ޕޮލިސް ކޮމިޝަނަރު ކަމަށް އަލީ ޝުޖާއު އައްޔަނުކުރެއްވުން

ފުލުހުން

ޕޮލިސް ކޮމިޝަނަރު ކަމަށް ޝުޖާއު އައްޔަން ކުރައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުވެރިވާ ބަޔަކު ބެލުމަށް އިއުލާން ކުރުމުން އެކަމަށް ކުރިމަތި ލެއްވީ، ޝުޖާއުގެ އިތުރަށް އެސްޕީ އިސްމާއިލް ނަވީން

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ރައީސް މުހަންމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ މުއްދަތު މިމަހުގެ 19އަށް ހަމަވި އިރު އެ މަގާމަށް ކުރިމަތިލެއްވީ އޭސީޕީ ޝުޖާއުގެ އިތުރުން، އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އެވެ. 

އެ ދެބޭފުޅުންގެ ތެރެއިން ކޮމިޝަނަރު ކަމަށް އައްޔަންކުރަން ޕޮލިސް ބޯޑުން ލަފާ ދެއްވާފައިވަނީ ޝުޖާއު އަށެވެ. ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ އެ މަގާމަށް ޝުޖާއު އައްޔަންކުރައްވައި، ލިއުން ހަވާލުކޮށްދެއްވައިފަ އެވެ.

އެނގުން މުހިންމު - ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ސީދާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު ނުލިބެ އެވެ.

ގާނޫނުގައިވާ ގޮތުން:

  • އެ މަގާމަށް ކުރިމަތިލަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށް ވާން ޖެހޭ

  • ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރާނެ

  • ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެމީހުންނާ ބެހޭ ރިޕޯޓެއް ހަދާނެ

  •  އެ ރިޕޯޓްގައި، ކޮމިޝަނަރަކަށް އައްޔަންކުރަން ޝަރުތު ފުރިހަމަވޭތޯ، އަބުރުވެރިކަން ހުރި ނިސްބަތް އަދި ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ނުޖެހޭ ސަބަބެއް އޮތް ނަމަ އެކަން ހިމަނާނެ

  • ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ހުށައަޅާ ނަންތައް ވަޒަންކޮށް، ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް