރެކެވެ. އެގޮތުން:

  • ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ޖެނުއަރީ 1 އިން ފެށިގެން ނަގާނީ އަހަރަކު %0.5

  • ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ޖެނުއަރީ 1 އިން ފެށިގެން އަހަރަކަށް ނަގާނީ %0.3

ބުނީ ކީކޭ؟ - ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން، އިދާރީ ފީގެ ގޮތުގައި ނަގާ އަދަދު ވީހާ ވެސް ކުޑަކުރުމަކީ ޕެންޝަން އޮފީހުން އަބަދު ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެކެވެ. އެގޮތުން:

  • މިއީ ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން މި އަދަދު ކުޑަކުރާ ހަތަރު ވަނަ ފަހަރު

  • މީގެ ކުރިން ފީ ކުޑަކުރީ 2015، 2017 އަދި 2018ގައި

އިދާރީ ފީ ނެގުމުގެ މަގުސަދަކީ، ޕެންޝަން ސްކީމް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުން ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ހަރަދު، އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދު، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދު، ކަސްޓޯޑިއަންގެ ހަރަދު އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނެ އެވެ.

"އިދާރީ ފީގެ ގޮތުގައި ނަގާ އަދަދުގެ ތަފްސީލު މެމްބަރުންގެ ރިޓަޔަމެންޓް ސޭވިންގްސް އެކައުންޓުގެ ސްޓޭޓްމަންޓުން އެނގެން ހުންނާނެ އެވެ. ސްޓޭޓްމަންޓާއި އެކައުންޓުގައި ހުރި ފައިސާގެ އެހެން ތަފްސީލުތައް ކޮޝާރު އެޕްލިކޭޝަނުންނާއި ވެބްސައިޓުން ފެންނާނެ އެވެ،" ޕެންޝަން އޮފީހުގެ ބަޔާނުގައިވެ އެވެ.

އެނގުން މުހިއްމު - ރިޓަޔާ ކުރުމަށް ފަހު އެހެން މީހަކަށް ބަރޯސާނުވެ އުޅެވޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ރިޓަޔަމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ގާނޫނުން މަޖުބޫރު ކަމެކެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންނާއި މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް އަމިއްލަ އިހުތިޔާރުގައި މި ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.

ޕެންޝަން ފަންޑު:

  • ކޮންމެ މަހަކު ފަންޑަށް ޖަމާވާނީ މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރަ ކަމަށްވާ އަސާސީ މުސާރައިގެ %7؛ އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރަން ޖެހޭނެ

  • މިގޮތުން ޖަމާކުރާ ފައިސާ ޕެންޝަން ގާނޫނުގައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުން އިންވެސްޓްކުރޭ؛ އެ އިންވެސްޓްމެންޓުން ލިބޭ ފައިދާ ހުރިހާ ބައިވެރިންގެ މެދުގައި ހަމައަށް ބަހާލާ

  • ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ވެސް ލިބޭނީ އުމުރުން 65 އަހަރު ފުރި، ރިޓަޔާ ވުމުން؛ ބައެއް ހާލަތްތަކުގައި އާލީ ރިޓަޔަމަންޓް ނެގިދާނެ

ރިޓަޔާ ކުރުމުގެ ކުރިން ޕެންޝަން ފަންޑުން ލާރި ނެގޭނީ ހަމައެކަނި ދެ ހާލަތެއް މެދުވެރިވެގެންނެވެ. އެއީ:

  • ހައުސިން ޑައުންޕޭމަންޓް ދެއްކުމަށް

  • ފަރުލު ހައްޖު އަދާ ކުރުމަށް 

  • މި ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން، ވަކި ޝަރުތުތަކާ އެކު

އިތުރު އާޓިކަލް

އިތުރު އާޓިކަލް